ދެކުނުގެ މަސްވެރިކަން ތަރައްގީ ކުރުމަށް ހެދިފައިވާ ޕްލޭންތައް ވަރަށް އަވަހަށް ތަންފީޒު ކުރެވޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ރޭ ވިދާޅުވެއްޖެއެވެ.
ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވުމާ އެކު އެތައް ޓަނެއްގެ މަސް ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ މަސްކާރުހާނާއަށް ކިރަން ދިއުމުން އެ ކުންފުނިން ވަނީ ކޮންމެ ދޯންޏަކުން ވެސް ފަސް ޓަނުގެ މަސް ކޫއްޑުއަށް ކިރޭ ގޮތަށް ބަދަލުކޮށްފައެވެ. އެކަމާއި ގުޅިގެން ދެކުނުގެ މަސްވެރިން ވަނީ ކޫއްޑޫގައި އިހުތިޖާޖުވެސް ކޮށްފައެވެ.
މަސްވެރިން އިހުތިޖާޖު ކުރަން ފެށުމާއެކު ސަރުކާރުން ނިންމީ ކޫއްޑޫ ބަނދަރުގައި އަޅާފައި އޮތް ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރައި ދިނުމަށް ނިންމާފައެވެ.
މިކަމާއި ގުޅިގެން މިފްކޯގެ ސީއީއޯ ފައުޒީ ވިދާޅުވީ، މިފްކޯގެ މިމަސައްކަތުގައި ކެތްތެރިކަމާއެކު މަސްވެރިންނާއިއެކު ސާބިތުވެ ދެމިތިބޭނެ ކަމަށާއި، މަސްވެރިކަމަށް ދެކުނުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ހެދިފައިވާ ޕްލޭންތަކުގެ ތަންފީޒީ މަރުހަލާ ދާދި އަވަހަށް ފެށިގެންދާނެ ކަމަށާއި އަދި އެ ފުލޭންގެ ދަށުން ކޫއްޑޫ ވެސް އިތުރަށް ތަރައްޤީކުރެވޭނެކަމަށެވެ.
އެގޮތުން ފާއިތުވެދިޔަ ތިން އަހަރު 156،238 މެޓްރިކް ޓަނުގެ މަސް އަދި މި އަހަރުގެ މިހާތަނަށް 21،238 މެޓްރިކް ޓަނުގެ މަސް މިފްކޯ އަށް ގަނެފައިވާ ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.
ފައުޒީ އިތުރަށް ވިދާޅުވީ، މަސްވެރިކަމަށް ދެކުނުގެ ވަސީލަތްތައް ތަރައްގީކުރުމަށް ހެދިފައިވާ ޕްލޭންތަކުގެ ތަންފީޒީ މަރުހަލާ ދާދި އަވަހަށް ފެށިގެންދާނެ ކަމަށާއި ކޫއްޑޫ ވެސް އިތުރަށް ތަރައްގީކުރެވޭނެ ކަމަށެވެ.