ކިޔަވައިގެން ހުރި ޒުވާނަކު ޒަވާޖީ ޙަޔާތެއް ފަށައި ގެވެހި އަންހެނެއްގެ ގޮތުގައި ގޭގައި އިނދެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ޖޫސް ޕެޓީ ފަދަ އެއްޗެއް ވިއްކައިގެން ކާމިޔާބު ވިޔަފާރި ވެރިއަކަށް ވުން އެއީ މިޒަމާނަށް އާ ވާހަކައެއް ކަމުގައި ވެދާނެއެވެ. ނުވަތަ މިހާރަކަށް އައިސް ވަރަށް މަދުން ނޫނީ ފެނިފައި ނުވާ ކަމެކެވެ. ނަމަވެސް ގދ ތިނަދޫ އަށް އުފަން ޒުމްރަތު ރަޝީދު އަކީ މިދެންނެވި ފަދަ ކުޑަ ކުޑަ ކަމަކުން ވިޔަފާރި އެއް ފަށައި ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބު ވިޔަފާރި އެއް ހިނގަމުންދާ ހިތްވަރުގަދަ މުރާލި ކަނބަލުންގެ ލިސްޓްގައި ގުނާލެވޭ އަންހެނެކެވެ.
ޒުމްރަތު އަކީ އޭނާގެ ސްކޫލް ދައުރު ނިންމާ ސަރުކާރުގެ ވަޒީފާ އެއްގައި ޒިއްމާދާރު ކަމާއެކީ ދިގު މުއްދަތެއްގައި މަސައްކަތް ކުރި މީހެކެވެ. ދިވެހި ރާއްޖޭގެ އަޑުން ތިނަދޫގައި ހިންގި މީޑިއާ ސެންޓަރުގައި ޕްރެޒެންޓަރ ޕްރޮޑިއުސަރެއްގެ ގޮތުގައި މެދުނުކެނޑި 11 އަހަރު މަސައްކަތްކުރި ޒުވާނުނެކެވެ. ތިނަދޫ މީޑިއާ ސެންޓަރު އުވާލަންދެން އެތަނުގައި ޚިދުމަތް ކުރުމުން އޭނާގެ ވަޒީފާ މާލެއަށް ބަދަލު ކުރުމުން އެ ފުރުސަތު ދޫކޮށްލީ ރަށުގައި މަޑުކޮށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ވިސްނުން އައުމުންނެވެ. އެގޮތަށް މަސައްކަތް ކުރުމަކީ ވަރަށް ކުރާހިތްވާ ކަމަކަށް ވާތީއެވެ.
“ވަޒީފާ ދޫކޮށްލުމަށް ފަހު ގޭގައި މަޑު ކުރީ. ދެން ހުހަށް ނުހުންނަ ވެގެން ބައްޕަގެ ކުންފުނީގެ އިދާރީ މަސައްކަތްތައް ކޮށްހެދީ. ކުރިން ވެސް ބައްޕަޔަށް އެ މަސައްކަތް ކުރިން,. އޭގެ ފަހުގައި އަމިއްލަ ގޯތި ހަދައި ނިމުމުން ގެޔަށް ބަދަލުވީ ” އުމުރުން 21 އަހަރުގައި ޒަވާޖީ ޙަޔާތެއް ފެށި ޒުމްރަތު ބުންޏެވެ.
ޒުމްރަތުގެ ދެމަފިރިންގެ އަމިއްލަ ގެއަށް ދިރިއުޅުން ބަދަލު ކުރެވޭ ވަރަށް ގެ ނިންމާ އެވަގުތު ތިބި 3 ދަރިންނާ އެކު އާ ގެޔަށް ބަދަލުވީ މީގެ 6 އަހަރު ކުރިންނެވެ. އާ ގެޔަށް ބަދަލުވެ ޒުމްރަތު ފުރަތަމަ ވެސް ވިސްނަން ފެށީ އެންމެ ފަސޭހައިން އާމްދަނީ އެއް އިތުރު ކުރުމަށް ކުރެވޭނީ ކޮންކަމެއްތޯ އެވެ. އެގޮތުން ޖޫސް ޕެޓީ ހަދައިގެން ވިއްކަން ފެށިއެވެ. ޒުމްގެ ނަސީބު ވަރަށް ރަނގަޅެވެ. ޒުމްރަތު ޖޫސް ޕެޓީ ވެގެން ދިޔައީ ވަރަށް މީރު އަދި ގިނަ ބަޔަކަށް ކަމުދިޔަ އެއްޗަކަށެވެ.

ސްކޫޕް އެންޑް ސްމައިލްސް ވިޔަފާރީގެ ވެރި ޒުމްރަތުގެ ފޮޓޯެއް- ފޮޓޯ: އަހުމަދު ނަދީމް
” އާ ގެޔަށް ބަދަލުވެ ޖޫސް ޕެޓީ ހަދައިގެން ވިއްކަން ފެށީ. އެކަން މަޑުމަޑުން ކާމިޔާބު ވާހެން ހީވީމަ ޕޮޕްކޯން ވެސް ވިއްކަންފެށީ” މީހުންނާ ގުޅޭ މިޒާޖެއް ހުންނަ ޒުމްރަތު ބުންޏެވެ.
ޕޮޕްކޯން ވިއްކުމުގައި އޭނާ މަސައްކަތް ކުރީ ތަފާތު ގޮތަކަށެވެ. ހަވީރު ގަޑިއަށް ގޭ ދޮރާށި ކައިރީގައި ޕޮޕްކޯން ވިއްކަން ހުންނަނީ އެ ސަރަހައްދަށް ދާ މީހުންނާއި ކުޑަކުދިން އެކު މަޖާ ކޮށް އެކުވެރިކަމުގެ ވަގުތުވެސް ހޭދަ ކުރުމަށް ވަޤުތު ދެމުންނެވެ.
” ޙަސަންބެގެ އެހީތެރިކަން ލިބިގެން ޕޮޕްކޯން ވިއްކަން ފެށުނީ. އެކަން ވަރަށް ބޮޑަށް ފާހަގަ ކުރަން. އަޅުގަނޑު ބުނާނީ އެއީ އޭ ފެށުމަކީ” ޒުމްރަތު ބުންޏެވެ.
ޕޮޕްކޯން ވިއްކުމަށް ޒުމްރަތު އަތުކުރި އޮޅަލި ދުވަސްވަރަކީ ކުރީގެ ރައީސް ޔާމީން ތިނަދޫ އަށް ހަދިޔާ އެއްގެ ގޮތުގައި މިއުޒިއަމް ޕާކު އެއް އެޅުމަށް ނިންމައި އެކަމުގެ ޢަމަލީ މަސައްކަތް ފެށި ދުވަސްވަރެވެ. އެހެންކަމުން ޒުމްރަތު ގެ ވިސްނުމަކަށްވީ އެ ޕާކު ހުޅުވެންވާ އިރަށް އޭނާގެ ޖޫސް ޕެޓީ އާއި ޕޮޕްކޯން ވިޔަފާރި ފުޅާ ކުރުމަށެވެ. އެތެރެ ގެއާއި އަސްކަނި ދަށުގައި ކުރަމުން ދިޔަ ވިޔަފާރި އަށް ރަސްމީ ސިފައެއް ގެންނާށެވެ.
ސްކޫޕް އެންޑް ސްމައިލް ގެ ފެށުން:
ކުޑަ އިރުންސުރެ ކެއްކުމަށް ޝައުގުވެރިކަން ހުންނަ އަދި އެކި ކަހަލަ އެއްޗެހި ތައްޔާރު ކޮށް މީހުންނަށް ކާންދިނުން އުފަލެއް ގޮތުގައި ކުރަމުން އައި ޒުމްރަތު ވިޔަފާރި އެއް ރަސްމީ ކޮށް ފެށުމަށް ފައި ނެގީ 2017 އަހަރުއެވެ. ޓާގެޓަކީ މިއުޒިއަމް ޕާކް ހުޅުވުމުގެ އިމާރާތް ނިންމާ ވިޔަފާރިއަށް އާލާތް ހަމަ ކުރުމެވެ. އެގޮތުން އޭނާ މަސައްކަތް ފެށީ އަމިއްލަ ގޯތީގެ ހުސްޖާގައިގައި ޖޫގޯ ޕޮއިންޓެއް ހެދުމަށެވެ. އެއީ އޭނާ އެންމެ ލޯބިކުރާ ދާއިރާ އާއި ގުޅުން ހުރި ކަމަކަށްވެސް ވީމައެވެ.

ސްކޫޕް އެންޑް ސްމައިލްސްގެ ފޮޓޯއެއް- ފޮޓޯ: އަހުމަދު ނަދީމް
ކޮއްކޮމެންނާއި މަންމަ އާއި ބައްޕަ ގެ އިތުރުން ފިރިމީހާގެ އެހީތެރިކަން ނިހާޔަތަށް ލިބިގެން ހުރިހާކަމެއް ނިމުމާ 2018 ވަނަ އަހަރު “ސްކޫޕް އެންޑް ސްމައިލް” ގެ ނަމުގައި ޚިދުމަތް ދޭންފެށި އެވެ. ޖޫގޯގެ ގިނަ ރަހަތައް ތައްޔާރުކޮށް މެޝިނަރީގެ މާބޮޑު އެހީއަކާ ނުލައި އަމިއްލައަށް ތައްޔާރުކޮށް މަސައްކަތުގައި އުޅެންފެށިއެވެ. ޒުމްރަތަކީ ރަހަމީރުކުރަން ދަންނަ ކެއްކުންތެރިއެއް ކަމުން އޭނާގެ އުފެދުނު ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ.
“ސްކޫޕް އެންޑް ސްމައިލް އިތުރަށް ތަރައްޤީ ކުރުމަށް ލޯނެއް ނެގިން. މި ފުރުސަތުގައި ނަޝާޔާ އަގީލް ގެ ނަން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކޮށްލަން ބޭނުން. އެ ލޯނަށް ފަހު ތަނުގެ މެޝިން ތަކާ އެހެނިހެން މުހިއްމު ސާމާނު ހަމަކުރިން. ” އަބަދުވެސް ފެންވަރު ރަނގަޅު ޚިދުމަތެއް ދޭން އަޒުމް ކަނޑައަޅައިގެން އޭނާގެ ވިޔަފާރީގައި ޢަމަލީ ގޮތުން ބައިވެރިވަމުން އަންނަ ޒުމްރަތު ބުންޏެވެ.
ޒުމްރަތުގެ ވިޔަފާރި ހިންގުމަށް ވަޤުތު ދިނުމުގައި ފިރިމީހާ ޝާތިރުގެ މަންމަ, މައިދައިތަ އަބަދުވެސް އެހީތެރިވާކަން ފާހަގަ ކުރަމުން އޭނާ ބުނީ ވިޔަފާރި އެއްގެ ގޮތުގައި ސްކޫޕް އެންޑް ސްމައިލް ހިންގުމުގައި ލިބެމުންދާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކަސްޓަމަރުންގެ އިތުބާރާއި އާއިލީ އެއްބާރުލުން ކަމަށެވެ.

ސްކޫޕް އެންޑް ސްމައިލްސްގެ ފޮޓޯއެއް- ފޮޓޯ: އަހުމަދު ނަދީމް
ތިނަދޫގެ ރައްޔިތުންގެ އިތުރުން ރަށުންބޭރުން ޒިޔާރަތް ކުރާ ގިނަ ބައެއްގެ މަޤުބޫލު ކަން ހޯދާފައިވާ ސްކޫޕް އެންޑް ސްމައިލް ގެ ވެރިޔާ ޒުމްރަތު ރަޝީދު ވަނީ ފާއިތުވި 5 އަހަރުގެ ތެރޭގައި ހީނުކުރާހާ ބޮޑު ކާމިޔާބީއެއް އޭނާގެ މަސައްކަތުގައި ހޯދާފައެވެ. މިއަދު ސްކޫޕް އެންޑް ސްމައިލް އަކީ ޖޫގޯގެ ރަހަތައް ނަން ހުސްކޮށް ތައްޔާރު ކުރާ ހުވަދު އަތޮޅުގައި ހުރި ފާހަގަ ކޮށްލެވޭ އެއްތަނެވެ. ޖޫގޯގެ 35 ބާއްވައި އެ ތަނުން ތައްޔާރު ކުރެވޭއިރު އައިސް ކްރީމް ، ހޮޓް ޗޮކްލެޓްގެ އިތުރުން ތަފާތު ހެދިކާތައް ލިބެން ހުރެއެވެ.

ސްކޫޕް އެންޑް ސްމައިލްސްގެ ފޮޓޯއެއް- ފޮޓޯ: އަހުމަދު ނަދީމް
ޒުމްރަތުގެ މަސައްކަތުގައިވާ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޖޫގޯ ހެދުމަށް ބޭނުންވާ ބައެއް ފްލޭވަރސްތައް އޭނާ އަމިއްލައަށް ތައްޔާރު ކުރާކަމެވެ. ބޭރުން ގެނައުމުގެ ބަދަލުގައި އަމިއްލައަށް އުފައްދާކަމެވެ.
ޒުމްރަތުގެ ކުރިމަގާއި ވިސްނުން
ކުޑަކުޑަ ތަންކޮޅެއްގައި މިއަދު ވިޔަފާރު ހިންގި ކަމުގައި ވިޔަސް ޒުމްރަތުގެ ވިސްނުންހުރީ ގޭގެ ބައެއް އޭނާގެ ވިޔަފާރިއަށް އިތުރުކޮށް ރެސްޓޯރެންޓް ސްޓްއިލަށް ޚިދުމަތުގެ ވައްޓަފާޅި ބަދަލުކޮށް ތަފާތު މާހައުލެއް ދެއްކުމެވެ. މުވައްޒަފުން ބޭނުންކޮށް ވިޔަފާރި ޒަމާނީ ކޮށްލުމެވެ. ތިނަދޫގެ ތަރައްޤީގެ އުދަރެހަށް އޭނާ ހިއްސާވާ އަލިގަދަ ތަރިއެއް ބަބުޅާލެވުމެވެ.
ހިއްވަރުފަދަ މުރާލި އަދި ކާމިޔާބު ކަނބަލުންގެ ލިސްޓުގައި ގދ ތިނަދޫ ޒުމްރަތުގެ ނަން ހިމެނިގެން ދާނެކަމީ ޝައްކެއްނެތް ކަމެކެވެ.
މިއަދަކީ ޒުމްރަތުގެ އުފަންދުވަސް ކަމުން ހުވަދޫ މީޑިއާ ގްރޫޕުގެ ފަރާތުން ބާއްޖަވެރި އުފަން ދުވަހަގެ ތަހުނިޔާ ކިޔަނީ ޒުމްރަތުގެ އެންމެހާ މަސައްކަތްތަކައް އަދަށްވުރެ ފަހި މާދަމާއެއް މާތް ﷲ މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުންނެވެ.
ޢަބަދުވެސް ހިނިތުން ވުމާއި އެކު ކަސްޓަމަރުންނާއި ކުރިމަތިލާ ހިތްހެޔޮ ކަނބަލެއް ވިޔަފާރީގައި ބަރަކާތް ލައްވާށި �
ތިނަދޫ އިން ލިބޭ އެންމެ މީރު ޖޫގޯ. އިތުރު ކާމިޔާބީއަށް އެދެން.