އިދިކޮޅު ކޯލިޝަނުން މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއި ގުޅިގެން ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫނާއި، ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު މިރޭ ފުލުހަށް ހާޒިރު ވުމަށް އަންގައިފިއެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލޭގައި އިދިކޮޅު ކޯލިޝަނުން ބޭއްވި “ނޭވާ ހޮޅިއަށް” މުޒާހަރާއާއި ގުޅިގެން މެމްބަރު ޣައްސާނާއި، ސައީދު މިރޭ ޕޮލިހަށް ހާޒިރު ވުމަށް ޗިޓު ފޮނުވާފައިވާކަމަށެވެ.
އެގޮތުން ޕީޕީއެމްގެ ނައިބް ރައީސް މުޙައްމަދު ސަޢީދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 9:30 އަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޣައްސާން ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 22:30 އަށް ކަމަށް ހީނާ ވިދާޅުވިއެވެ.
މިމުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ބަންދަށް ވަނީ 7 ދުވަސް އަދި އެއްބައި މީހުންނާއި، 3، ދުވަސް އަދި 2 ދުވަސްވެސް ޖަހާފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު މަޖިލިސް ދެ މެމްބަރަކުވެސް ހިމެނެއެވެ.
އެ މުޒާހަރާގެ ތެރެއިން ސައީދާއި ޣައްސާން ހައްޔަރުކޮށްފައިވެއެވެ. އަދި ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ޝަރުތުތަކާޢެކު ދޫކޮށްލާފައެވެ.