ކޮލަމް
ރިވެލި : އިސްދާރަކަށް ވުމަށްޓަކައި ކޮންމެހެން ބޮޑު މަޤާމެއް މުހިއްމެއް ނޫން – (1)

އިސްދާރުކަމަކީ ( ލީޑަރޝިޕަކީ) ބޮޑު މަޤާމެއްގައި ހުރެގެން އަދާކުރެވޭ ކަމެއްކަމަށް ބެލެވިފައި އޮތް ޒަމާނެއް ދުނިޔެ ދެކުނެވެ. މިހާރު އެޒަމާނަށް ދުނިޔެ މިދަނީ އަލްވަދާޢު ކިޔަމުންނެވެ.

އިސްދާރު ކަމަކީ (ނުވަތަ ލީޑަރޝިޕަކީ) އަޞްލުގައި ކޮބާތޯއެވެ؟ ކުރުކޮށް ދަންނަވާނަމަ އެއީ އަނެކުން ތިމާގެ ފަހަތުން ‘ހިގާ’ ހިތްވާ ކަހަލަ މީހަކަށް ތިމާ ވުމެވެ. ތިމާބުނާ ބަސް އަނެކުން އަހާ ކަހަލަ މީހަކަށް ތިމާ ވުމެވެ. ޓީމެއް ނުވަތަ މުއައްސަސާއެއް ނަމަ އެތަނެއްގެ އަމާޒަށް ވާޞިލް ވުމަށްޓަކައި އަނެކުންނަށް މަގުދައްކައިދެނީ އެފަދަ އިސްދާރެކެވެ. އުޞޫލެއްގެ ގޮތުން އިސްދާރަކީ އެތަނެއްގެ އެއްމެ އިސްމީހާ އެވެ. އެދައުރު އަދާކުރަން ޖެހެނީ އޭނާއެވެ. ނަމަވެސް ސުވާލަކީ އެއްމެ އިސްމާޤާމުގައި ހުންނަ މީހާއަށް ނުވަތަ އެފަދަ ބޮޑު މަޤާމެއް އަދާކުރާ މީހަކަށް އެފަދަ އިސްދާރަކަށް ވެވޭ ބާއެވެ؟ ނުވަތަ އިސްދާރަކަށް ވުމަށްޓަކައި ބޮޑު މަޤާމެއް ކޮންމެހެން މުހިއްމުތޯއެވެ؟

ރިސޯޓެއްގެ އަމާޒަކީ އެތަނަކަށް އަންނަ ފަތުރުވެރީންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅު ކަމުން އެރިސޯޓަކަށް ގިނަ ފައިސާ ވަނުމާއި، އެރިސޯޓު ގިނަ ބައެއްގެ މެދުގައި މަޤުބޫލުވެ މަޝްހޫރު ވުމެވެ. ރިސޯޓުގެ ހިންގުމުގެ އޮނިގަނޑު އޮންނަގޮތުން މިކަން ޙާޞިލް ކުރުމުގެ އިސްދާރަކަށް ވާނީ ރިސޯޓުގެ ‘ޖެނެރަލް މެނޭޖަރު’ މަޤާމުގައި ހުންނަ މީހާއެވެ.

ނަމަވެސް އަޅުގަނޑު އުޅުނު ދުނިޔޭގެ އެއްމެ ބިޔަ، އެއްމެ ލަގްޒަރީ އެއްބްރޭންޑުގެ 150 ކޮޓަރީގެ ރިސޯޓެއްގައި މިދެންނެވި އަމާޒަށް ރިސޯޓު ގެންގޮސްދިނުމުގެ ބޮޑު ދައުރެއް އަދާކުރީ އެތަނުގެ ރޫމްބޯއި އެކެވެ. އެއީ އެތަނުގައި އެކަން ޤަބޫލު ކުރެވިފައި އޮތް ގޮތެވެ. އޭނާއަކީ އެތަނުގެ ފަތުރުވެރީންގެ ކޮޓަރިތައް ސާފުކޮށް އެނދުއަޅައިދީ ހަދާ ކުއްޖެކެވެ. އެރިސޯޓަށް ލިބެމުންދާ ބޮޑު އާމްދަނީގެ ބޮޑު ބައެއް ލިބެނީ އޭނާގެ ސަބަބުންނެވެ. އެރިސޯޓު ގިނަ ބައެއްގެ މެދުގައި މަޤުބޫލުވެ، މަޝްހޫރު ވެފައިވަނީ އޭނާގެ ސަބަބުންނެވެ. އެހެން ކަމުން އެތަނުގެ ހުރިހާ މުވައްޒަފުންނާއި، ދުނިޔޭގެ އެތައްބޮޑެތި ސިޓީތަކުގައި ހުރި މިބްރޭންޑުގެ މާބިޔަ އެތައް ހޮޓަލަކާއި ރިސޯޓެއްގެ މުވައްޒަފުން ‘ހިގޭތޯ’ ބަލަނީ މިދެންނެވި ރޫމްބޯއި ގެ ފިޔަވަޅު މަތީގައެވެ. އޭނާގެ ކޮށި ބަސްމޮށުންތެރިކަމުން، އެހެނަސް ހިތުގެ ޢުމުޤުންވާ ހިތްހެޔޮ ކަމުގެ ހިނިތުންވުމުން އޭނާ ޚިދުމަތްދޭ ހުރިހާ ކޮޓަރިއަކަށް އަންނަ ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރީން އޭނާދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އޭނާގެ ވާހަކަ އެމީހުން އެތައް އެހެން ފަތުރުވެރިން ކައިރީ ފަޚުރުވެރިކަމާއެކު ދައްކައެވެ. މިހެންވެ އެރިސޯޓަށް އަންނަ ގިނަ ފަތުރުވެރިން މިރޫމްބޯއި ގެ ޚިދުމަތް ލިބޭތޯ އިންތިޒާރު ކުރެއެވެ. އެކަމަށް މެނޭޖްމެންޓުގައި ފަތުރުވެރީން ވަރަށްބޮޑަށް އެދެއެވެ. މިރޫމްބޯއި ބޭނުންކުރާ އުކުޅުތައް ދެނެގަނެ ދަސް ކުރުމަށް ރިސޯޓުގައި ޚިދުމަތްދޭ އެތައް މުވައްޒަފުންނެއް މަސައްކަތް ކުރެއެވެ. އޭނާ ވެސް އެމީހުންނަށް ހިތްހެޔޮކަމާއެކު އެކަންކަން ބުނެދީ، ކިޔައިދީ، ޢަމަލީ ގޮތުންވެސް ދައްކައި ދެއެވެ. ރިސޯޓުން އޭނާ ބޭނުންކޮށްގެން އެހެން މުވައްޒަފުންނަށް ޚިދުމަތް ދިނުމުގެ ސެޝަންތައް ނަގައި ދެއެވެ. މިގޮތުން އޭނާގެ އުޞޫލުތައް މުޅި ރިސޯޓުގައި ވަކިހިއްޕާލައިފައިވެއެވެ. ޚުދު ޖެނެރަލް މެނޭޖަރުވެސް އަދި ޑިޕާރޓްމެންޓްތަކުގެ ވެރީންވެސް މި ރޫމްބޯއި ‘ހިގާ މަގުން’ ހިގަން ވަރަށް މަސައްކަތް ކުރެއެވެ.

މިރޫމްބޯއި ކޮންމެ ދުވަހަކުވެސް ފަތުރުވެރީންގެ ހިތް ދަމައިގަތުމަށް މުޅީން އައު އެތައް ކަމެއް ކުރެއެވެ. އައުކަންކަން ދަސްކުރެއެވެ. މިރިސޯޓުގައި ޖެނެރަލް މެނޭޖަރެއްވެސް ހުރެއެވެ. އޭގެދަށުން އޮޕަރޭޝަނަލް މެނޭޖަރެއްވެސް ހުރެއެވެ. އަދި ކޮންމެ ޑިޕާރޓްމެންޓެއްގައި އިސްދާރުގެ މަޤާމުގައި މީހުން ތިބެއެވެ. އެކަމަކު ތަނުގެ މުވައްޒަފުން މިރިސޯޓުގެ އަމާޒަށް ވާޞީލް ވުމަށްޓަކައި ‘ހިގަނީ’ މި ރޫމްބޯއި ގެ ފަހަތުންނެވެ. ކަންކުރަނީ އޭނާ ކުރާގޮތަށެވެ. މުވައްޒަފުންނަށް ނޭގިތިބެވެސް ކަންކުރެވެނީ ގިނައިން އެގޮތަށެވެ.

މިތަނުގެ ޖެނެރަލް މެނޭޖަރާއި، ޑިޕާރޓްމެންޓުތަކުގެ އިސްދާރުންގެ މަޤާމްތަކަކީ މި ރޫމްބޯއި ގެ މަޤާމާއި އަޅާކިޔާއިރު ވަރަށްވެސް ބޮޑެތި މަޤާމްތަކެވެ. އެމީހުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައްވެސް އިންތިހާއަށް ބޮޑެވެ. އެކަމަކު މިރިސޯޓުގެ ޙަޤީޤީ އިސްދާރަކީ ކާކުތޯ ތިބޭފުޅުން އަމިއްލައަށް ކަޑައަޅުއްވާށެވެ. ރިސޯޓަށް ބޭނުންވަނީ ގިނަ ފައިސާ ތާއެވެ! ރިސޯޓުގެ އޯނަރުން ބޭނުންވަނީ މަހުންމަހަށް ރިސޯޓުން އެމީހުންގެ ޖީބުތަކަށް ނަފާބޮޑުވުން ތާއެވެ! މުވައްޒަފުން ބޭނުންވަނީ ރިސޯޓަށް ގިނަ ފައިސާ ވަދެ އެފައިސާގެ ނިސްބަތުން ކޮންމެ މަހެއްގެ ސާވިސްޗާޖު ބޮޑުވެގެން އެމީހުންގެ ޖީބަށް ވަނުންތާއެވެ! އެ އެއްމެންގެ އަމާޒަކީ ފަތުރުވެރީންގެ މެދުގައި އެރިސޯޓު މަޤުބޫލުވެ، މަޝްހޫރުވުން ތާއެވެ!

އެކަން އެމަގަށް ޙާޞިލް ކުރުމުގެ ބޮޑު ޙިއްޞާދާރަކީ ކާކުތޯއެވެ؟ އެކަމުގައި އެތަނުގެ މުވައްޒަފުން އަހަނީ ކާކުގެ ބަސްތޯއެވެ؟ އެމީހުންގެ އިޙްތިރާމް އިންތިހާއަށް ލިބިފައިވަނީ އެކަމުގައި ކާކަށްތޯއެވެ؟ އެމީހުން ‘ހިގަނީ’ ކާކު ހިގާ މަގުން ތޯއެވެ؟ ރިސޯޓުގެ އެއްމެން އެމީހަކަށް ލެނބެން ޖެހި، އެމީހެއްގެ ނުފޫޒު އެއްމެންގެ މައްޗަށް އޮތީ ކާކުގެ ފަރާތުން ތޯއެވެ؟ އެމީހަކީ ޖެނެރަލް މެނޭޖަރު ނުވަތަ ރޫމްބޯއި ހެއްޔެވެ؟ އެހެންވީމާ ތަނުގެ އިސްދާރަކީ، ނުވަތަ ތަނުގެ އަމާޒު ޙާޞިލް ކުރުމުގެ ‘ލީޑަރޝިޕް’ އަދާ ކުރަނީ ކާކުތޯއެވެ؟ ހަމަ ޔަޤީނުންވެސް އެއީ އެއްކަލަ ދަށްމަޤާމުގައި ހުރި ރޫމްބޯއި އެވެ.

އަޅުގަނޑު ދަންނަވާލެވޭތޯ މިބަލާ ވާހަކައަކީ މިއެވެ. ތަނެއްގެ ޙަޤީޤީ އިސްދާރަކަށް ވުމަށް މުހިއްމީ އަކީ ބޮޑު މަޤާމެއް ނޫނެވެ. ތަނެއްގެ އަމާޒަށް ވާޞިލްވުމަށް ކުރަންޖެހޭ މަސައްކަތުގެ ލީޑް ދައުރު އަދާކުރުމަށް ބޭނުމީ ބޮޑު މަޤާމެއްގެ ނަމެއް ނޫނެވެ. ބޭނުމީ އިޚްލާޞްތެރި ކަމާއެކު ބުރަ މަސައްކަތް ކުރާ ނަމޫނާ އަޚްލާޤެކެވެ. ތަނަށާއި، އަނެކުންނަށް ފައިދާހުރި ހުރިހާގޮތެއް ބަލައިގެން އެމަގަކުން މަސައްކަތް ކުރާނޭ އިޚްލާޞްތެރި ކަމެކެވެ. މިފަދަ ‘ރޫމްބޯއި’ އަކަށް ނުވަތަ އަނެކުން ތިމާގެ ފަހަތުން ‘ހިގާ’ ކަހަލަ އިސްދާރަކަށް ކޮންމެ ފަންތިއެއްގައި ހުރި، ކޮންމެ މީހަކަށްވެސް ވެވިދާނެކަން މިވާހަކައިންވެސް އެބަ ސާބިތު ވެއެވެ. އެކަމަށްޓަކައި ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރުން މުހިއްމީ ދެތިން ކަމެކެވެ. އެދެތިން ކަމުގެ ވާހަކަ ދެން އަންނަ ލިއުމެއްގައި ލިޔެވޭތޯ ބަލާނަމެވެ.

މީހުންގެ މެދުގައި މަޤުބޫލުކަން ބޮޑު އިސްދާރަކަށްވުމަށް މުހިއްމީ އަކީ މާބޮޑު މަޤާމެއްގެ ނަމެއް ނޫނެވެ.

  1. ޢަފީފް

    ފުރިހަމަ އަދި ކިޔާލުމަށް ވަރަށް ރަނގަޅު ލިޔުމެއް.