ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭން ފަށައިފިއެވެ.
މަޖިލީހުގެ ޖަލްސާތައް އިޗާރާތް ބަހުރުވައިން ގެނެސްދޭން ފަށާފައި މިވަނީ މިދިޔައަހަރު ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ “ޕްރެކްޓިސް ޕާލިއަމެންޓް ފޯ ޔޫތު” ޕްރޮގްރާމްގައި ބައިވެރިވި ކުދިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ދަރިވަރަކު ކުރި ސުވާލަކާއިނ ގުޅިގެންނެވެ.
އެބައްދަލުވުމުގައި ބައިވެރިވި އަޑު އިވުމުން މަހުރޫމްވެފައިވާ ދަރިވަރަކު އޭނާފަދަ އަޑުއިވުމުން މަހުރޫމްވެފައިވާ ޒުވާނުންނަށް މަޖިލީހުގެ މަސައްކަތްތައް ދެނެގަނެވޭނެ ގޮތެއް ވާނެތޯ މަޖިލީހުގެ ރައީސް އަރިހުގައި ވަނީ ސުވާލުކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ އެކަން ކޮށްދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ ޖަލްސާތައް އިޝާރާތް ބަހުރުވަ (ސައިން ލޭންގުއޭޖެ)އިން ވަގުތުން ގެނެސްދެނީ ސައިން ލޭންގުއެޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީއެވެ. އެގޮތުން މިއަދުވަނީ މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭން ފަށާފައެވެ.
މަޖިލީހުގެ ޖަލްސާތައް އިޝާރާތް ބަހުރުވައިން ގެނެސްދޭން ފަށާފައިވާއިރު، ބޮޑެތި ޖަލްސާތައްވެސް އިޝާރާތް ބަހުރުވައިން ގެނެސްދޭކަން ފާހަގަކޮށްލެވެއެވެ.