އެޑިޓަރުގެ ނޯޓު: “އެއްދުވަސް” މި ވާހަކަ އަކީ ހުވަދޫ މީޑިއާ ގްރޫޕުން ކުރިއަށް ގެންދިޔަ ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ޒަމްޢަތު އަޙްމަދު ލިޔެފައިވާ ވާހަކަ އެކެވެ. މި ވާހަކަ އަކީ “ހުވަދޫ ކުރުވާހަކަ ލިޔުމުގެ މުބާރާތް 2022” އަށް ހުށަހެޅުނު ވާހަކަ ތަކުގެ ތެރެއިން މުބާރާތުގެ ފަނޑިޔާރުންނަށް އެންމެ ރަނގަޅު 5 ވާހަކައިގެ ތެރެއިން އެއްވާހަކައެވެ.
”ސާދުނާއަކަށް ނުވާނެ. އަބަދުވެސް ތިވަރުވާނީ.. ދެން ބަހައްޓާ…” އަހަރެން ހުރީ ރުޅިއައިސް ރަތްވެފައެވެ. އެކަމަކު އެކަމެއް ނުދައްކަމެވެ. ފަހަރެއްގައި އަހަރެންގެ އަޑުގައި އެ ހިތްހަމަ ނުޖެހުން ހުރުމަކީ އެކަށީގެންވާކަމެކެވެ. ހަމަ އެވަގުތު ގެއިން ނުކުމެގެން ހިނގައިގަތީމެވެ. ވަކި މިސްރާބެއް ނެތެވެ. ސިކުނޑީގައިވަނީ މިހާތަނަށް ސާދުނާއަށް ނުކުރެވިހުރި ކަންތަކެވެ. އޭނާގެ ފަރުވާކުޑަކަމާއި ހަޑިމުޑުދާރުކަމެވެ. އަޅާލުން ކުޑަކަމާއި ރުންކުރުކަމެވެ. ކަންނެތްކަމާއި ފޫހިކަމެވެ.
މިއީ އިއްޔެއަކު މިއަދަކުވީކަމެއް ނޫނެވެ. ފުރަތަމަ ދަރިއާއި އެކީ ސާދުނާ މުޅިން އެހެން މީހަކަށް ބަދަލުވެއްޖެއެވެ. އޭނާއަކީ އޭގެ ކުރިން ނުލާހިކު ރީތި، ނިޔަނެތި، މާތް އަޚްލާގުގެވެރިއެކެވެ. އެހާ ސާފުތާހިރުވާނެއެވެ. އެހާ އޯގާތެރި ހިތްހެޔޮ މީހެކެވެ. މިހާރު ތިން ކުދިން ލިބުމުން ދެން އަންނަންވީ ކޮންފަދަ ބަދަލެއް ހެއްޔެވެ.
މިސްރާބެއް ނެތި 30 މިނިޓްވަންދެން ހިނގިއްޖެއެވެ. ސިކުނޑިވަނީ ވަރުބަލިވެފައެވެ. އަދިވެސް ސިކުނޑިއާއި ހިތްދަނީ ޒުވާބު ކުރަމުންނެވެ. މިއިން އެއްވެސް އެއްޗަކީ ދުލާހަމައަށް އަހަރެންނަށް ގެނެވޭނެ އެއްޗެއްސެއް ނޫނެވެ. އެހެންކަމުން ހަމަޖެހެވޭތޯ މަސައްކަތްކުރަން ފެށީމެވެ. ބޮޑު ސިންގާ ލިންކު ރޯޑުގެ އެއްފަރާތެއްގައި ހައްދާފައިވާ ބޮޑު ބިޔަ ގަސްތަކުގެ ކައިރީގައި ބަހައްޓާފައި ހުރި ހިލަ ގޮނޑިތަކުން ގޮނޑިއެއްގައި އިށީންދެ ބޮލުގައި ދެ އަތުން ހިފަހައްޓާލީމެވެ.
ހަމަ ހަޤީޤަތުގައިވެސް އަހަރެންގެ މުޅި ދިރިއުޅުން ވިއްސި ވިހާލިވެއްޖެއެވެ. މިއީ ދިރިއުޅުމެއް ނޫނެވެ. މިއީ ދުނިޔެމަތީގައި މީހަކަށް ދިމާވާނެ އެންމެ އުނދަގޫ ހާލަތެވެ. އަހަރެން ވިސްނީމެވެ. ވަރަށް ވިސްނީމެވެ. ގޮތެއް ނިންމަން އަހަރެންގެ ހިތާއި ސިކުނޑި މާގިނަ ވަގުތެއް ނަގާކަށްވެސް އެއްބަހެއް ނުވިއެވެ. އެތަނުގައި ތިން ގަޑިއިރު އަހަރެން ހޭދަކުރީމެވެ. މަޑުކޮށްގެން ހުރީ އިރުއޮއްސޭ އިރަކަށެވެ. ދަރިން ނިދާނެ ގަޑިއާއި ދިމާކޮށް ގެއަށް ވަންނާށެވެ.
އިރުއޮއްސެން ކައިރިވުމުން މަޑުމަޑުން ހިނގާލާފައި ގެއާއި ދިމާލަށް މިސްރާބުޖަހާލީމެވެ. މިހާތަނަށް އަހަރެންގެ ދިރިއުޅުމުގައި އަހަރެން ނިންމާފައިވާ ހުރިހާ ނިންމުމަކީވެސް އަހަރެން ފަޚްރުވެރިވާފަދަ ނިންމުންތަކެކެވެ. އެހެންކަމުން އެ ހިތްހަމަ ޖެހުމާއި އެކީ ގޮސް ގެއަށްވަނީމެވެ.
”ކާނަން؟..” ގެއަށް ވަދެ ދޮރު ލައްޕާލުމާއިއެކީ ސާދުނާގެ އަޑު އިވުނެވެ. އޭނާގެ އަޑުގައި ހިތްހަމަ ނުޖެހުން ހުއްޓެވެ. އެހެން ނޫނަމަ އެހާ ކުރުކޮށް އެހެން އޭނަ ނާހާނެއެވެ. އަހަންނަށް ހެވެވެ. އަމުދުން އެ ސުވާލަށް ޖަވާބު ދޭކަށްވެސް ބޭނުމެއް ނޫނެވެ. ކުޑަމިނުން ގޭގައި ހުރި އެއްވެސް އެއްޗެއް ކާކަށްވެސް ބޭނުމެއް ނޫނެވެ.
މަޑުމަޑުން ގޮސް ދަރިންގެ ކޮޓަރިއަށް ބޯދިއްކޮށްލީމެވެ. މުޅި ކޮޓަރިތެރޭގައި ހުރީ ކުޅޭ އެއްޗިއްސެވެ. އެއްވެސް ތަރުތީބެއް ނެތެވެ. ހެދުންތައްވެސް ހުރީ އެތަން މިތަނުގައި އެލުވާފައެވެ. ސޯޓެއް އެނދުގެ އެއްކަނެއްގައި އެލިފައެވެ. ޓީޝާޓު އަލަމާރީގެ ދޮރުގައި އަޅުވާފައެވެ. ކޮޓަރީގައިވާ ޑްރެސިންގ ޓޭބަލް މަތީވެސް އެކުދިންގެ ހެދުންތަކާއި ބޫޓުތަކެވެ.
އަހަރެން އިހުނަށްވުރެވެސް ފޫހިވެއްޖެއެވެ. ފޫހިވެފައި ހުރިލެއް ބޮޑުކަމުން އައިސް ސިޓިންގރޫމުގައި ހުރި ބޮޑު ސޯފާއަށް ވެއްޓިގަތީމެވެ.
”އައްދޯތް…” ބުރަކައްޓަށް ހެރުނީ ތޫނު އެއްޗެކެވެ. ބަލާލިއިރު އެންމެ ކުޑަމީހާ ކުޅެން ގެންގުޅޭ އެއްޗެއްގެ އެއްބައެވެ. އޭތި އޮތީ ބިނދާލާފައެވެ. ބުރަކައްޓަށް ވަނީ އެ ބިނދިފައިވާ ކޮޅެވެ.
”ސާބަހޭ ސާދުނާ.. ލައްކަ ދުވަހު ކެތްކުރެވިއްޖެ އެއްޗެއް ނުބުނެ.. މިދެން ބޮޑުވަރު ދޯ.. ކުޅޭ އެއްޗެހިވެސް އެތަން މިތަނުގައި.. ކާއެއްޗެއް ކުޅޭ އެއްޗެއް ރީތިވާއެއްޗެއް، އެޔެއް މިޔެއް ނޭނގެ މިގެއަށް ވަދެއްޖެއްޔާ. މިއީ ދިރިއުޅުމެއްތަ؟ އަހަރެންގެ އަޑު ބާރެވެ. މިއީ މިގޮތަށް އަހަރެން ވާހަކަދައްކާ ފުރަތަމަ އަދި އެންމެ ފަހު ދުވަހެވެ.
” އާދިލުއަށް ތިފެންނަނީ ގޭތެރެ.. ގޭތެރޭގައި ތިބި ކުދިންނާ އަހަރެން ފެނޭތަ؟” ސާދުނާ ހީވަނީ ހަތިޔާރާއިއެކީ ހަނގުރާމައަކަށް ތައްޔާރުވެގެން ހުރިހެންނެވެ.
” ކީއްވެ ނުފެންނަންވީ… ކޮންމެ މީހަކު ހީވަނީ ތިއޮތް ގޮނޑުން އަރައިގެން އައިސްތިބި ބައެއްހެން.. ކޮންއިރަކުން ފެށިގެންތަ ސާދުނާ ތިހާ މުޑުދާރީ؟..” އަހަރެން ކޮޅަށް ތެދުވީމެވެ.
ސާދުނާގެ މޫނުމައްޗަށް އެރީ ތަފާތު ކުލަވަރެކެވެ. ބުނަން ބޭނުންވި ވަރަށް ގިނަ އެއްޗެހި އޭނާގެ މޫނުމަތިން އަހަންނަށް ފެނުނެވެ. އެކަމަކު އޭނަ އަނގައަކުން ނުބުނެއެވެ.
”ހާދަ ހާއޭ މުޑުދާރީ.. ބަލާލަ މިއޮތް ގެއެއް.. އުނހު.. ބަލާލަ ތިހިރަ ބަދިގެ… ސިންކު.. ކޮން ދުވަހަކުތަ އެހެރަ ތަށިތައް ދޮވުނީ؟ މިހިރަ ދޮންނަމެޝިނުން ހެދުންތައް ހުހެއް ނުވޭ.. އެހެރަ ހިއްކަން އަޅާ ހަރުގަނޑުންވެސް އެކައްޗެއްވެސް މަދެއްނުވޭ.. މިހިރަ ދޮރުފޮތިގަނޑު ދޮވުނީ ކިތައް ފަހަރު؟ ” އަހަރެން ދިޔައީ ގޭގެ އެތަން މިތަނުން އަހަންނަށް ފެންނަ ކަންތައް ސަދުނާއަށް ދައްކަމުންނެވެ.
”އެންމެ ފަހަރަކު ބޭރަށް ނުކުމެލާފަ ވަދެލަބަލަ މި ހަޑި ގެ ގަނޑަށް.. ހާދަހާއޭ މުޑުދާރީ.. މަ ހަމަ އަޖައިބުވެއްޖެ.” އަހަރެން ކިޔަންބޭނުން އެތައް އެއްޗެއް އެބަހުއްޓެވެ. އެކަމަކުވެސް ބައެއް އެއްޗެހި ނުބުނެވޭތޯ ބެލީމެވެ.
” އާދިލު އެންމެ ދުވަހަކު އަހަރެން މިހުރި މަޤާމަށް އައިސް ތި ވިސްނާހެން ވިސްނޭތޯ ބަލާލަބަލަ..” ސާދުނާ ހަތިޔާރު ބެހެއްޓިކަހަލައެވެ. އޭނާގެ އަޑު މަޑުމޮޅިވެއްޖެއެވެ.
” ތިހެން ތިކަންވެސް ކުރެވިދާނެ.. އެކަމަކު އަހަންނަށް ހީވަނީ ތިއަށްވުރެ އަހަރެން ރަގަޅުވާނެހެން.. ” އަހަރެން ސޯފާގައި އިށީނީމެވެ.
” އަޅެ އެންމެ ދުވަހަކު އަހަރެން މިކުރާ ކަންތައްތައް އާދިލު ކޮށްލަބަލަ.. އެންމެ ދުވަހަކު.. ތިން ކުދިން ބަލަމުން، ކައްކަމުން، ގޭތެރެ ސާފުކުރަމުން، އެއްޗެހި ދޮންނަމުން.. ފިރިމީހާގެ ކަންކަންކޮށްދެމުން…” ސާދުނާ އަހަރެންނާއި ދިމާލަށް މަޑުމަޑުން ހިނގާލާފައި އައެވެ.
” އަހަރެން ނުޖެހޭ ކުރާކަށް.. ސާދުނާ ހީކުރަނީ ދުވާލުދާ ހަތަރުދަމު އަހަރެން އަތް އުރާލައިގެން އިންނަނީ ކަމަށްތަ ލާރި ހޯދަން؟” އަހަރެން ތެދުވީމެވެ.
”އާދިލު ހީކުރީ އަހަރެން އޮންނަނީ ދެފައި ދަމާލާފަ ކަމަށްތަ ކޮންމެ ދުވަހަކު؟” ސާދުނާގެ އަޑު ބާރުވެއްޖެއެވެ. ކުރިން ހުރި މަޑުމޮޅިކަމެއް ނެތެވެ.
”ނޫނޭ.. އެބަ ފެނޭ ވަރަށް މަސައްކަތްކުރާތަން.. މިތަނަށްވުރެ ކުނިގޮނޑުވެސް ސާފުތާހިރުވެފައި ތަރުތީބުވާނެ. ” އަހަރެން ގޭތެރެއަށް އިޝާރާތްކުރަމުން ބުނީމެވެ.
”އާދިލަށްވާ ލިބެއެއްނު ވަޒީފާގައި އުޅެފައި ގެއަށް އައިސްފައިވެސް އަރާމުކޮށްލާނެ ވަގުތު… އަހަންނަކަށް ނުލިބޭ އެންމެ ސިކުންތެއްވެސް. ” ސާދުނާ ބުނެލިއެވެ.
”އަހަރެން ނިދަނީ ކިތައްރޭ؟ އަހަންނަށް ކެވެނީ ކިތައް އިރު؟ އަހަރެންނަށް ފެންވަރާނެ ވަގުތެއް ލިބޭތަ؟ އާދިލުގެއަށް އައިސް ފެންވަރައިގެން ކައިގެން ހަމަޖެހިލައިގެން، ފޯނާކުޅެން، ނުނީ ގޭމް ކުޅެން އޮތަސް، އަހަންނަކަށް ނުލިބޭ އެންމެ ސިކުންތެއްވެސް ކުޑަމިނުން ނޭވާލާންވެސް……..” ސާދުނާ ހުއްޓާލާކަށް ނޫޅުނެވެ. އަހަރެން ކުރިއަށްވުރެވެސް ރުޅިއައެވެ.
”އަހަރެން މިހާ ބުރަކޮށް ނޫޅޭނަމަ ސާދުނާމެންނަށް ޚަރަދުކުރާނީ ކާކު؟ އެހާ ބޮޑު ބުރައެއް އަހަރެން މި އުފުލަނީ.. އެވަރު ނުވިސްނޭތަ؟ ސާދުނާއަކީ ގޭތެރޭގައި އިންނަ މީހެއް. ކަމެއް ކުރަނީއެއް ނޫން. އަހަރެންގެ ސިކުނޑި ހަމަޖައްސަން އެބަޖެހޭ ގޭމް ކުޅެންވެސް ފޯނާކުޅެންވެސް. ނޭނގޭތަ އެވަރު؟”
” އެހެންވީމަ އަހަރެން މިއީ އެއްކަމެއްވެސް ކުރާ މީހެއް ނޫންތާ ދޯ؟” ސާދުނާގެ މޫނުމަތިން މޮޅިވެރިކަން ފެނުނެވެ.
”މާ ގިނަ ވާހަކަ ދައްކާނެކަމެއް ނެތް.. އަހަރެން ނެތިން ދެން މިހެން އުޅޭކަށް.. އަހަރެން މިދަނީ.. ކުދިންގެ ޚަރަދު އަހަރެން ބަލަހައްޓާނަން. ސާދުނާވެސް ކޮންމެވެސް ގޮތެއް ހޯދާދެން!… ” އަހަރެން ނުކުމެގެން އައީ ސާދުނާ އާދޭސް ކޮށްކޮށް ހުއްޓައެވެ.
އަހަރެން ހުންނާނެ ވަކި ޚާއްސަ ތަނެއްވެސް ނެތެވެ. ނަމަވެސް އެގޭގައި ސާދުނާއާއި އެކީ އުޅޭކަށް އަހަރެން ބޭނުމެއް ނޫނެވެ.
ބަނދަރުމަތީގައި ހުރި ޖޯއްޔެއްގައި އޮއްވާ ގާސިމް ދޯންޏާ ދިމާލަށް ދަނިކޮށް ފެނުނެވެ. ތަންކޮޅެއް ދުރުން އޭނާއަށް އަހަރެން ފެނިފައި އަތުން ހަނާއަޅާލާފައި މަޑުކޮށްލަށޭ މިއަންނަނީއޭ އަތުގެ އިޝާރާތުން ބުނެލިއެވެ. ގާސިމަކީ އަހަރެންގެ ކުޑައިރުގެ ރަޙްމަތްތެރިއެކެވެ. އޭނާއަކީ ކެޔޮޅެކެވެ. އެ ދޯންޏަށް އެރިފަހުން އޭނާއާއި ރަށުން ދިމާވަނީ ހާހަކުން ފަހަރަކުއެވެ.
”ކޮބާ ކޮންވަޑާމެއް މިތާ މިގަޑީގައި.. ހިނގާބަލަ އެއްޗެއް ކާލަން… ” ގާސިމް އަހަރެން އޮތް ދިމާލަށް އަންނަމުން ބުނެލިއެވެ.
”އަހަރެން ބަނޑުހައެއް ނުވޭ….” އަހަރެން ބުނެލީމެވެ.
”އެޔޯ… އެއޮށް 1 ޖެހީ.. އަހަރެން ވަރަށް ބަނޑުހައި.” ޤާސިމް އައިސް އަހަރެންނާއި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ.
އަހަރެން އޮތީ ބަނޑުހައިގަނެގެން ގޮސް ހަލާކުވެފައެވެ އެކަމަކުވެސް އެކަން ގާސިމަށް އަންގާކަށް ބޭނުން ނޫނެވެ.
”އެހެންތަ.. ދެން އެހެންވިޔަސް ހިނގާ ސައިތައްޓެއް ނަމަވެސް ބޯލަން. އަހަރެން މިއައީ ދެންމެ ސާދުމެން ގެއަށް ގޮސްފައި.. ނިންމަންހުރި ހިސާބުތައް ނިންމަން މެންދުރުއްސުރެ މިއުޅެނީ ގެއިން ބޭރުގައި. އެހެންވެ ނުވެސް ކައި މި އުޅެނީ.. އަނީސާ އިންނާނެ މިހާރު ރަތަށް އަރާފައި. އަހަރެން ނުގޮސްގެން..” ހިނިގަނޑެއް ޖަހާލާފައި ގާސިމް ހިނގައިގަތެވެ.
އަހަރެންވެސް ގާސިމް ފަހަތުން ދާން ބޭނުން ނުވެފައި ހުރެ ހިނގައިގަތީމެވެ. އަހަރެން އެއްވެސް ކަމެއް ކުރާނެ މޫޑެއް ނެތެވެ. ކާންވެސް ބޭނުން ނޫނެވެ. ކުޑަމިނުން ފެންފޮދެއްވެސް ބޯން ބޭނުން ނޫނެވެ. މިވެސް މީހުންނާއި އިނދެގެންއުޅޭ މީހުންނެވެ. ކިހާ އުފާވެރިހެއްޔެވެ. ކިހާ އަޅާލާހެއްޔެވެ. ކިހާ ލޯބިވޭހެއްޔެވެ. އާދަނުގެވެސް ގައިމު އަހަރެންނަށްވުރެ މާ ގިނަ ކުދިން އެބަތިއްބެވެ.
” ބަލަ އާދިލޫ …. ހޮޓަލަށް ނުވަދެ ތިދަނީ ޔޯ؟” ގާސިމް ގޮވާލިއަޑަށް އަހަންނަށް ހޭވެރިކަން ވެގެން ބަލާލެވުނެވެ. ހޮޓާ ފަސްދީ އަހަންނަށް މި ދެވެނީ މާދުރަށެވެ.
”ސާބަހޭ… މަ ކިހާ އިރެއް އެކަނިމާ އެކަނި ވާހަކަ ދައްކާތާ… ހޮޓަލަށް ވަންނަމުން ނަސީބެއްނު ފަހަތަށް ބަލާލެވުނުކަން.. ތިއޮށްދަނީ އަނގައިންވެސް ނުބުނެ ހުރެ … ކަލެއަށް ކީއްވެފަތަ ތިހުރީ…” ގާސިމް ހީލާފައި ބުނެލިއެވެ.
” ނިންޖަށް ބޭނުންވެފައި މިހުންނަނީ.. ކަލޭ ބުނީމަ ދެން ޖެހޭނީ އަންނާކަށްނު… ” އަނެއްކާވެސް ދޮގެއް ހަދާލީމެވެ.
ގާސިމް ކާއެއްޗަށް އޯޑަރުދީފައި އަހަންނާއި ދިމާލަށް ބަލާލިއެވެ.
”އެހެންތަ.. ރަގަޅުވާނެ ކޮފީއެއް ބޯލީމަ..ހިނގާ ޖައްސާލަމާ…” މޭޒެއް ދައްކާލަމުން ގާސިމް ގޮނޑިއާއި ދިމާލަށް ހިނގައިގަތެވެ.
އަހަންނަށް ގެނައީ ކަޅު ކޮފީއެކެވެ. އެއީ އަހަރެން އާދަނާއި އެކީ އައިސް އާންމުކޮށް ބޯ އެކައްޗެވެ. އަހަންނަކީ ކަޅު ކޮފީއަށް ހަކުރުއަޅައިގެން ބޯމީހެއް ނޫނެވެ.
”ބަލަ ބަލަ.. ތިޔޯ…” ގާސިމް އިނީ އަހަރެން ކުރާ ކަންތައްތަކަށް ފާރަލާންހޭވެސް އެގަޑީގައި އަހަރެންގެ ހިތަށް އެރިއެވެ.
އަހަރެންނަށް ބަލާލެވުނުއިރު، ކޮފީތައްޓަށް މި ހަކުރުއެޅެނީއެވެ.
”ކަލޭ ރަގަޅެއް ނޫން މިރޭ.. ބުނެބަލަ.. ކަމެއް ދިމާވެގެންތަ ތިއުޅެނީ…” ގާސިމް ވަރަށް ސީރިއަސްވެފައި އަހާލިއެވެ.
” ގާސިމާ.. މަގޭވާ ދިރިއުޅުން ވިއްސި ވިހާލިވެއްޖެ. މަމިއައީ ގެއިން ނުކުމެގެން…” އަހަރެން ކޮފީތައްޓަށް ބަލަހައްޓައިގެން އިނދެ ބުނެލީމެވެ.
”އެ ކިހިނެއްވީ.. ކޮބާ މައްސަލައަކީ؟…” ގާސިމް އިހުނަށްވުރެވެސް ސީރިއަސްވިއެވެ.
” ސާދުނާ ހުރިހާވެސް މައްސަލައަކީ..” އަހަރެންނަށް ގޭތެރޭގެ ހުރިހާ ކަމެއް ކިޔާދެވޭނީ ކިހިނެއް ހެއްޔެވެ.
”ސާދުނާގެ މައްސަލައަކީ ކޮބާ؟” އާދަނު އެހިއެވެ.
”ދެން ނޭނގެ ބުނެދޭން.. ގެއެކޭ ގޮނޑެކޭ އެއްވަރު.. އަހަރެން މިހާ ބިޒީކޮށް އުޅެފައި ގެއަށްވަންނައިރު ގޭތެރެ ފެނިފައިވެސް ބޯހަލާކުވޭ. އެހެންވެ ގޭމެއް އެއްޗެއް ކުޅެލިއަސް އޭނަ ހުންނަނީ ޖަހާ ނަރުގަނޑުގައި ” އަހަރެން ހިތުގައި އޮތްގޮތަށް ބުނެލީމެވެ.
” ދެން އޭނައާއި އެކީ ގޭމް ކުޅެލާނަމަ..” ގާސިމް ހީލާފައި ބުނެލިއެވެ.
ހަޤީޤަތުގައި ގާސިމްމެން، އުފަލުގައި އުޅޭ ބަޔަކަށް އެހެންބައެއްގެ އިހުސާސެއް ނަގައި ނުގަނެވޭނެއެވެ. މިކަހަލަ ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް އަހަނަށް ނުފެނުނެވެ.
”އަނ ދޯ.. ” ގަދަކަމުން ހީލަމުން އަހަރެން ގާސިމާއި އެއްބައިވީމެވެ.
ގާސިމްހެން ދުވާލުދާ ހަތަރުދަމ މަސައްކަތްކޮށްފައި ގެއަށްދާއިރު ލޯބިން ހެވިފައި ހުންނާނެ އަތްނބެއް އަހަރެންގެ ނެތެވެ. ހުއްޓަސް އެއީ ހަމަ ނެތް މީހެކެވެ.
ހިތާހިތާ ޝަކުވާކުރަމުން މަޑުމަޑުން ކޮފީތަށި ބޮމުން ދިޔައީމެވެ. ގާސިމް ހުއްޓާނުލާ ވާހަކަދައްކަމުން ދިޔައެވެ. އެކަމަކު އެވާހަކަތަކެއް އަހަންނަށް ނީވެއެވެ. އަހަރެން މިދަނީ އަހަރެންގެ ވަޒީފާއަދާކުރަމުންނެވެ. އަނބިދަރިންނަށްޓަކައި މަސައްކަތްކޮށް އާމްދަނީ ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. މިއީވެސް އަހަރެންގެ ހަޔާތުން އެއްދުވަހެވެ.
(ނިމުނީ)