ޚަބަރު
އެފް އެސް އެމް އިން ސެލްފް ސާވިސް ޝެޑެއް ހުޅުވަނީ

ސްޓޭޓް ޓްރޭޑިން އޯގައިނޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ، ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް)އިން ސެލްފް ސަރވިސް ޝެޑަކާއެކު އެކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުން ގަސަމް ވިދާޅުވީ މިހާރު ގާއިމުކޮށްފައިވާ ޝެޑަކުން ސެލްފް ސަރވިސްގެ ޚިދުމަތް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ. އަދި އައު ޝެޑު ގާއިމްކުރުމުގެ ކުރިން މާލެ ސަރަހައްދުގެ ކޮންމެވެސް އެއް ޝެޑެއް ސެލްފް ސަރވިސްގެ ޚިދުމަތް ދެވޭގޮތަށް ބަދަލުކުރެވިގެން ދާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.

އޭގެ އިތުރުން މިއަހަރުގެ ކުރިއަށް އޮތް ތަނުގައި 2 މަދަރ ވެސަލް މަރާމާތުކުރަން ޖެހޭކަމަށާއި އެ މަރާމާތަށް ކޮލަންބޯގެ ބޯޓްޔާޑަށް ގެންދިއުމަށް ޕްލޭން ކުރެވިފައިވާ ކަމަށް ގަސަމް ވިދާޅުވެފައެވެ. ރާއްޖޭގައި މިހާރު 18 ބާޖު ވާކަމަށާއި އެ ހުރިހާ ބާޖަކީވެސް ކޮންމެ 2 އަހަރަކުން އެއް އަހަރު ބޯޓްޔާޑަށް ގެންދެވި މަރާމާތު ކުރެވޭ ބާޖުތަކެއްކަމަށް ގަސަމް ވިދާޅުވިއެވެ.

ގަސަމް އިތުރަށް ވިދާޅުވެފައިވާގޮތުގައި، ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި މި ޝެޑުގެ ބިންގާ އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވެ، މިހާރު ކުރެހުންތައް ކުރަހައި، ނިންމަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އެފްއެސްއެމްގައި ވަޒީފާ އަދާކުރަމުންދާ ހުރިހާ މުވަށްޒަފުން ހޭލުންތެރިކުރުމަށް ތަފާތު ޓްރެއިންނިންތައް ކުރިއަށް ގެންދާކަމަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުންފުނިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމަށް ގަސަމް ވަނީ ފާހަގަކުރައްވާފައެވެ.

އެފްއެސްއެމް އިން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައިވެސް ތެލުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

Comment