ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމާއި ފަނޑިޔާރު ހަމީދު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނާގޮތުން މިދެފަނޑިޔާރުން ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވެއެވެ. އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެ މައްސަލަ ތަހުގީގުކޮށް ބެލިބެލުމުން، އެގުނުގޮތުގައި މިދެފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަމަށް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން ފަނޑިޔާރުންނަށް ހައުސިންގް ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތް ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައި ވަނީ، މާލީ ހާއްސަ ލުއިތަކަކާއެކު އަދި އެ ބާވަތުގެ ހައުސިންގް ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ފާހަނގަވި ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ޖޭއެސްސީން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި އެ ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބުދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޒު ހަމީދު ހަވާލުވުމަކީ ގާނޫނު އަސާސީއާ ހިލާފު އަމަލެއް ކަމަށެވެ. އަދި އެ އަމަލަކީ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައި އޮންނަ، ފަނޑިޔާރުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާއި، ސުލޫކީ މިންގަނޑުގައި ފަނޑިޔާރުންގެ އަހްލާގީ މިންގަނޑު ބަހައްޓަން ވާނީ، ޝަރުއީ ދާއިރާގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭ ފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ހިލާފް އަމަލެއްކަން ސާބިތުވާ ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރުކަމުގެ މަގާމުން، އަލްއުސްތާޒު އަބުދުއް ރައޫފް އިބްރާހީމް އަދި އަލްއުސްތާޒު ހަމީދު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.