ދީން
ފިޠުރު ޒަކާތް ޝަރުޢު ކުރެވުނީ ރޯދައިގައިވާ އުނިކަންތައްތައް ފިލުއްވައި ދެއްވުމަށް- ޚުޠުބާ

މުސްލިންގެ މައްޗަށް ފިޠުރު ޒަކާތް ޝަރްޢު ކުރައްވާފައިވަނީ ރަމަޟާން މަހުގައި ހިފާ ރޯދައިގައިވާ އުނިކަންތައްތައް ފިލުއްވައި ދެއްވުމަށްޓަކައި ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވުނު ހުކުރު ހުތުބާ ޚާއްސަވެފައިވަނީ، ރަމަޟާން މަހުގެ ރޯދައާއި ފިތުރު ޒަކާތުގެ މައްޗަށެވެ. ހުތުބާގައި ބުނެފައިވާ ގޮތުން، ރަމަޟާން މަހުގައި އެންމެހާ މުސްލިމުން ހިފާ ރޯދަ ފުރިހަމަކޮށް ދެއްވުމަށްޓަކައި އަހަރެމެންގެ މައްޗަށް ފިތުރު ޒަކާތް ޝަރްޢު ކުރައްވާފައިވާކަމަށެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ބަސްފުޅެއްގެ މާނައިގައި ވަނީ ފިތުރު ޒަކާތަކީ، ހަޑިހުތުރު ޢަމަލުތަކުންނާއި، އެފަދަ ބަސްތަކުން ރޯދަވެރިޔާ ޠާހިރުކޮށްދޭ އެއްޗެކެވެ. އަދި އެއީ މިސްކީނުންނަށް ދެވޭ ކެއުމެއް ކަމަށެވެ.

މާތް ﷲ މުސްލިމުންގެ މައްޗަށް ފިތުރު ޒަކާތް ފަރުޟު ކުރައްވާފައި ވަނީ ވަރަށް މަތިވެރި މާތް މަޤްޞަދުތަކަކަށްޓަކައި ކަމުގައި ޚުޠުބާގައި ބުނެއެވެ. އޭގެތެރޭގައި ފަޤީރުން ޢީދު ދުވަހު ފުދުންތެރި ބަޔަކަށް ހެދުމާއި، އެމީހުންގެ އެ ދުވަހުގެ މުހުތާދުތައް ފުއްދައިދިނުމާއި، ޢީދުގެ އުފަލުގައި އެބައިމީހުން ބައިވެރިކުރުމަށް ކަމަށް ހުތުބާގައި ބުނެވިފައިވެއެވެ. ފިތުރު ޒަކާތުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ލޯތްބާއި، ކުލުނާއި، އެކުވެރިކަން ޤާއިމުވެގެންދާ އިރު، ޢީދުގެ އުފަލުގައި އެންމެންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.

“ހުރިހާ ޢީދު އުފާވެރި މުނާސަބަތަކަށް ވާނެއެވެ. ކީރިތި ރަސޫލާ ސިފަކުރައްވާފައިވާ ފަދަ އެއްބަނޑުއެއްބަފައި މުޖުތަމަޢަކަށް އިސްލާމީ މުޖުތަމަޢު ވާނީ، އުފަލާއި، ހިތާމާގައި، މުޖުތަމަޢުގެ އެންމެން ބައިވެރިވެގެންނެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. “އެއް މުއުމިނަކީ އަނެއް މުއުމިނަކަށްޓަކައި ބިނާއެއްފަދަ މީހެކެވެ. މުއުމިނުންގެ އެއްބައެއްގެ ސަބަބުން އަނެއްބަޔަކަށް ގަދަކަން ލިބެއެވެ.”

އިސްލާމީ މުޖުތަމަޢުގެ އަފްރާދުން އެއްބަޔަކު އަނެއް ބަޔަކަށް އަޅައިލަންވީ ގޮތުގެ ރީތި ތަޞްވީރެއް ކުރައްސަވައި ދެއްވަމުން ލޮބުވެތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. “އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމާއި، އަޅައިލުމާއި، އެއްބަޔަކު އަނެއް އޯގާވެރިވުމުގައި، މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގައިވާ ގުނަވަންތަކެއްގެ މިސާލެވެ. އެއިން ގުނަވަނެއް ބަލިވެއްޖެ ނަމަ އެހެން ގުނަވަންތައް ހޭލައި ހުރުމާއި، ހުން އައުމުގައި، އެ ގުނަވަނަކަށް އިޖާބަ ދޭނެތެވެ.”

މީގެ އިތުރުން ފިތުރު ޒަކާތަކީ، އަތްމަތި ދަތި ޙާލުގައިވެސް ހޭދަކުރުމަށް މުސްލިމުންނަށް ދެވޭ ތަމްރީނެއް ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ. އަދި މުސްލިމުންގެ އަތްތައް އަބަދުވެސް ވާން ޖެހޭނީ ހޭދަކުރާ އަތްތަކަކަށް ކަމަށާއި، މި ޒަކާތުގެ ސަބަބުން އަހަރު ތެރޭގައި އެންމެ ދުވަހަކު ނަމަވެސް ހޭދަކުރި މީހަކަށްވުމުގެ އުފާ ކޮންމެ މުސްލިމަކަށް ޙާޞިލުވެގެންދާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ﷲ ސުބުހާނަހޫ ވަތައާލާ ފިތުރު ޒަކާތް ޝަރްޢުކުރެއްވީ ހިޖުރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ. އެއީ ރޯދަ ފަރުޟުކުރެއްވި އަހަރެވެ. އަދި އޭރު މުދަލުގެ ޒަކާތް ފަރުޟެއް ނުކުރައްވައެވެ. މާތް ﷲ ރުއްސުން ލެއްވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. “ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ، މުސްލިމުންގެ ތެރޭގައި ހިމެނޭ ކޮންމެ މިނިވަން އަންހެނަކާއި ފިރިހެނެއްގެ މައްޗަށާއި، ކޮންމެ އަޅު ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ފިޠްރުޒަކާތް ކަދުރުގެ ޞާޢެއްގެ މިންވަރުން ނުވަތަ ހިމަގޮދަނުގެ ޞާޢެއްގެ މިންވަރުން ފަރްޟުކުރެއްވިއެވެ.”

މި ޙަދީޘުން އެނގޭގޮތުގައި ފިތުރު ޒަކާތަށް ނެރެންޖެހޭނީ ޞާޢެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.4 ކިލޯގްރާމެވެ. މިކަމުގައި އިސްލާމީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް އަދި ދުނިޔޭގެ ހުރިހާ އިސްލާމީ ޖަމާޢަތްތަކުން ވެސް މިއަދު ޢަމަލުކުރާ މައިގަނޑު އުޞޫލަކީ 2.4 ކިލޯގްރާމުގެ އަގަށްވާ ފައިސާ ފިތުރު ޒަކާތުގެ ގޮތުގައި ނެރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

“ފިތުރު ޒަކާތަކީ، ތިމާއާއި، ތިމާ ޚަރަދުދީ ބަލަހައްޓަން ޖެހިފައިވާ މީހުންނަށް ޢީދު ދުވަހާއި، ޢީދު ވިލޭރެއަށް ބޭނުންވާ ތަކެތި ހުރެ، އިތުރުވެއްޖެ ނަމަ ދޭން ޖެހޭ އެއްޗެކެވެ. ރަމަޟާންމަހުގެ އެންމެ ފަހުދުވަހު އިރު އޮއްސުމުގެ ކުރިން މަރުވިމީހާއާއި، ޢީދުވިލޭރޭ އުފަންވި ކުއްޖާގެ މަތިން، ފިތުރު ޒަކާތް ދޭކަށް ނުޖެހޭނެއެވެ. ކުޑަކުދިން ބާލިޣުވަންދެން އަދި އަންހެންކުދިން ބާލިޣުވިޔަސް މީހަކާ އިންނަންދެން އެކުދިންނަށްޓަކައި ޒަކާތް ދެއްކުން ބައްޕަގެ މައްޗަށް ވާޖިބުވާނެއެވެ. ޖުމްހޫރު ޢިލުމުވެރިން ވިދާޅުވާ ގޮތުގައި، ފިތުރު ޒަކާތް ވާޖިބުވެފައިވާ މީހަކު އެ އަދާކުރުމުގެ ކުރިން މަރުވެއްޖެ ނަމަ، އޭނާގެ ތަރިކައިން އެ އަދާކުރަން ޖެހޭނެއެވެ. ރަމަޟާންމަހަށް ހަނދުބެލުމުން ފިތުރު ޒަކާތް ނެރެވިދާނެއެވެ. އެކަމަކު ޢީދު ނަމާދަށް ވުރެ ފިތުރު ޒަކާތް ނެރުން ލަސްކޮށްގެން ނުވާނެއެވެ. ޢީދު ނަމާދަށްވުރެ ފަސްކޮށްފިނަމަ އެ ވާނީ ޞަދަޤާތަކަށެވެ.”

ފިޠުރު ޒަކާތަށް ނެރުން ވާޖިބުވެގެން ވަނީ އޮއްޓަރު ހުރި ގޮވާމުގެ ތެރެއިން އެރަށެއްގައި އެއަހަރަކު އާދަކޮށް ކާން ގެންގުޅުނު އެއްޗަކުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މިތަކެތިން އޭގެ އަގަށްވާ ފައިސާ ޒަކާތަށް ނެރެވިދާނެއެވެ. މި ޒަމާނުގެ ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއަދު ފަޤީރުންނަށް ފައިދާ ބޮޑީ ފައިސާއިން ޒަކާތް ދެއްކުމުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!