ވާހަކަ
ކުރުވާހަކަ : ނުފިލާނޭ ހަނދާންތައް ދޫކޮށްފައެވެ.

އެޑިޓަރުގެ ނޯޓު: “ނުފިލާނޭ ހަނދާންތައް ދޫކޮށްފައެވެ.” މި ވާހަކަ އަކީ ހުވަދޫ މީޑިއާ ގްރޫޕުން ކުރިއަށް ގެންދިޔަ ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ފާތިމަތު ސަލްމާ އަލީ ލިޔެފައިވާ ވާހަކަ އެކެވެ. މި ވާހަކަ އަކީ “ހުވަދޫ ކުރުވާހަކަ ލިޔުމުގެ މުބާރާތް 2022” އަށް ހުށަހެޅުނު ވާހަކަ ތަކުގެ ތެރެއިން މުބާރާތުގެ ފަނޑިޔާރުންނަށް އެންމެ ރަނގަޅު 5 ވާހަކައިގެ ތެރެއިން އެއްވާހަކައެވެ.

ހުދު ކާފުރުކޮޅެއްފަދަ އުޑުމައްޗަށް ކަޅުވިލާ ބޯކުރަމުންދިޔައީ ބަޔަކަށް ރޭކާވެސްނުލާހާ ހަލުވި ދުވެއްޔެއްގައެވެ. ދުނިޔޭގެ އުދަރެހުން ކޮންމެ ދުވަހެއްވެސް ފާއިތުވާނީ ތޮށަލިދުޅައަށޭ ބުނާ ބީދައިން ޒަވާޖީޙަޔާތެއް ފެށުމަށް ކައިވެނީގެ ގޮށް ޖަހަން ތައްޔާރުވަމުންދިޔަ އަހަރެންގެ ހިތަށް މޮޅިވެރިކަމާއި،މާޔޫސްކަން ވެރިވީ މަންމަގެ ރުއިމުގެ އަޑުންނެވެ. ވެގެންއުޅޭ ކަމެއް ނޭނގި ހިތްއަވަސްވެފައިވާޙާލު އަހަންނަށްވެސް އިންތިޒާރު ކުރެވުނީ ދުވަހަކުވެސް އެލޮލަކުން ކަރުނައިގެ އަސަރު ފެންނަން އަހަރެން ބޭނުންނުވާ ލޯބިވާ މަންމަގެ ދުލުން ބުނެފާނެ ޖުމްލައަކަށެވެ.

ފަތިހުގެ ތެތްފިނިވަގުތެވެ. ގަދަނިދީގެ ތެރެއަށް ގެނބި ހުސްވެފައި މުޅި މާހައުލު އޮތަސް ، ދިރިއުޅުމުގެ އެއްވެސް ކަމެއް މަޑުޖައްސާނުލާ މަދު މީހުންގެ ތެރޭގައި ހިމެނޭ އަހަންނަށްވުރެ  ދޮޢްޓަށް ހުންނަ ދައްތަ ވައިރޯޅީގެ ހަލުވިމިނުގައި އަހަރެންގެ ކައިވެނީގެ ތައްޔާރީތައް ކުރަމުންދިޔައެވެ. އަހަރެންގެ ކައިވެއްޏަށް ވިޔަސް އަހަންނަށްވުރެން ބޮޑަށް ދައްތަގެ މޫނުމަތިން އުފާވެރިކަމުގެ އަލި ދަޅައަޅަމުން ދިޔައެވެ.

އިރުގެ ދޯދިތަކުގެ ހޫނު ފޯރައިގެން އަހަންނަށްވެސް މާ ގިނައިރަކު ނިދަން ނޯވެވުނެވެ. އަނެއްކޮޅުން ދައްތަ ހޭލަމޭލައަށް އުޅޭ އަޑުފައްގަނޑުން މީހަކަށް ލޮލުފިޔަވެސް ޖަހަން ނޯވެވޭނެއެވެ. އެހެން އޮއްވާ އަހަރެންގެ ފޯނު ތަރަތަރަ ޖަހަންފެށިއެވެ. ހެލޯއޭ ބުނުމާއެކު ލޯތްބާއެކު އަހަރެންގެ ނަމުން ގޮވާލިއަޑު އިވުނީ ޔަގީނުންވެސް ނަހުއްތައެވެ. އާއިލީ ގޮތުން އަހަރެންގެ ބައްޕައާއި ދެބެއިންގެ ދެދަރި އެ ދައްތައަކީ އަހަންނަށް ޚާއްސަ އަހަރެން ލޯބިވާ މަދު މީހުންގެ ތެރެއިން އެހެކެވެ.

ގޮތް ނޭނގޭ ބަލި ހާލަތެއް މެދުވެރިވެ ކުއްލިއަކަށް މާލެދާން ޖެހުމުން އަހަރެންގެ ކައިވެނީގެ ހަފްލާއަށް  ނާދެވިދާނެ ވާހަކަ އާއި ކޭކު އަޅަން ވަގުތު އޮއްވާ އެހެން މީހެއް ލިބޭތޯ މަސައްކަތް ކުރުމަށް ބުންޏެވެ. ނާދެވުނަސް އަހަރެންގެ ” ފުލާވާ ގާލް” އަކަށް ނަހުއްތަގެ ދަރިފުޅު ހުދާ ފޮނުވާނެ ވާހަކައާޢި، ބޮލުގެ “ސުކޭނެއް” ހެދުމަށް “އެޕޮއިންޓްމެންޓު” ލިބިފައިވަނީ މާދަމާގެ ރެއަށް ކަމަށް ބުންޏެވެ. ދިރިއުޅުމުގެ އެތަކެއް ވާހަކައެއް އެއްވެސް ފޮރުވުމެއްނެތި، ހިނިތުންވުމާއެކު އަހަންނާއި ހިއްސާކުރާ އެ ދައްތައާ ވާހަކަ މިދެކެވެނީ ދުނިޔެމަތީގެ އެންމެ ފަހު ދުވަސްކަން އަހަންނަށް އެނގުނު ނަމަ އަހަރެން އެ ފޯނު ނުވެސް ބާއްވާނަމެވެ.

އަހަރެންގެ މައިންބަފައިންގެ ދެ ފަރާތު އާއިލާގެ އެންމެންގެވެސް އެހީތެރިކާމާއި، ޖޯޝާއި ނުހަނު ފޯރީގައި ކައިވެނި ހަފްލާ ބާއްވާތަން ޒީނަތްތެރިކުރުމަށް ބޭނުންވާ ތަފާތު ސާމާނުތައް ތައްޔާރުކުރަމުން އެންމެންވެސް މަސްއޫލުވެގެން އުޅުނެވެ. މަންމަ ފަރާތު ބޭބެއެއްގެ ގޭގައި ހުރުމަށްފަހު އަހަރެން އައިސް ގޭ ދޮރުމައްޗަށް މަޑުޖެހިގެން ހުއްޓާ އަޑުނެތްކޮޅަށް ރޮމުން ގޮވަމުން ފޯނު އަތަށްލައިގެން އައި އަހަރެންގެ މަންމަގެ ދޫ ބަންދުވެފަވާ ކަހަލައެވެ. ހިތްވަރުލާފައި ނަހުއްތަ މަރުވެއްޖޭ ބުނެވުނީ ކިރިޔާއެވެ. މަންމައަށް ބާރަށް ރޮއިގަނެވުނެވެ. އަހަންނަށް ދެތިން ފަހަރަކު ފަނޑުވުމެއްނުވާ އެނަން ތަކުރާރުކޮށްލެވުނެވެ. ތިއީ ދޮގެކޭ ބުނާ ކަހަލަ ރާގަކަށެވެ. އަވައްޓެރިންވެސް މަންމަ އަށް ގޮވާލުމަށްފަހު ޝައްކުން ފުރިގެންވާ ހާލު ތިޔައީ ހަމަ ތެދެއްތޯ ސުވާލުކުރަމުން ދިޔައެވެ.

ތެދެކެވެ. ރަހަމީރު ކެއުންގަނޑެއް ތައްޔާރުކޮށްލަން ހުއްޓާ ފަޅި ސިކުންތެއްގެ ތެރޭގައި އެރި ތަދާއެކު ވެއްޓުނެވެ. އެމްބިއުލާންސްގެ ބަރުގޮނުގެ އަޑު ދޮރުމައްޗަށް ފޯރިއިރު މާ ބޮޑަށްވެސް ވަގުތު ފާއިތުވެއްޖެއެވެ. ހިތް އޭގެ ވަޒީފާ ފުރިހަމަޔަށް އަދާކުރުމަށްފަހު ފަނޑުވުމެއް ނުވާ އެތަކެއް ހަނދާންތަކެއް ދިނުމަށްފަހު މި ދުނިޔެއާ އަލްވަދާއު ކިޔައި ދާއިމަށް ޗުއްޓީ ނެގީއެވެ.

އަހަރެންގެ ކައިވެނީގެ ދެތިންމަސް ކުރިން އާއިލާގެ އެހެން ދައްތައެއްގެ ކައިވެނި ހަފްލާއިން ނަހުއްތައާ ޖެހިގެން ހުރި ގޮނޑީގައި ކާން ޖައްސާލިތަނާހެން ބުނި ހަނދާން މިހާރުވެސް ކަންފަތްތެރޭ ގުގުމައެވެ. ” އަހަރެން ދުނިޔޭގަ ހުއްޓާ ތި ކައިވެނީގެ ސައި ލިބޭނެތަ؟ އަހަންނަށް ނަހުއްތައަށް ދައުވަތު ދެވުނުއިރު މާ ލަސްވެއްޖެއެވެ. އަހަރެން މީހަކާ ނީނދެގެން ޝަކުވާކުރާ ނަހުއްތައަށް އަހަރެންގެ އުފާވެރި ދުވަހު އެ އުފަލުގައި ބައިވެރިވާންވެސް އުމުރު ތަނެއް ނުދިނެވެ. ކަޅު ސަޔަކީ ނަހުއްތައަށް އެންމެ މީރު ބުއިމެވެ. ކައިވެނީގެ ސައިވެސް ބޮއިނުލާ މާ އަވަހަށް އެ ދިޔައީއެވެ.

އަހަރެން ރަށަށް ބަދަލުވީއްސުރެ ނަހުއްތަ ވަކިވެގެން ދިޔުމާއި ހަމަޔަށްވެސް އަހަންނަކީ ހުދާގެ އެންމެ “ފޭވަރިޓް މިސް” ކަމުގައި ބުނާނެއެވެ. ހުދާގެ އުފަލަށްޓަކާ ކޮންމެ ރަމަޟާން މަހަކުވެސް އެ ބަދިގޭގެ ސުފުރާމަތިން އަހަންނަށް މީރު ބާވަތްތަކުގެ ރަހަ އިންސާފުކުރުމަށް ދައުވަތު ލިބެއެވެ. މަންމަ އާއި ބައްޕަގެ ގޭގައި އާއިލާއާ އެކު ދިރިއުޅެމުން ދިޔަ ނަހުއްތަ އެންމެ ފަހުން އެ ސުފުރާއަށް ދައުވަތު ދިން ދުވަހު އަހަރެން ކާންއިންދާ ކައިރީގައި ހުރެ ބުނެލި ހަނދާން މިހާރުވެސް އިވޭ ކަހަލައެވެ. ” އިރާދަކުރެއްވިއްޔާ ތިކުދިން ދެން ރޯދަ ވީއްލާނީ ނަހުއްތަގެ އަސްލުގެއިން” އަހަރެން ކިތަންމެ ބޭނުންވިޔަސް މިއަދު އެ ސުފުރާ އަށް ދައުވަތު ނުލިބޭނެއެވެ.

ނަހުއްތައަކީ އަބަދުވެސް މަލަށް ލޯބިކުރާ މީހެކެވެ. އެ ކޮޓަރިޔަށް ވަދެވުމުން ބަގީޗާއަކަށް ވަދެވުނުކަމުގެ އިހުސާސް ކުރެވޭނެއެވެ. ކޮޓަރީގެ ކޮންމެ ދިމާލަކަށް ބެލިޔަސް ރަބަރު މާގަސްތަކުން ޒީނަތްތެރިކޮށްފައިވާ މަންޒަރު އެހާމެ ހިތްގައިމުވާނެއެވެ. ސާފުވެފައި އެހާމެ ތަރުތީބެވެ. އެގެޔަށް ދެވޭ މަދުފަހަރަކު ގަޑި ދެގަޑި އިރު ހޭދަވިޔަސް އަހަރެމެންގެ ވާހަކަތަކަށް ނިމުމެއްނާންނާނެއެވެ. ދިރިއުޅުމުގެ ވާހަކައާއި އަމިއްލަ ވާހަކައެވެ. ކުޅިވަރުގެ ވާހަކަ އާއި ދެކޭ ހުވަފެންތަކުގެ ވާހަކައެވެ. އަމިއްލަ ގެޔަށް ދެވޭނެ ކަމުގެ އުންމީދުގައި ހުވަފެން ދެކިދެކި ހުއްޓާ އެ ގެޔަށް ބަދަލު ނުވެވެނީސް އެ ގެޔަށް އަލްވަދާއު ކިޔަން ޖެހުނެވެ. އަބަދުވެސް ހިނިތުންވުން ފާޅުވާ އެ މޫނުން ކިތަންމެ ފޮރުވަން އުޅުނަސް އެތަކެއް ޒަހަމްތަކެއް ފޮރުވިފަވެއެވެ. ދިރިއުޅުމުގެ އެތަކެއްކަމެއްގައި މާޔޫސްކަމާއި، ހިތްދަތިކަމާ ކޮންމެ މީހަކަށްވެސް ކުރިމަތި ލެވޭނީ ވަކި ވަރަކަށެވެ. ހިތަށް ކެތްނުވެ ހިތުގެ ހަރަކާތް މަޑުޖެހުމަށްފަހު ކިލަނބުވެފައިވާ ދުނިޔޭގެ މި ކުލަތައް ނުފެންނާނެއެވެ. ބަނަކަމާ ކަނުއަނދިރިކަން ވަށާލެވިފައިވާ މާހައުލެއްގައި ދިރިއުޅުން ވޭތުކުރަމުންދާ މީހަކަށް އަބަދަށް ދެލޯ މަރާފައި ވަކިވުމަށްވުރެ މޮޅު އެހެން ގޮތެއް ނޯއްނާނެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

އަހަރެންގެ އުމުރުން 16 އަހަރުން ފެށިގެން ކުޅިވަރުގެ މާހައުލުންނާއި އެހެނިހެން ކަންކަމުގައިވެސް 2018 ވަނަ އަހަރާ ހަމަޔަށް 7 އަހަރު ނަހުއްތައާއި އެކު އުޅެލަން ލިބުނު ދުވަސްތަކުގެ ހަނދާންތައް ވަރަށްވެސް ފޮއްޏެވެ.

ކުޅިވަރުގެ ދާއިރާއިން ފެންނަ އެ ހުނަރުވެރި މޫނަކީ ސުފުރާ ފަޅުވިލުވާލާ ކޮންމެ ބާވަތެއްވެސް ރަހަމީރުކޮށް ތައްޔާރުކޮށްލާ ކެއްކުންތެރިއެކެވެ. ކައިވެނީގެ ހަފްލާތަކުގެ މޭޒުމަތިން ފެންނަ ރީތި ކޭކުތައް ފަރުމާކުރާ ކުޅަދާނަ ކޭކުއެޅުންތެރިޔެކެވެ. އަޙްލާޤް ރަނގަޅު މީހުންނާއި ގުޅޭ ހިނިތުންވުމުން ސަދަޤާތްކުރާ ހިތްތިރިއެކެވެ. ކުޅިވަރުގެ މައިދާންތަކަށް ދާ ކޮންމެ ދުވަހަކު އެ ތަންތަނުން ނަހުއްތަގެ ހަނދާންތައް އާވެ އަހަރެން ފެންކަޅި ނުކުރުވާ ދުވަހަކު އެއިން ތަނަކަށް ނުދެވެއެވެ. ނަހުއްތަ ވަކިވިފަހުން ބާއްވާ ކޮންމެ މުބާރާތަކުންވެސް އެމޫނެއް ނެތުމުގެ ފަޅުކަން އިންތިހާޔަށް އިޙްސާސްކުރުވައެވެ. ނަހުއްތަގެ ހަނދާން އާވާ ކޮންމެ ފަހަރަކު އަހަރެންގެ ލޯ ކަރުނުން ތެމޭއިރު މިދުނިޔެއާ އެފުރާނަ އަލްވަދާއު ކިޔުމުން އެ މަސްގަނޑުގެ ނިޝާންތައް ކަމަށްވާ ފިރިހެން ދަރިއަކާއި 2 އަންހެން ދަރިން ނަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ. އޭނަގެ ލޯބިވާ ފިރިމީހާގެ ދިރިއުޅުމަށް ބަނަކަމާއި އެކަނިވެރިކަން އަންނާނެހެއްޔެވެ. އޭރު އެ ކުޑަ ދަރިފުޅަށް އަހަރެއް ފުރުނީ ކިރިޔާއެވެ.

ނަހުއްތައާއި އެކީގައި ތައްޔާރުވެވިފައިވާ މުބާރާތްތަކާއި އަތޮޅު މުބާރާތްތަކުން ނަހުއްތަ ހޯދާފައިވާ ރަންވަނަތަކުގެ ހަނދާންތައް ފޮހެވޭނީ ކިހިނަކުންހެއްޔެވެ؟ ހަފްލާތަކަށް ކޭކު އަޅާއިރު ނަހުއްތަގެ ކުޅަދާނަކަން ބަލާހިތުން ކައިރިޔަށްގޮސް އިންނަ ހަނދާން ފޮހެލާނީ ކިހިނަކުން ހެއްޔެވެ؟  އެ ސުފުރާމަތިން އަހަންނަށް އަރުވާ ކާތަކެތީގެ ރަހަ ދުލުން ކަނޑުވާނީ ކިހިނެތް ހެއްޔެވެ؟ އެ ހުނަރުވެރިކަމަށް އަހަރެން ތައުރީފުކޮށްލާ ކޮންމެ ފަހަރަކު ނިކަން ލަދުން ހުރެ ހިނިތުންވާ އެ މޫނުގެ ހިނިތުންވުން އަހަރެންގެ ލޯމަތިން ސިފަ ނުވާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އިއްޔެވީ ކަމެއްފަދައިން ހަނދާނަށް ގެނެސް އަހަރެންގެ ދެ އަތުން މި ސަފްހާތައް ލިޔަމުންދާއިރު ހިތަށް ކުރެވޭ އިޙްސާސް ދުލުން ބުނެދޭން އުޅުނަސް ދޫ ވާނީ ޔަގީނުންވެސް ނާކާމިޔާބެވެ.

މާޒީގެ ފޮތުން ބައެއް ސަފުޙާތައް އުކާލާ ހިތްނުވިޔަސް ބައެއްފަހަރު އުކާލަން މަޖުބޫރުކުރުވައެވެ. އަބަދު އެވާހަކަ ދުލުން ހާމަނުކުރިޔަސް ބައެއް ހަނދާންތައް ހިތުގައި ބިންވަޅުނެގިފައިވާނެއެވެ. ބައެއް މަންޒަރުތައް ލޯމަތިން އަބަދުވެސް ސިފަވާނެއެވެ. ބައެއް އަޑުތައް ކަންފަތްތެރޭ އަބަދުވެސް ގުގުމާނެއެވެ. ކުރެވޭނެހާވެސް ކަމަކީ ހެޔޮދުޢާކޮށް ދެއަށް އުފުލާލުމެވެ.  މިއަދު މިވަގުތާއި ހަމަޔަށް ނަހުއްތަ ނިޔާވިތާ 5 އަހަރުވެއްޖެއެވެ. ދުނިޔޭން ދުވަހެއް ފާއިތުވެ، އަހަރެންގެ އުމުރުންވެސް ދުވަހެއް މަދުވަމުން ދާނެއެވެ. ނަމަވެސް އެއިން ކޮންމެ ދުވަހަކާ އެކުވުސް ނަހުއްތަވަނީ ނުފިލާނޭ އެތަކެއް ހަނދާންތަކެއް ދޫކޮށްފައެވެ. ހިތުގެ ހަރަކާތް ހުއްޓިގެން ދުނިޔެއަށް ފަހު ނޭވާ ދޫކުރި އެ ދައްތަގެ ހަނދާންތައް އަހަރެންގެ ހިތުގެ ހަރަކާތްތައް ހުއްޓެންދެން އަބަދުވެސް އާވަމުންދާނެއެވެ. މާތްﷲ ނަހުއްތަގެ ފުރާނަ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއްގައި އަބަދުގެ އަބަދަށް ލަހައްޓަވައި ދުނިޔެއިން އެ ނަފްސަށް ވޭނާއި ކެކުޅުން ތަޙައްމަލްކުރަން ޖެހުނު ކޮންމެ ދުވަހެއްގެ ބަދަލުގައި ހަޔާތުގެ ފިކުރެތް މަރެއްގެ ޚިޔާލެއްނުވާ މަތިވެރި ޙަޔާތެއް ސުވަރުގެއިން ދެއްވާނދޭވެ. އާމިން..

ލިޔުން ތެރިޔާގެ ނޯޓް؛ މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. ނަމަވެސް ވާހަކައިގައި ބޭނުންކޮށްފައިވާނީ ބަދަލު ނަންތަކެކެވެ. ވާހަކައިގެ ނަމުގައި އެ ދައްތަގެ ނަމުގެ 3 އަކުރު ތަރުތީބުން ރަމްޒުކޮށްފައިވާނެއެވެ. ވާހަކަ ކިޔާ ކޮންމެ ފަރާތެއްވެސް ދައްތަގެ ފުރާނަޔަށް ހެޔޮދުޢާކޮށް އާމީން ކިޔުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!