ޚަބަރު
ހޮސްޕިޓަލް ސަރަހައްދަށް ކޭއެފްސީ އަދި މެކްޑޮނަލްޑްސް ގެންނަން ބޭނުން – އައްޑޫ މޭޔަރު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުގެ ބިންތައް ނަގައި އެސަރަހައްދަށް ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) އާއި މެކްޑޮނަލްޑްސް ގެންނަން ބޭނުންވާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑު އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުގައިވާ، އާންމުން ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތައް ނެގުމަށް އައްޑު ސިޓީ ކައުންސިލިން ވަނީ ނިންމާފައެވެ. އެކައުންސިލުން ބުނާގޮތުގައި، މިފަދަ ނިންމުމެއް ނިންމީ، އެސަރަހައްދަކީ އެސިޓީގެ އިގްތިސާދީ ކަންކަމާއި އަދި އިޖުތިމާއީ ކަންކަމާއި ގުޅުންހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދެ ކަމަށް ބެލެވޭތީއެވެ.

ސިޓީކައުންސިލުން އެ ބިންތައް ނެގުމަށް ނިންމާފައިއިވާ ނިންމުމާއި ގުޅިގެން އެސިޓީގެ ގިނަ އަދަދެއްގެ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި، ރާއްޖެޓީވީގެ “ފަލަސުރުހީ” ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، އެ ސަރަހައްދުގެ ވަށައިގެން ހުރި ބިންތައް ބަންޑާރަ ގޯތިތަކުގެ ގޮތުގައި ދޫނުކޮށް އެއަށް ވުރެ ރަނގަޅު ގޮތަކަށް ބޭނުން ހިފުމަށް ކުރީގެ ކައުންސިލުގައި ވެސް އެދެވުނު ކަމަށެވެ.

ނިޒާރު ވިދާޅުވީ، އެ ސަރަހައްދު ތަރައްގީ ކުރާނެ ޕްލޭނެއް އޭނާގެ އަތުގައި އެބައޮތް ކަމަށާއި އެސަރަހައްދުގައި އިންޓަރނޭޝަނަލް ފެންވަރަށް ހިދުމަތްތައް ދެވޭނެ ގޮތަށް ތަންތަން ގާއިމުކުރަން ބޭނުންވާ ދަތުގެ ޚިދުމަތާއި ލޮލުގެ ޚިދުމަތާއި ފުޑް ކޯޓުތައް ވެސް އެ ސަރަހައްދުގައި ހުންނަން ބޭނުންވާ ކަމަށެވެ.

“އަޅުގަނޑުމެން ހަމަ ބޭނުން އެބަވޭ ކޭއެފްސީ ވެސް އެތާ ހުންނަންޖެހޭ، މެކްޑޮނަލްޑްސް ވެސް ހުންނަންޖެހޭ. އައްޑޫގައި މި ތަންތަން ހުންނަންޖެހޭ. ކްލަބްހައުސްތަކުގައި އެބަ އިވޭ މި ޕްލޭންތައް ކުރާ ވާހަކަ. ޕްލޭންތައް ކުރުމަށް ފުރުސަތު ދެއްވާށޭ. ކައުންސިލަށް އެ ފުރުސަތު ދެއްވާށޭ، އައްޑޫ ޕްލޭން ކުރުމަށް ފުރުސަތު ދެއްވާށޭ” ނިޒާރު ވިދާޅުވެއެވެ.

އައްޑޫސިޓީ ކައުންސިލުން ވަނީ ހޮސްޕިޓަލް ސަރަހައްދުގައި ހުރި ބިންތައް ނަގައި ކުރިން އެސިޓީގެ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާ ސަރަހައްދުން ބިންތައް ދިނުމަށް ނިންމާފައެވެ.

Comment