ދުނިޔެ
އިންޑިއާއިން ލަންކާއަށް ތެޔޮ ފޮނުވަން ފަށައިފި

އިޤްތިޞާދީ ނާޒުކު ޙާލަތެއް ކުރިމަތިވެފައިވާ ސްރީލަންކާއަށް އިންޑިޔާއިން ތެޔޮ ފޯރުކޮށްދޭން ފަށައިފިއެވެ.

ސްރީލަންކާގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ތެޔޮ ފޮނުވާފައިވާނެކަމަށެވެ. އެ ގޮތުން އެންމެ ފަހުން ފޮނުވާފައިވަނީ 36،000 ޓަނުގެ ޕެޓުރޯލާއި 40،000 ޓަނުގެ ޑީސަލުކަމަށް އިންޑިޔާގެ ހައި ކޮމިޝަނުން ބުނެފައިވެއެވެ. އެއާއެކު ސްރީލަންކާއަށް ޖުމުލަ 270,000 ޓަނުގެ ތެޔޮ އިންޑިޔާއިންވަނީ ފޯރުކޮށްދީފައެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ މަޖުބުރުވެފައެވެ. ސްރީލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. އެ ގޮތުން އެތައް ބިލިޔަން ޑޮލަރެއްގެ ލޯން ދިނުމަށް ސްރީލަންކާއިންވަނީ އިންޑިޔާއާއި ޗައިނާގައި އެދިފައެވެ. އެ ގޮތުން އިންޑިޔާއިންވަނީ ފަހުން ފައިސާދައްކާގޮތަށް އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާބޯތަކެއްޗާއި ހަނޑުލާއި ތެލާއި ބޭސް ސްރީލަންކާއަށް ފޮނުވުމަށް އެއްބަސްވެފައެވެ.

ސްރީލަންކާގެ އިޤްތިޞާދު ހީނަރުވެ ދިރިއުޅުމުގެ ޙާލަތު ގޯސްވުމުގެ ސަބަބުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ޢާއްމުންވަނީ މުޒާހަރާކުރަން ފަށައިފައެވެ. އެއާއެކު އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަރުކަޒީ ބޭންކުގެ ގަވަރުނަރުވަނީ އިސްތިޢުފާދީފައެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތުވަނީ ސުރީ ލަންކާގެ ސަރުކާރަށް ގެއްލިފައެވެ. ނަމަވެސް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަވަނީ އިސްތިޢުފާނުދެއްވާނެކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!