ރައްޔިތުންނަށް ހެޔޮއެދިގެން މަޖިލީހުގައި މަސައްކަތްކުރާނަމަ އިއްޒަތްތެރި މެމްބަރުން މަޖިލީހަށް ހުށަހަޅާ މައްސަލަތައް ސައްޕެއް ޖަހާފައި ތަނުން ބޭރުކޮށްނުލާނެ ކަމަށް މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ރައްޔިތުންނާއި ގުޅުންހުރި ގިނަ މައްސަލަތައް މަޖިލީހަށް ހުށަހެޅުމުން ބޭރުކޮށްލާ ކަމަށެވެ. އެގޮތުން އިއްޔެ މަޖިލިހަށް ހުށަހެޅި މަސްވެރިކަމާ ގުޅޭ މައްސަލަ ބޭރުކޮށްލާފައިވާއިރު މިއަދު ބޯހިޔާވަހިކަމާ ގުޅޭ މައްސަލައެއް ހުށަހެޅީމަ ވެސް ވަނީ ތަޅުމުން ބޭރުކޮށްލާފައިކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވާ ގޮތުގައި މަޖިލީހަށް ހުށަހެޅޭ މައްސަލައަކީ އެމްޑީޕީގެ މެމްބަރުން ޤަބޫލުނުކުރާ މައްސަލައެއް ނަމަ އެމައްސަލަ ވަގުތުން ބޭރުކޮށްލައެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުމަކަށް އަދި ފައިދާއަކަށް ވިސްނާލުމެއް ނެތި ސައްޕެއް ޖަހައި ބޭރުކޮށްލަނީއެވެ.
މަސްވެރިކަމުގައި އަންހެނުންގެ ދައުރު ފިރިހެނުންގެ ދައުރަށްވުރެ ކުޑަނުވާނެކަން ފާހަނގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ ކޫއްޑޫގައި މަސްވެރިން މަސްނުކިރިފައި ތިބި ކަމަށާއި މަސްވެރިކަމުން ލިބޭ ފައިސާއަކީ އެތައް އާއިލާއެއް ބިނާ ކުރާނެ ފައިސާ ކަމަށެވެ. މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބި މިހާރު 4 އަހަރު ވެފައިވާކަން ޝިޔާމް ވަނީ ފާހަނގަކުރައްވާފައެވެ. އެގޮތުން ސްޓޯރޭޖް ބޮޑުކުރެވިފައި ނެތް ކަމަށާއި ޕްރޮސެސް އިތުރު ކުރެވުނު ފެކްޓްރީއެއް ނެތްކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މިފަދަ ވަގުތެއްގައި އިސްކަންދޭންވީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުވަތަ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހޮވުން ނޫން ކަމަށާއި މިވަގުތު އެންމެ އިސްކަމެއް ދޭންވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ ފައްޔާޒް އިންތިހާބު ކުރުމަށް ދައުލަތުގައި އެއްޗެއް އޮތް ނަމަ، ހޭދަ ކުރަމުންދާ ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ކަމަށެވެ.