މަސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން ކުރަމުންއަންނަ ކަމެއް ކަމަށާއި, މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު މަސްވެރިން ބާނާ މަސްނުކިރި ސަލާންޖަހަން ޖެހުން ހުއްޓުވޭނީ ކޮން ދުވަހަކުންތޯ ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުނެފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޝާޖިން ބުނީ, މިކަމަކީ ކޮންމެ އަހަރަކުވެސް މަސްވެރިކަމުގެ މޫސުމާއި ދިމާކޮށް މަސްވެރިންނާއި ކުރިމަތިވާ ވަރަށް ހިތްދަތި ކަމެއް ކަމަށާއި, މިހާތަނަށް އެއްވެސް ސަރުކާރަކުން މިމައްސަލައަށް ހައްލެއް ހޯދައިދެވިފައި ނުވުމަކީ މަސްވެރިންނާމެދު ފަރުވާކުޑަކުރުން ކަމަށެވެ.
ކޮންމެ ސަރުކާރެއްވެސް އަންނަނީ މަސްވެރިންނަށް ބޮޑެތި ވައުދުތަކެއް ވެފައި. ވައުދުތަކަކުން މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުނުކުރެވޭ. މިކަމަކީ އެތަކެއް ރައްޔިތުންނެއް އާމްދަނީ ހޯދަން ކުރާ މަސައްކަތެއް. އެހެން ނަމަވެސް އެއްވެސް ސަރުކާރަކުން މިކަމަށް ހައްލު ހޯދައިނުދެވުމަކީ ހިތާމަކުރަން ޖެހޭ ކަމެއް. ޝާޖިން ބުޏްނެވެ.
ޝާޖިން އިތުރަށް ބުނީ, މަސްވެރިކަން ކުރިއަރުވަން މަސައްކަތް ނުކޮށް އެހެނިހެން ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމަކީ ގައުމު ތަރައްގީ ވުން ކަމަށް ނުދެކޭ ކަމަށާއި, ފެނާއި ނަރުދަމާ އަދި އެހެނިހެން ކަންތަކާ އެއްވަރަށް ރައްޔިތުން އާމްދަނީ ހޯދަން ކުރާ އެންމެ ބުރަ އަދި އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާ މަސްވެރިކަންވެސް މުހިންމު ކަމަށެވެ.
ބްރިޖެއް އެޅުމަކުން ނުވަތަ ބޮޑު ސްޓޭޑިއަމް އެއް އެޅުމަކުން ގައުމު ތަރައްގީ ނުކުރެވޭ. ގައުމު ތަރައްގީ ވަނީ ރައްޔިތުންގެ ޖީބަށްވެސް ބަރުވެގެން. މަސައްކަތްތެރިން ކުރާ މަސައްކަތުގެ ހަމަ އަގު ލިބިގެން. މަސްވެރިކަން ތަރައްގީކުރުމަށް އިތުރު އިންވެސްޓް ކުރަންޖެހޭ. މަސްވެރިން ބާނާ މަހުން އެމަސައްކަތް ކުރެވޭ ވަރަށް ދައުލަތަށް އާމްދަނީ ލިބޭނެ – ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޝާޖިން ބުންޏެވެ.
ޝާޖިން އިތުރަށް ބުނީ, މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލައާއި ބޭނުންވާ ވަރަށް އައިސް ނުލިބޭ މައްސަލައަކީ އާންމުކޮށް ދިމާވާ ކަމެއް ކަމަށާއި, މިކަމަށް ހައްލުހޯދައި ދިނުމަށް ސަރުކާރުތަކުން ނުކުޅެދިފައިވާ ކަމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
އަދި މަސްވެރިކަމުގެ މައި ހަބު ކަމަށްވާ ހުވަދު އަތޮޅުގައި ހުންނަ މިފްކޯ ކޫއްޑޫ މަސް ފެކްޓްރީގެ ކެޕޭސިޓީ އިތުރު ކުރުމަށް އެހާ ޒަމާންވެގެންދިޔައިރުވެސް ސަރުކާރުތަކުން މަސައްކަތެއް ކުރެވިފައި ނުވުމަކީ މަސްވެރިންނާއި ދޭތެރޭ ސަރުކާރުތަކުން އިހުމާލުވުން ކަމަށާއި, ކޫއްޑޫއަކީ މަސްވެރިން ބާނާ މަސްގަތުމުގެ ކަންކަމަށް ޚާއްސަކުރެވިފައިވާ ތަނަކަށްވީހިނދު އެތަން ތަރައްގީނުކޮށް, އެއަރޕޯޓްއަކާއި ޓުއަރިޒަމް އަށް ތަރައްގީކުރުމަކީ ސަރުކާރުތަކުން މަސްވެރިންނާއި ދޭތެރޭ ނުވިސްނައި ކޮށްފައިވާ ކަންތައްތަކެއް ކަމަށެވެ.
މަސްވެރިކަމަކީ އަބަދު އެއްވަރެއްގައި އޮންނަ ކަމެއް ނޫންކަމުން, މިފަދަ މަސްވެރިކަން ރަނގަޅުވެގެންދާ ދުވަސްވަރެއްގައި މަސްވެރިން ބާނާ މަސް ގަތުމަށް ކުންފުނިތަކުން ތައްޔާރުވެފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި, މަސްވެރިން ކުރާ އާދޭސް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ސާޖިން ބުންޏެވެ.
ސާޖިން މިހެން ބުނެފައިވާއިރު, ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެ މަސްވެރިން ގިނަ އަދަދަކަށް މަސްބޭނުމުގެ ސަބަބުން މިފްކޯއިން ހިންގާ ކޫއްޑޫ އިން މަސްގަންނަ އަގު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން މިއަދު މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ކިއުގައި ހުރި ދޯނިފަހަރުގެ މަސް މެނޭޖްކުރެވެންދެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯއިންވަނީ ހަމަޖައްސާފައި ކަމަށެވެ.