ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިތުރު ހަމަލާއެއް ނުދެވޭނެ ކަމުގެ ޔަގީންކަމެއް ފުލުހުނަށް ނުދެވުނެވެ.
ނޫސްވެރިޔަކު މި ފަދަ އެހެން ހަމަލާއެއް ނަޝީދަށް އަމާޒު ކުރުމުގެ ފުރުސަތު އެބައޮތްތޯ ސުވާލު ކުރުމުން މި ސުވާލަށް މާ ބޮޑު އެދެވޭ ޖަވާބެއް ފުލުހުންނަށް ދެވިފައެއް ނުވެއެވެ.
މި ސުވާލަށް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުން ދަނީ އެ ތަޙްޤީޤް ފެށުނު ވަގުތުން ފެށިގެން އެވްރެޖްކޮށް ކޮންމެ ފަސް ދުވަހަކު ޕާލިމެންޓްގެ ސީނިއާރ އެމްޕީ ތަކަކަށް ވަރަށް ތަފްސީލީ މައުލޫމާތު ތަށް ދެއްވަމުން ކަމުގައެވެ.
“މި އަރުވާ މަޢުލޫމާތުތަކުގެ އަލީގައި ޚާއްސަކޮށް ތަޙްޤީހުން ހޯދޭ ހޯދުންތަކުގެ އަލީގައި އަޅުގަނޑުމެންނަށް އެސެސް ކުރެވޭނެ އަޅުގަނޑުމެންނަށް ކިހާވަރަކަށް މިކަން އެސެސް ކުރެވޭނީ. މިހާރު އަޅުގަނޑުމެންނަށް ފެނިފައި އޮތީ މިއޮތީ މިފަދަ ކަންކަމުން އަޅުގަނޑުމެންނަށް ނުރައްކާ އޮތް މިންވަރު. އެހެންވީމަ މި ނުރައްކާއާ ބައްދަލުވާ ވަރުގެ ސަލާމަތީ ކަންކަމާ ގުޅޭ ކަންކަން ހަމަޖައްސާނެ ކަން ޤަބޫލު ކުރަން. އަދި ފުލުހުންގެ ޚިދުމަތުގެ ހައިސިއްޔަތުން އެކަމަށް އަރުވަން ޖެހޭ ލަފާ އަޅުގަނޑުމެން އަރުވާނަން.” – ހަމީދު
ސިޕީ ހަމީދުގެ ޖަވާބުގައި މި ކަހަަލަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ދީފައި ނުވި ނަމަވެސް މި މައްސަލަ ތަހުގީގުކޮށް މައްސަލައާއި ގުޅުން ހުރި ގިނަ ބަޔަކު ހޯދިފައިވާ ކަން ފާހަގަކޮށްލެވެއެވެ. މިހަމަލާ އާއު ގުޅުން ހުރި ގިނަ މައުލޫމާތު ތަކެއް ރޭ ފުލުހުން ވަނީ ހާމަކޮށްފައެވެ.