ފިޔޯރީގެ 3 އަވަށް ކަމުގައިވާ ލިލީ ، ކަރަންކާ އަދި ޗާނދަނީ ނަމުގައި ވާދަކުރެވޭ ގޮތަށް އެކި އުމުރުފުރާ ތަކަށް ހުޅުވާލައިގެން ފިޔޯރީ ކައުންސިލްގެ 1443ހ އަހަރުގެ ޤުރުއާން މުބާރާތް ބާއްވަން ތައްޔާރުވެއްޖެއެވެ.
ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިއުނިޓީ އެމްޕަވަރމެންޓް( ފޭސް) އާއި ޙަވާލު ކޮށްގެން މި މަހުގެ 22 ން 24 އަށް ބާއްވަން ނިންމާފައިވާ ޤުރުއާން މުބާރާތަކީ ފިޔޯރީ ކައުންސިލް އިން 40000 ރުފިޔާ ކަރަދު ކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެކެވެ.
މުބާރާތުގެ ފޯކަލް ޕޮއިންޓް އަދި ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުގެ މުބާރާތް އެހެން ފަހަރުތަކާ ތަފާތުވާނެ ކަމަށާއި މުޅި ރަށަށް ހުޅުވާލައިގެން ކުރިޔަށް ދާއިރު ސްކޫލް ނަމުގައި އަދި ޖަމްޢިއްޔާ އެއްގެ ނުވަތަ އަމިއްލަ ފަރާތަކުން ބައިވެރިވިޔަސް ވާދަ ކުރާފަރާތުން ބައިވެރި ވެވޭނީ ކުރެވނީ އެމީހަކު ނިސްބަތްވާ އަވަށުގެ ނަމުގައި ކަމަށެވެ. އެހެން އެގޮތަށް އޮތުމުން އަވަށް ތަކަށް ވަނަ ދެވޭނެކަމަށާއި އަވަށު ވާދަވެރިކަން ގެނައުމުން ވާދަވެރިކަން ބޮޑު ވެގެންދާނެ ކަމަށްވެސް ފައިޒަރު ވިދާޅުވިއެވެ.
މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2 އަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުގައި މުހިންމު ވަނަ ތަކަށް ޚާއްޞަ އިނާމެއްގެ ގޮތުގައި ކައުންސިލް ގެ ރައީސް ދެއްވާ ހަނދާނީ ފިލާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބަލައިގެން އަދި ހިތުން ކިޔުމުގެބައި ވަކިން ކުރިއަށްދާ ގޮތަށް ހަމަޖައްސާފައިވާ މި މުބާރާތުގެ 1 ވަނައަށްދާ ފަރާތަކަށް 10000 ރުފިޔާ ގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ފިޔޯރީ ކައުންސިލް ފޭސް ޤުރުއާން މުބާރާތް 1443 ގައި ގިނަ ފަރާތްތަކުން ބައިވެރިވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށް ކައުންސިލާއި ފޭސް ޖަމްޢިއްޔާއިން ހާމަކުރެއެވެ.
މިމުބާރާތް ވަނީ ހުރިހާ އުމުރުފުރާ އަކަށްވެސް ބައިވެރިވެވޭ ގޮތަށް މުޅި ރަށަށް ހުޅުވާލާފައެވާ. މި މުބާރާތުގައި ބައިވެރިވާ ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިންނާއި ފޭސް ޖަމްޢިއްޔާއިން ހިންގާ ތަދްރިސުލް ޤުރުއާން ކްލާހުން ދޫކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ފިޔޯރީ ކައުންސިލް ފޭސް ޤުރުއާން މުބާރާތަކީ ފިޔޯރީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި، ޤުރުއާނުގެ ފަންނު އާލަކޮށް ދިރުވައި ފެތުރުމުގެ މަޤުޞަދުގައި ފިޔޯރީ ކައުންސިލާއި ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިއުނިޓީ އެމްޕަވަރމެންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.