މީހުން
ޝާގެ ކޭކް މީރުވެފައި އެހާމެ ރީތި
ޢާމިނަތު ޝާޒްލީން ޝަރީފް ބުނުމުން އެއީ ކާކުކަން ގިނަ ބަޔަކަށް ނޭގި ދާނެއެވެ. ނަމަވެސް “ޝާ ކޭކް” ބުނެފިނަމަ އެއީ ދަންނަ ނަމަކަށް ވެދާނެއެވެ. ހަމަ ޔަގީނުންވެސް ހުވަދު އަތޮޅު ގެ ގިނަ ބަޔަކަށް އެއީ ވަރަށް ދަންނަ އާންމު ނަމެކެވެ. ކޭކު އަޅާ މީހަކު މަޝްހޫރު ވާނީ ގިނަ ބަޔަކަށް އޭގެ ރަހަ މީރުފައި ރީތިވީމަކަން ޔަގީނެވެ. ހުވަދު އަތޮޅަށްވެސް ޝާ ކޭކް މަޝްހޫރު ވެފައިވަނީ ކޭކު މީރު ކަމުންނެވެ. ކޭކު އަޅާފައި ހުންނަ ގޮތް ޗާލު ވެފައި ފުރިހަމަ ކަމުންނެވެ.
ގދ ތިނަދޫ ، ފުލްމޫން، ޝަޒްލީން ނުވަތަ ޝާއަކީ އޭނާގެ ސްކޫލް ދައުރު ނިމުމާއި އެކު އުމުރުން 17 އަހަރުގައި ކޭކު އަޅަން ދަސް ކުރުމާއިގެން ވަގުތު ހުސްކޮއްލި ހީވާގި އަންހެން ކުއްޖެކެވެ. ޝާގެ ދައްތަ ފާތުމަތު ޒުލްފީން އަކީ ގޭގައި ހުރެ ކޭކު އެޅުމުގައި މަސައްކަތް ކުރި މީހެއްކަމުން ކޭކު އަޅަން ދަސްކުރަން ނުވަތަ ބެއިސިކް ދަސްކުރަން ޝާ އަށް ވަރަށް ފަސޭހަ ވިއެވެ. އުމުރުން އެންމެ 18 އަހަރުގައި އާއިލާގެ އެހީގައި އުފަންދުވަހުގެ ކޭކު އަޅަން ދަސްކުރި ޝާ އޭނާ އަށް ލިބުނު ފަންނު އިތުރަށް ތަރައްޤީ ކުރުމަށް ވިސްނީ 2017 ވަނަ އަހަރުއެވެ. އެހެންކަމުން އިތުރަށް ތަމްރީނު ހޯދުމަށް ބެއިސިކް އަދި އެޑްވާންސް ކޯސްތައް ހެދިއެވެ.
” ސްކޫލް ދައުރު ނިންމާލުމަށްފަހު ގޭގައި ހުރި ހުރުމުގައި ދައްތަގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބިގެން މި ދާއިރާ އަށް ނުކުތީ. އެގޮތުން ވަރަށް ގިނަ ޓެކްނިކް މި މަސައްކަތުގައި ދަސްވި. ދެން ކޯސް ހެދުމަށް ފަހު ތަފާތު ޑިޒައިން ތަކާ އިތުރު ކަންތައްތައް ދަސް ކުރީ ޔޫޓިއުބް ބަލައިގެން” ކޭކު އެޅުމުގެ ދާއިރާއަށް ނުކުމެވުން ގޮތް ކިޔައި ދެމުން ގދ ތިނަދޫ އަށް އުފަން އާމިނަތު ޝާޒްލީން ޝަރީފް ބުންޏެވެ.
ޒަވާޖީ ޙަޔާތެއް ފަށައި ލިބުނު ފުރަތަމަ ދަރިފުޅަށް އެއް އަހަރު ފުރުމާއިއެކު އެޅި ޗާލު ކޭކަށްފަހު ވިޔަފާރި އުސޫލުން ކޭކު އަޅަން ފެށި ޝާބުނީ ފުރަތަމަ ކޭކުވެސް ވިޔަފާރި އުސޫލުން އެޅީ އެ މަސައްކަތް ކުރަމުންދާ ފަރާތަކަށް ހުރަހަށް ނުވުމުގެ ގޮތުން ކަމަށެވެ.
” އަޅުގަނޑު ފުރަތަމަ ވެސް ކޭކު އެޅީ އަގަށް. އޭރު ތިނަދޫ ގައި ކޭކު އަޅަމުން ދިޔަ އަގަށް. ފުރަތަމަ ފެށުން ހިލޭ ނުވަތަ ގާތް ކަމަށް ފެށި ނަމަ ރަށުގައި މި މަސައްކަތް ކުރާ އެހެން މީހުން ހިތްހަމަ ނުޖެހި ދާނެ” ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ހަމައެކަނި ކޭކު އެޅުމަށް ވަގުތު ހުސްކޮށް ގެން އާމްދަނީ ހޯދަމުންދާ ޝާ ކިޔައިދިނެވެ.
ފާއިތުވި 4 އަހަރު ތެރޭގައި އުފަން ދުވަހާ އެހެނިހެން މުނާސަބާތަކަށް 600 އަށް ވުރެ ގިނަ ކޭކު އަޅައިދީފައިވާ ޝާ އަކީ ރީތި ކޭކު އެޅުމުގެ އިތުރުން މީރު ކޭކު އެޅުމަށް މަޝްހޫރު ޒުވާން ކަނބަލެކެވެ. ޝާގެ ކޭކު އެޅުމާ ބެހޭގޮތުން ތިނަދޫގެ މީހަކާ ވާހަކަ ދައްކާލުމުން އޭނާ ބުނީ
” ޝާ ކޭކްގަ 3 ކަމެއް ފާހަގަ ކުރެވޭ. އެއީ ގަޑިޔަށް ނިންމުން, ޗާލު ވުން އަދި މީރުވުން. އެހެން ކަމުން އަބަދުވެސް ކޭކު އަޅަނީ ޝާ ލައްވާ”
“ޝާ ކޭކް” ނަމުގައި ފޭސްބުކް ޕޭޖެއްވެސް ހިންގަމުންދާ ޝާގެ ރަހަމީރު ކޭކު އެޅުމުގެ މަސައްކަތަށް މިހާރު ވަނީ ތަފާތު ބައެއްވެސް އިތުރު ކޮއްފައެވެ. ޗޮކްލެޓް ބޯލް، ކަޕް ކޭކް، ކުކީޒް، ޑޯނަޓް، މެގްނަމް ޕޮޕް އަދި ޗޮކުލެޓް ކޭކް ފަދަ އަނގަޔަށް މީރު ކާ އެއްޗެއްސަކީ ޝާގެ މަސައްކަތާ މިއަދު ގުޅި ލާމެހިފައިވާ ތައްޔާރީ ކާނާ ތަކެވެ. އަދި ބާކީ ވެސް ގިނަ ބަޔަކު ބަލަގެންފަވާ ތަރުޙީބު ބޮޑު ބައެކެވެ.
” ބޮޑެތި ކޭކު އެޅުމުގެ އިތުރުން, ލިބޭ ހުސް ވަގުތުގައި ކުދި ކޭކާއި ޑޯނަޓް ފަދަ އެއްޗެހި ހަދަން. އަދި ބައެއް ދުވަސް ދުވަހު ކޭކު އޯޑަރެއް ނިންމަން ނެތިއްޔާ ގިނަ ވެރައިޓީޒް ހަދާލަން” ކޭކު އެޅުމުގެ އިތުރުން ކޭކް ޓޭބަލް ވެސް ތައްޔާރު ކޮށްދިނުމުގެ ޚިދުމަތް ވެސް ދެމުންދާ ޝާ ބުންޏެވެ.
އުމުރުން 28 އަހަރުގައި ފިރިމީހާގެ އެހީތެރިކަމާއި އާއިލާގެ އެއްބާރުލުން ލިބިގެން ވިޔަފާރިއަށް ކޭކު އެޅުމުގެ މަސައްކަތަށް ނުކުތް ޝާގެ ކޭކުތައް މިހާރު ތިނަދޫ އިން ބޭރަށްވެސް ގެންދަން ފަށައިފިއެވެ. އަތޮޅު ހުރިހާ ރަށަކުންވެސް އޯޑަރުރައް ލިބެއެވެ. ބޭރުތެރެޔާ ރަށްރަށަށް ފޮނުވަން ޖެހޭ ކޭކްތައް ގަޑިންގަޑިޔަށް ޑެލިވަރީ ކުރުމުގައި ޝާގެ ފިރިމީހާއަށް ލިބޭ ހުސް ވަގުތުގައި އުޅެނީ ވަރަށް ބުރަކޮށެވެ. ކުރިމަގަށް ޝާގެ ވިސްނުން ހުރީ ކިހިނެއްތޯ ސުވާލު ކޮއްލުމުން ޝާ ބުނީ އިތުރަށް އުނގެނުމަކީ އެނާގެ އުންމީދުކަމަށާއި ކޯސްތަކާ ކްލާސްތައް ހިނގައި އެހެން މީހުންނަށް ކިޔަވައި ދިނުމަކީ މި ދާއިރާގައި ވަރަށް ކޮށްދޭ ހިތްވާ ކަމެއްކަމަށެވެ. އެގޮތުން މިހާރުވެސް ޝާ ހުރީ މީހަކު އެފަދަ އެހީއަކަށް އެދިފިއްޔާ ވަގުތު ވީ ވަރަކުން ކޮށްދޭށެވެ.
” ވަރަށް ބޮޑު އުއްމީދެއް ޝާ ކޭކް ނަމުގައި ތަނެއް ހުޅުވި މި މަސައްކަތް ޕްރޮފެޝަނަލް ލެވެލްގައި ރަސްމީ ކުލަ ޖެހުން. އެކަމަށް މިހާރު ތައްޔާރު ވަމުން މިދަނީ. އަދި އަމިއްލަ އުނގެނުމާއި އެހެންމީހުން ތަމްރީނު ކުރަން ވެސް ވަރަށް އަވަހަށް ފެއްޓޭތޯ މިބަލަނީ” ކޮންމެ ވެސް ފަރާތަކުން ކޭކު އަޅަން ދަސްކޮށްދޭ ކްލާހެއް ނުވަތަ ވަރކް ޝޮޕެއް ނަމަވެސް ހިންގަން އެދެފިނަމަ އެކަން ކޮށްދިނުމުގެ ޝައުގުވެރިކަން ބޮޑު ޝާ ބުންޏެވެ.
ހުވަދޫ ނިއުސް އަށް ދިން ޚާއްސަ އިންޓަރވިއު ނިންމާލުމުގެ ފަހު ބަހެއްގެ ގޮތުން ޝާ ވަނީ އޭނާ އަށް އެހީތެރި ވަމުން ދާ އަމިއްލަ އާއިލާ އާއި ފިރިމީހާ ގެ އާއިލާ ގެ އިތުރުން ރައްޓެއްހިންނާ އަދި އޭނާ ހެދި ކޭކް ކޯސް ތަކުގެ މިސް ޒިދްލީނާ ޒައިމް އާއި ފިރިމީހާއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮއްފައެއެވެ. މިވަގުތު ހުވަދު އަތޮޅުގައި ތިބި ހުނަރުވެރި ކޭކު އެޅުންތެރިންގެ ލިސްޓްގައި ހިމެނޭ ޒުވާން ޝާޒްލީން ގެ ހުވަފެނަކީ ހުވަދު އަތޮޅުން ބޭރަށް ކޭކު ތައް ފޮނުވާލުމެވެ. މާލެއާއި ރާއްޖޭގެ ގެ ހުރިހާ ރަށަކުން އޭނާގެ ކޭކު ތަކުގެ ރަހަބެލުމެވެ. އާނއެކެވެ. މުޅި ރާއްޖެއަށް “ޝާ ކޭކް” ފުޅާ ކުރުމެވެ. ރާއްޖޭގެ ގިނަ ދޫތަކަށް ޝާ ކޭކުގެ މީރު ރަހަ ލައްވާލާށެވެ.