ހޯރަފުށީގައި ސަރުކާރުން ތަރައްގީ ކުރި އެއަރޕޯޓު ހުޅުވި ފަހުން އިތުރު ދެރަށެއްގައި އެއަރޕޯޓް ތަރައްގީކޮށް ހުޅުވާ, ޚިދުމަތް ދެވޭހާ ގިނަ ފައިސާ އެއެއަރޕޯޓަށް ޚަރަދު ކުރެވިއްޖެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ރަށް ގިރުމުގެ މައްސަލަ ދިމާވެ, ހޯރަފުށި އެއަރޕޯޓު ހެދުމަށް ހިއްކި ބިމާއި ހޯރަފުށި ގުޅާލުމަށް ހަދާފައިވާ މަގު ވަކިކުރުމަށް ނިންމާފައިވާތީ, އެކަމާއި ގުޅިގެން ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަން އަވަސް އަރުވާލައިގެން ވަކި ބަޔަކަށް މަންފާ ހޯދުމަށް ކަންކުރީމައި އޭގެ ގެއްލުން ވާނީ ރައްޔިތުންނާއި ދައުލަތަށް ކަމަށެވެ.
އޭގެ އިތުރުން ނަރީޝް ވިދާޅުވީ, އެއެއަަރޯޓު ތަރައްގީ ކޮށްފައިވަނީ އީއައިއޭ ސާރވޭ ކޮށްފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު އޭރު ނޭނގި ކޮށްފައިވާ ކަމެއްތޯވެސް ނަރީޝް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ހޯރަފުށި އެއަރޕޯޓު ހުޅުވި ފަހުން ކިޔާ ފައިސާއެއް ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދު ކުރެވިއްޖެތޯ! ހަމަ ގައިމުވެސް އިތުރު ދެރަށެއްގައި އެއަރޕޯޓު ތަރައްގީކޮށް ހުޅުވާ, ހިދުމަތް ދެވޭހާ ގިނަ ފައިސާ ޚަރަދު ކުރެވިއްޖެ! – ނަރީޝް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ހޯރަފުށި އެއަރޕޯޓު ހެދުމަށް ދައުލަތުގެ ބަޖެޓުން 198 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު, މިދިޔަަ އަހަރުގެ މެއި މަހުގެ ތެރޭގައި އުތުރުގެ މޫސުން ގޯސްވެ އެއަރޕޯޓުގެ ބޭނުމަށް ހިއްކި ބިމުން ބައެއް ގިރާލައި ރަންވޭއަށް ވެލި އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެއާޕޯޓް ހުޅުވިތާ އެހާ ކުރުު މުއްދަތެއްގައި އެއާޕޯޓަށް އޭރު ބޮޑު ގެއްލުމެއް ލިބުމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް އެދުވަސްވަރު އަމާޒުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ހއ މާފިނޮޅުގައި އަޅަން ހަމަޖައްސާފައިވާ އެއަރޕޯޓު މިސަރުކާރުން ހޯރަފުށްޓަށް ބަދަލުކޮށް އެއެއަރޕޯޓުގެ އީއައިއޭ ހަދާފައިވަނީ, ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ކުންފުނިންނެވެ. ހޯރަފުށި އެއަރޕޯޓު ހުޅުވައި ޚިދުމަތް ދޭން ފެށި 19 ނޮވެމްބަރު 2020 ގައެވެ.