ކޯވިޑް19ގެ ތަކުލީފު ގައި ތިނަދޫ އޮންނަތާ މިއަދަށް 3 މަސްވީއެވެ. ދިރިއުޅުމުގެ އަސާސީ އެތައް ކަމެއް ހުއްޓާލައިގެން ތިބޭތާ 100 ދުވަސް ވާން ކައިރި ވަނީއެވެ. ދޫދެވިފައިވާ ހަނި ފުރުސަތުގެ ތެރެއިން ރައްޔިތުން އުޅެމުން ދާތާ މިހާ ގިނަ ދުވަސް ވެފައި ވާއިރު 1 ހާހާ ގާތްކުރާ އަދަދަކަށް ނުވަތަ ރަޖިސްޓަރީ އާބާދީގެ 7 ބައިކުޅަ 1 ބައި ވަނީ ކޮވިޑް-19 ކިޔާ ބައްޔަށް ފައްސިވެފައެވެ.
މި ޙާލަތަށް ތިނަދޫ ދިޔައިރު މުޅި އާބާދީ އުޅެމުން ދިރިއުޅެމުން ދަނީ ނާއުއްމީދުގެ ވެއްޓެއްގައި ނުތަނަވަސް ދިރިއުޅުމެއްގައެވެ. ބަލި ޖެހިދާނެތީ އެކަމުގެ ބިރުގައެވެ. އާމްދަނީ ނުލިބިދާނެތީ އެކަމުގެ ކަންބޮޑވުމުގައެވެ. ވިޔަފާރި ބަނގުރޫޓު ވަމުންދާނެތީ އެކަމުގެ ހާސްކަމުގައެވެ. ދަރިންގެ ތަޢުލީމު ގެއްލުމުންދާތީ އެކަމުގެ ފިކުރުގައެވެ.
ކޮވިޑް ލޮކްޑައުން އަކަށް ދިޔުމުން އުޅެން ޖެހޭ ތަކުލީފަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖެވެސް ތަޖުރިބާ ކުރަމުން އަންނަ ކަމެކެވެ. އެހެންކަމުން ތިނަދޫ ގެ ރައްޔިތުންވެސް މިޙަފްލާގައި ކެތްތެރިވެ ތިބެފިއެވެ. މަދު ބަޔަކު އުސޫލުން ބޭރު ވިޔަސް ޖުމްލަކޮށް އެންމެ ވެސް އީއޯސީ އާއި އެޗްޕީއޭ އަށް ބޯ ލަނބައިފިއެވެ. އިޖްތިމާޢީ އެއްވެސްކަމއއް ނުކޮށް ގޭގައި ތިބެފިއެވެ. ރަށުގެ ޙާލަތު ބަދަލުކުރުމަށް ގޭގައި މަޑުކޮއްފިއެވެ. ކިތަންމެ ބޭނުން ވިޔަސް އާއިލީ ގޮތުން އޮތް ގާތް ތިމާގެ ގެތަކަށް ޒިޔާރަތް ނުކޮށް ތިބެފިއެވެ. ނަތީޖާއަކަށްވީ 3 މަސް ތެރޭގައި ނަމަވެސް ހާހަކާ ގާތް ކުރާ އަދަދު 50 އާ ގާތަށް ތިރިވުމެވެ. ރަށު ތެރެއިން ދުވާލަކަށް ތިރީހުން މައްޗަށް ފައްސިވަމުން ދިޔަ ޢަދަދު ކޮންޓްރޯލުވެވި ފަހަކުން ތިރިޔަށް ދިއުމެވެ.
ތިނަދޫ ގައި ހުންނަ ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ޕަބްލިކް ހެލްތު ޔުނިޓާއި ތިނަދޫ ކައުނަސިލްގެ އިތުރުން ފުލުހުންނާއި ޢާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތް ތަފާތު ގޮންޖެހުން ތަކާ ކުރިމަތިލާން ޖެހުނުކަމަށް ވިޔަސް މިއަދު މިވަނީ ފަހު މަރުޙަލާއަށް ގެނެސްފައެވެ. ކުރިން އެޅި ހަރުކަށި ފިޔަވަޅު ތަކައް ދޫ ތަކެއްދީ ރަށުގައި އަޅުވާފައި އިން ” މަކުޑި “ ނާއްޓާލަން ގާތްވެފައެވެ. 24 ގަޑިއިރު ގެ ކާފިއު 6 ގަޑި އިރަށް ބަދަލުކޮށް ރައްޔިތުންނަށް ބޮޑު ފަސޭހަތަކެއް ދީފައެވެ. އޭގެ ސަބަބުން ނިމި ދިޔަ 3 މަސް ތެރޭގައި ނަފްސާނީ އުނިކަން ލިބޭ ތާށި ކަމުގައި ތިބި ތިނަދޫ ގެ ރައްޔިތުން މިއަދު ފެންނަނީ އުޖާލާ މޫނު ތަކަކާއި އެކު ފެންނަ މަންޒަރުތަކެވެ. ބޭރަށް ނުކުމެލާ ހިނުންވެލާ އުޅޭތަނެވެ.
ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ތިނަދޫ ލޮކްޑައުން އުވާލުމާއި ކާފިޢު ނިންމާލުމަށް ތިނަދޫ އީއޯސީ އިން ނިއްމައި އެޗްޕީއޭ އަށް އެދުން ޚަބަރު ނޫސް ތަކުން ފެނުމާއި އެކު އެންމެ ބޮޑު ހިތްހަމަ ޖެހުނު އެއްބަޔަކީ ހުވަދު އަތޮޅުގެ ތިނަދޫ ފިޔަވާ ބާކީ ތިބި އެހެން ރަށްރަށުގެ ރައްޔިތުންނެވެ. ތިނަދޫ އަށް އަރާ ފޭބުން މަނާ ކޮށް މޮނީޓަރިންގ ހާލަތަށް ދިޔަ ދުވަހުން ފެށިގެން އެ ރަށްތައް ވެސް ތިބެން ޖެހުނީ ޒަރޫރީ އެކި ބޭނުން ތަކަށް ކޮންމެ ދުވަހަކު އަންނަން ޖެހުނު އަތޮޅު ގެ މައި މަރުކަޒަށް ނުދެވިފައެވެ. ތިނަދޫ ރައްޔިތުންނެކޭ އެ މީހުންނެކޭ މާ ބޮޑު ތަފާތެއް ނެތެވެ. އެހެން ކަމުން އެ ރައްޔިތުން މިއަދު ތިބީ ތިނަދޫ އަށް އައުމަށް ފިސާރި ރަނގަޅަށް ތައްޔާރު ވެގެންނެވެ.
90 ދުވަހަށް ފަހު ތިނަދޫ ކޮވިޑް މަކުޑި ނައްޓާލައި ހުރިހާ ތަޅު ތަކެއް ހުޅުވާލުމަށް މަސައްކަތް ކުރަމުން ދާއިރު ރަށުތެރޭގައި ދެކެވޭ ވާހަކަ ތަކުން އުފެދޭ ސުވާލެއްވެސް އެބައޮތެވެ. އެޗްޕީއޭ އިން ދީފައިވާ ޚާއްޞަ ލުއި ތަކާ އިރު އިރު ކޮޅާ ބަދަލުވާ ލުއި ތަކުން, ޙަޤީޤަތުގައި ވެސް ތިނަދޫ އިން ނަގާ ރެންޑަމް ސާމްޕަލް ގެ ނަތީޖާއިން ލޮކްޑައުން ނިމިގެން ހިގައިދާނެތޯ އުފެދޭ ސުވާލެވެ. ނޫނީ އިތުރު ފައްސި ތަކާ އެކު އިތުރު ދިގު މުއްދަތަކަށް ބޮޑު ރާޅެއް ނަގައި މިހާރު ގޭގައި ތިބޭ ތިބުން އިތުރު 3 މަހަށް ދިގުލައިގެން ނުދާންތޯ އުފެދޭ ސުވާލެވެ.
ކޮންމެ އަކަސް ޔަޤީންވާ ކަމަކީ ކޮވިޑް-19 ހިތްދަތި ޙާލަތުން އަރައި ގަތުމަށް ރާއްޖޭގައި ދިރިއުޅެމުންދާ މީހުން 260600 (2ލައްކަ 60 ހާސް 600) އަށް ވުރެ ގިނަ މީހުން ކޯވިޑް19 ގެ ވެކްސިން ގެ 2 ޑޯޒް ޖަހައިފިކަމެވެ. މުޅި ރާއްޖެ މާސްކް އަޅައިފި ކަމެވެ.
ތިނަދޫ އަށް އެކަނި ބަލާއިރު ވެސް 3887 މީހުން ކޯވިޑް19 ގެ ވެކްސިން ގެ 2 ޑޯޒް ޖަހައިފިއެވެ. އަދި ފާއިތުވި 3 މަސް ތެރޭގައި އެކަނިވެސް 7490 ސާމްޕަލް ނަގައި ކޮވިޑް-19 އަށް ޓެސްޓް ހަދައިފިއެވެ .