ހުވަދުއަތޮޅަށް ހުޅުވާލައިގެން މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް “ޓީއެންޓީ ފުޓްސަލް ޗެލެންޖް 2022″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ކްލަބް ޓީއެންޓީ އާއި ގދ. ވާދޫ ކައުންސިލާއި ގުޅިގެން ބާއްވާ މުބާރާތެކެވެ.
މިމުބާރާތާއި ގުޅޭގޮތުން “ހުވަދޫ ނިއުސް” އަށް މައުލޫމާތުދެމުން ކްލަބް ޓީއެންޓީގެ މީޑިއާ ކޯޑިނޭޓަރ ނާފީ އިބްރާހީމް ބުނީ މުޅި ހުވަދުއަތޮޅަށް ހުޅުވާލައިގެން ބޭއްވޭ މި މުބާރާތުގައި ކޮންމެ ރަށަކުންވެސް އެއް ޓީމަށްވުރެ ގިނަޓީމްތަކަށް ބައިވެރިވެވޭނެ ކަމަށެވެ.
ނާފީ ބުނީ މުބާރާތުގައި ބައިވެރިވުމަށް ޝައުވެރިވާ ޓީމްތަކަށް މި މުބާރާތުގައި ބައިވެރިވުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށާއި، އެގޮތުން ޓީމުތަކުން ބޭނުންނަމަ އެކަމަޑޭޝަންގެ ކަންކަމުގައި ވެސް އިންތިޒާމު ކުރާ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
“ޓީއެންޓީ ފުޓްސަލް ޗެލެންޖް 2022” ގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކުން ރަޖިސްޓްރީ ފީއެއްގެ ގޮތުގައި 5،000ރުފިޔާ ދައްކަންޖެހެއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން www.tntfutsalchallenge.com މި ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތް ކުޅެން ހަމަޖެހިފައިވަނީ ގދ.ވާދޫގައެވެ. ވާދޫއަކީ “ގޯލްޑަން ފުޓްސަލް ޗެލެންޖް 2022” ގދ.ގެ ޗެމްޕިއަން ޓީމެވެ. އަދި ޒޯން 6 ވެސް ޗެމްޕިއަން ޓީމެވެ.
މިމުބާރާތުން އެއްވަނައަށްދާ ޓީމަކަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.