އެންމެ ގިނައިން ވަޤުތަށް ނަމާދުކުރާ ކުދިންނަށް ފިޔޯރީ ކައުންސިލުން އިނާމެއް ދޭން ހަމަޖައްސައި ފެށިގެން މިދާ ރަމަޟާންމަހާއެކު ފުރުސަތު ހުޅުވާލައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ ކައުންސިލުން ފެށި ޕްރޮގްރާމަކީ ސްކޫލް ދަރިވަރުންގެ ހިތުގައި ނަމާދަށް ލޯބި ޖެއްސުމާއި ސްކޫލް ދައުރު ނިމިގެން މުޖުތަމަޢުއަށް ނުކުންނައިރު ހިތުގައި އިސްލާމް ދީނަށް ބަހައްޓަންޖެހޭ ގަދަރާ އިޙުތިރާމް އެ ކުދިންނަށް ދަސްކޮށްދިނުމުގެ ނިޔަތުގައި ފެށި ޕްރޮގްރާމެއް ކަމަށާއި މިކަން މޮނިޓަރކޮށް ބަލަހައްޓާނީ ކައުންސިލާއި ބެލެނިވެރިން ގުޅިގެން ކަމަށެވެ. އޭގެ އިތުރުން ޖަމާޢަތުގައި ނަމާދު ކުރުން އަހުލުވެރި ކުރުމާއި ފިޔޯރީ އަކީ ދީނީ ކަންކަމުގައި ނަމޫނާ ރަށަކަށްހެދުން ކަމަށެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން ރައީސް ފައިޒަރު ވިދާޅުވީ މިސްކިތަށްދާ ކުދިންގެ ޙާޒިރީ ބަލަހައްޓާނީ މިސްކިތުގެ މުދިމުން ކަމަށާއި ގެޔަށް ނަމާދު ކުރާ އަންހެން ކުދިން އެކަން ވަގުތަށް ކުރޭތޯ ބަލާނީ އެކުދިންގެ ބެލެނިވެރިންކަމަށެވެ.
މިހާރު ކައުންސިލުން މި ވަނީ ވަކި ގަވާއިދެއް އެކުލަވާލާފަ. ކޮންމެ މަހަކުވެސް އެކުދިންނަށް ހަނދާނީ ލިޔުމެއް ދެވޭނެ. އަދި އަހަރަކު އެއްފަހަރު ބޮޑު ޖަލްސާ އެއް ބާއްވާ ބޮޑު އިނާމެއް ޙައްޤުވެރި ފަރާތްތަކަށް ދެވޭނެ. – ރައީސް ފައިޒަރު ވިދާޅުވިއެވެ.
ފައިޒަރު ވިދާޅުވީ މި ޕްރޮގްރާމް ފަށަން އޮތީ މި މަހުގެ 1 ވަނަ ދުވަހު, ނަމަވެސް ކުޑަކޮށް ލަސްވީ ޤަވާއިދާ ނުނިމިގެން ކަމަށެވެ.
މި ކަމަށްޓަކައި ފިޔޯރީ ކައުންސިލުން ނެރެފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން ނަމާދު ޕްރޮގްރާމްގައި ބައިވެރިވެވޭނީ ހަމައެކަނި ފިޔޯރީ އަށް ނިސްބަތްވާ އަދި އެރަށުގެ އަވަށެއްގައި ޤާއިމްވެ ހުރި މީހަކަށެވެ. އަދި އެކަނި ނަމާދު ކުރަން އެނގުމާއި ޖަމާއަތަށް ހާޒިރުވެވޭފަދަ ޤާބިލު ކުއްޖަކަށް ވުން މުހިންމެވެ.
ފިޔޯރީ ކައުންސިލް ފަރާތުން ފެށި މި ޕްރޮގްރާމްގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަދި ފިޔޯރީ ކައުންސިލުގެ ނަމާދު ޕްރޮގްރާމަށް ދަނީ ވަރަށްބޮޑު ތަރުތީބެއް ލިބެމުންކަން ފާހަގަ ކޮށްލެވެއެވެ.
ތި އީ ދީނީ ގޮތުން ކިހިނެތް އޮންނަ ކަމެއްބާ.