ފުލުހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުގައި ތަހުޤީގު ކުރަމުންދާ ވައްކަމުގެ މައްސަލައިގައި ބަންގްލަދޭޝް މީހަކު ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭގުމުގެ ސަބަބުން ހާޒިރުކުރެވިފައިނުވާ ކަމަށެވެ.
ވައްކަމުގެ މައްސަލައިގައި ފުލުހުން ހޯދަމުުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 35 އަހަރުގެ ސްރީ ޓިޓަން ޗަންދުރާ ދާސްއެވެ.
އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އޭނާ ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
އެގޮތުން މި މަހުގެ 24 ވަނަ ދުވަހުގެ 12:00 އަށް ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޟިރުވާން އޭނާއަށް ވަނި އަންގާފައެވެ.
މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791674 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.