ދީން
ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް

ބަރަކާތާއި ރަޙުމަތާއި ފުއްސެވުމުން ފުރިގެންވާ އަހަރުގެ އެންމެ މާތް ދުވަސްތައް މިވަނީ އަޅުގަނޑުމެންނާ ނުހަނު ގާތުގައެވެ. ކޮންމެ މުސްލިމަކުވެސް މިބަރަކާތްތެރި ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ބޭނުންވާނެކަން މިއީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެހެނީ މިދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ނުހިފިއްޖެ މީހަކީ ވަރަށް ބޮޑު އަބާއްޖަވެރިއެކެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

((رَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ)) [رواه الترمذي وصححه الألباني]

މާނައީ: “ރަމަޟާން މަސް އެމީހަކާ ބައްދަލުވެ އެމަސް ނިމުނުއިރުވެސް އެމީހެއްގެ ފާފަ ނުފުއްސުނުމީހާގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ.”

رَغِمَ أَنْفُ رَجُلٍ މިޢިބާރާތަކީ އެފަދަމީހުން ނިކަމެތި ކޮށްދެއްވުމަށް އެދި، އެފަދަމީހުންގެ މައްޗަށް ކުރައްވާފައިވާ ބަދު ދުޢާއެކެވެ. އެހެންކަމުން މިލިޔުމުގައި މިބަލާލަނީ މިދުވަސްތައް ހެޔޮގޮތުގައި ވޭތުކުރުމަށްތަކައި ކުރެވިދާނެ 5 ކަމަކަށެވެ.

ކުރިއަށް ކަންތައްތައް ރާވާލުން:

ވަޤުތުގެ ބޭނުން އޭގެ އެންމެ ހެޔޮ ގޮތުގައި ހިފުމަށްޓަކައި ދުރާލާ ކަންތައްތައް ކުރިއަށް ގެންދާނޭ ގޮތް ރާވާލުން އެއީ ނުހަނު ބޭނުންތެރި ކަމެކެވެ. އެގޮތުން މިރަމަޟާންމަސް އަޅުގަނޑުމެންނާއި ބައްދަލުކުރާއިރު މި ބަރަކާތްތެރި ދުވަސްތަކާ، އެއްވެސް ޕްލޭނެއް ނެތި އަޅުގަނޑުމެން ބައްދަލުކޮށްފި ކަމުގައިވާނަމަ، މާ ބޮޑުކަމެއް ޙާޞިލުނުވެގެން އުޅެނިކޮށް ނޭނގި ހުއްޓައި މިރަމަޟާން މަސް، އަޅުގަނޑުމެންނާ ވަކިވެގެން ހިނގައިދާނެއެވެ.

އެގޮތުން ރަމަޟާންމަހުގެ ވަޤުތުތައް ރާވާލާއިރު ސިކުނޑީގައި ބަހައްޓަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވުމުގެ މަޤްޞަދަކީ ކޮބާ ހެއްއެވެ؟ ޔަޤީނުންވެސް އެއީ އަޅުގަނޑުމެން ތަޤްވާވެރިވުމަށްޓަކައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾

މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.”

ކޮންމެ ދުވަހަކުވެސް އަޅުކަމަށް ހުސްކުރާނެ ވަޤުތުގެ މިންވަރެއް ކަނޑައަޅުން:

އާންމު ގޮތެއްގައި މުސްލިމެއްގެ ވިސްނުމަކަށް ވާނީ މުޅި ރަމަޟާންމަސް އެއްކޮށް އަޅުކަމަށް ހުސްކުރުމެވެ. ނަމަވެސް އެއީ ޢަމަލީގޮތުން ކުރަން ބަލާއިރު ވާނޭ ކަމެއްނޫނެވެ. އެއީ ޢާއިލީ ޒިންމާތަކާއި އެހެނިހެންވެސް ކަންކަމުގައި އަޅުގަނޑުމެންނަށް މަޝްޣޫލު ވެވޭތީއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އަޅުކަމަށް ހުސްކުރެވިދާނެ ވަޤުތުގެ މިންވަރާމެދު ވިސްނައި އެއަށް އަމާޒުހިފާށެވެ. އެގޮތުން 24 ގަޑިއިރުގެ ތެރެއިން ނިދުމަށް، ޢާއިލީ ޒިންމާތަކަށް އަދިވެސް އެހެނިހެން ކަންކަމަށް ދާނެކަމަށް ލަފާކުރެވޭ ވަޤުތު ކަނޑާލާށެވެ. މިގޮތަށް ކަނޑާލުމުން މިސާލަކަށް ތިން ގަޑިއިރު ލިބޭކަމުގައިވާނަމަ އެ ތިން ގަޑިއިރު އަޅުކަމަށް ހުސްކުރާށެވެ. އަދި އެއަށްފަހު އެ ތިން ގަޑިއިރުގެ ތެރެއިން އެއް ގަޑިއިރު ޤުރުއާން ކިޔެވުމަށް އަދި އެއް ގަޑިއިރު އިސްލާމްދީނުގެ ކަންކަން އުނގެނި ދަސްކުރުމަށް އަދި ދުޢާކުރުމާއި ޛިކުރުކުރުމަށް އެއް ގަޑިއިރު، މިފަދަ ގޮތަކަށް ބަހާ ލެވިދާނެއެވެ. މިފަދަ ގޮތަކަށް ދުރާލާ ރާވާލެވިއްޖެނަމަ މިބަރަކާތްތެރި ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފިދާނެއެވެ.

ޙާޞިލުކުރަން ބޭނުންވާ ކަންކަން ކުރުމަށް ވަކި ވަޤުތުތަކެއް ކަނޑައެޅުން:

ސައުވީސް ގަޑިއިރުގެ ތެރެއިން އަޅުކަމަށް ހުސްކުރެވޭނޭ ވަޤުތުގެ މިންވަރު އެނގުމުން، ކޮންމެ ދުވަހެއްގެ ތާވަލުންވެސް އަޅުކަމަށް ހޭދަކުރެވޭނެ މިންވަރު އެނގިގެން ދާނެއެވެ. ދެން އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ، ކޮންމެ ދުވަހެއްގެ އަމާޒަށް ވާޞިލުވުމަށް ވަކި ވަޤުތުތަކެއް އެކަންކަމަށް ޚާއްޞަކުރުމެވެ. މިސާލަކަށް ކީރިތި ޤުރުއާނުގެ ތަފްސީރު ކިއުމަށް ބޭފުޅަކު އެއް ގަޑިއިރު އަމާޒު ހިފާފާނެއެވެ. އެހެން ކަމަށްވާނަމަ އެބޭފުޅެއް ދުވަހުގެ ތާވަލުގައި ޢަޞްރު ފަހުން އެއް ގަޑިއިރު ހުސްކޮށް ލިބޭކަމުގައިވާނަމަ ތަފްސީރު ކިއުމަށް އެވަޤުތު ހުސްކޮށްލެވިދާނެއެވެ. ހަމަ އެފަދައިން ޤުރުއާން ކިޔެވުމަށްވެސް އެބޭފުޅެއްގެ ތާވަލުން ފަސޭހަ ވަޤުތެއް ބަލައި އެވަޤުތެއް ހަމައެކަނި ޤުރުއާނަށް ޚާއްޞަކުރާށެވެ. ދުޢާކުރުމާއި ޛިކުރުކުރުމަށް ރޯދަވީއްލަން ކައިރިވާ ވަޤުތު ޚާއްޞަ ކުރެވިދާނެއެވެ. އެހެނީ އެވަޤުތަކީ ދުޢާ އިޖާބަކުރެއްވޭ ވަޤުތެކެވެ. މިފަދައިން ޙާޞިލުކުރަން ބޭނުންވާ ކޮންމެ ކަމަކަށްވެސް ޚާއްޞަ ވަޤުތުތަކެއް ކަނޑައަޅާށެވެ. އޭރުން އެކަންކަން ޙާޞިލުކުރަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

ޢާއިލާއާއި އެކު އީމާންތެރިކަން ތާޒާކޮށްލާނެ ވަޤުތުކޮޅެއް ކަނޑައެޅުން:

ޢާއިލީ ގުޅުންތައް ވަރުގަދަކޮށް އެންމެން އެކީގައި އީމާންކަމުގައި ކުރިއަރައި ދިއުމަށް ރަމަޟާން މަހަކީ ރަނުގެ ފުރުޞަތެކެވެ. އެހެނީ ޝައިޠާނާ ވަނީ ކަސްތޮޅު އެޅުވިފައެވެ. އެންމެންގެ ވެސް އީމާންކަން ތާޒާވުމަށް އޭގެ ސަބަބުން ފުރުޞަތު ލިބެއެވެ. މިކަން ޙާޞިލުކުރުމަށްޓަކައި ގޭގައި އެކިއެކި ކަންކަން އަޅުގަނޑުމެންނަށް ރާވާ ލެވިދާނެއެވެ. މިޘާލަކަށް، ޢާއިލާގެ އެންމެން އެކީގައި ދަރުހެއް ބަލާލުން ނުވަތަ ދީނީ ފޮތެއް ކިޔާލުންފަދަ ކަންކަން ރޭވިދާނެއެވެ. ދީނީ ކުއިޒްތައް ޢާއިލާގެ މެދުގައި ފޯރިއާއެކު ކުރިއަށް ގެންދެވިދާނެއެވެ. ޤުރުއާން ޙަލަޤާތައް ގޭގައި ރާވާ ލެވިދާނެއެވެ. އަދިވެސް މިފަދަ އެތައް ހެޔޮކަމެއް ކުރިއަށް ގެންދެވިދާނެއެވެ.

ސޯޝަލް މީޑިއާއާއި ޓީވާއާއި އަދިވެސް އެފަދަ ވަޞީލަތްތަކާ ދުރަށް ޖެހިލުން:

ރަމަޟާން މަހަކީ ޤުރުއާން ބާވައިލެއްވުނު މައްސަރުކަމުގައި ވީހިނދު އެޤުރުއާނަށް މިމައްސަރު ޚާއްޞަކުރަން ޖެހެއެވެ. ރަމަޟާން މަހުގައި އަޅުގަނޑުމެން އަމާޒު ހިފައިގެން ފަށާ އަޅުކަންތައްތަކަށް ގިނަ ފަހަރަށް އެންމެ ބޮޑަށް ހުރަސްއަޅާ ކަމަކީ، ސޯޝަލް މީޑިއާއާއި ޓީވާއާއި އަދިވެސް އެފަދަ ވަޞީލަތްތަކެވެ. އެހެންކަމުން މިބަރަކާތްތެރި ދުވަސްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފުމަށްޓަކައި މިފަދަ ކަންކަން ވަކި އިމެއްގެ ތެރޭގައި ގެންގުޅުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

ލިޔުން/މަސްދަރު : ދިސަލަފިއްޔާ.ނެޓް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!