މިނިވަން ދުވަހުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަމުން އަންނަނީ، 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެޖުލައި މަހުގެ 26 ވަނަ ދުވަހާއި ހަމަޔަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތުމަށްފަހު، ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ. މިގޮތުން މިއަދު އަޅުގަނޑުމެން ފާހަގަ މިކުރަނީ ދިވެހިރާއްޖާގެ 56 ވަނަ ފަޚުރުވެރި މިނިވަންދުވަހެވެ.
ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ، އަޅުވެތިކަމަށް ނަފްރަތުކުރާ، މިނިވަންކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ޤައުމެކެވެ. މިއަދުގެ ހާލަތަށް ބެލިކަމުގައި ވިޔަސް މިބަހާއި ދެބަސްވާނެ އެއްވެސް ފަރާތެއް ނުހުންނާނެއެވެ. “މިނިވަންކަން” މިބަހަކީ ތަފާތު ގޮތްގޮތަށް މާނަކުރާ، އަދި ތަފާތު ހަލާތްތަކާއި ގުޅުވައިގެން އަސްލު މާނަ އޮޅޭގޮތަށް މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ބޭނުން ކުރެވޭ ލަފްޒެކެވެ. މިލިޔުމުގައި ބޮޑަށް އަލިއަޅުވާލެވިފައިވާނީ، އަހަރަމެންގެ ތެރެއަށް ތަޢާރަފުވެފައިވާ ތަފާތު ވައްތަރުގެ މިނިވަންކަމާއި ގުޅޭގޮތުންނެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން:
ޚީޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެއަށް ގިނަބަޔަކު ވަކާލާތު ކުރާ އެއްޗެކެވެ. ބައެއް ބޭފުޅޫން ޤަބޫލުކުރާގޮތުގައި ބުނަން ބޭނުން ކޮންމެ އެއްޗެއް އެއްވެސް ބިރަކާއި ނުލައި ބުނުމުގެ މިނިވަންކަން ކޮންމެހެން އޮންނަން ޖެހެއެވެ. ރައީސެއް، މެނޭޖަރެއް، ޕިޔޯނެއް، ސަރުދާރެއް ނުވިތާކަށް ކަތީބެއް ކިޔާނެކަމެއް ނެތެވެ. ބަހުގެ މިނިވަންކަން އެއްވެސް މިންގަނޑެއްގައި ހިފެހެއްޓުމެއް ނެތި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިފައި ވުމުގެ ނަތީއްޖާއެއްގެ ގޮތުން، ބޮޑެއް، ކުޑައެއް، ވެރިޔެއް، ގެރިއެއް ބެލުމެއް ނެތި ދުލުން ބޭރުކުރަން ބޭނުން ކޮންމެ އެއްޗެއް މިހާރު ދިވެހިންނަށް މިނިވަންކަމާއެކު ބުނެވެއެވެ. މިމުޖުތަމަޢުގެ ކޮންމެ 3 މީހެއްގެ ތެރެއިން 2 މީހަކީ ސިޔާސީ މީހެކެވެ. ކޮންމެވެސް ސިޔާސީ ލޭބަލެއް ނުޖެހޭ، ކޮންމެވެސް ސިޔާސީ ފިކުރަކަށް ބޯނުލަނބާ މީހަކު މަދެވެ. އެމީހަކު ޤަބޫލުކުރާ ފިކުރެއް ކުރިއަރުވަން ނުދެއްކޭނެ ވާހަކައެއް ނޯވެއެވެ.
ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން:
ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ހަޤީޤީ މިނިވަންކަމަކީ ބޭނުން ގޮތަކަށް އުޅުމުގެ ފުރުޞަތު އޮތުމެވެ. ބޭނުން ކަހަލަ ހެދުމެއް އަޅައިގެން ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި މިއީ ފެޝަން ގޮތުގައި ބައެއް ބޭފުޅުން ދެކެއެވެ. އަންހެނުން ފިރިހެން ހެދުމެއް އެޅުން ނުވަތަ ފިރިހެނުން އަންހެނުން ހެދުން އެޅުމަކީ މައްސަލައެއް ނޫންކަމަށް މިމުޖުތަމަޢުގެ ބައެއް ފަރާތްތަކުން ވަކާލާތު ކުރެއެވެ. އަދި މިއީ ވެސް އެމީހެއްގެ އިޚްތިޔާރުގައި އޮންނަންޖެހޭ، މިނިވަން ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ. މިބާވަތުގެ މިނިވަންކަންވެސް، އިންތިހާއަށް ފުޅާވެގެން ގޮސް، ދިވެހިންގެ ނަމުގައި ތިބެ، ލާން ބޭނުންކުރާ ޖިންސު ބަދަލުކުރާހާ ފަސޭހައިން ބޭނުން މީހަކަށް ޖިންސު ބަދަލުކުރުމުގެ މިނިވަންކަންވެސް ދިވެހިންނަށް ލިބިއްޖެއެވެ.
ތަފާތު ދީނީ ފިކުރު އިމެއްނެތި ހާމަކުރުމުގެ މިނިވަންކަން:
ދިވެހިރާއްޖެގެ ޤާނޫނު އަސާސީގައި ކަޅާއި ހުދުން ލިޔެފައިވާ 100 އިންސައްތަ މުސްލިމުން ދިރިއުޅޭ ޤައުމަކަށް ދިވެހިރާއްޖެ ވުން. އެއްވެސް ފަނޑުކަމެއް ނެތި ފޮތުގައި ރީތިކޮށް ލިޔެވިފައި ފްރޭމްކުރެވިފައި އެބައޮތެވެ. ނަމަވެސް މި ރޮނގުންވެސް މިއަދު ދިވެހިންނަށް ވަރަށްބޮޑު މިނިވަންކަމެއް ލިބިއްޖެއެވެ. ތަފާތު ދީނީ ފިކުރު އިމެއްނެތި ހާމަކުރުން މި ކުޑަ ދިވެހި މުޖުތަމަޢުގައިވެސް ނެތޭ ނުބުނެވޭނެއެވެ. ތަފާތު ޑޮކިއުމެންޓްރީތައް ހަދައި، ދިވެހި ބަހުން އަޑުއަޅައި، ތަފާތު ދީނީ ފިކުރުތަށް ފާޅުގައި ސޯޝަލް މީޑިޔާގައި ފެތުރުމުގެ މިނިވަންކަންވެސް ލިބިފައިވާފަދަ އިޙްސާސެއް ކުރެވެއެވެ.
ބިރަކާއި ނުލައި މަޖާކުރުމުގެ މިނިވަންކަން
އީދުފަދަ އިސްލާމް ދީނުގެ އުފާ ފާޅުކުރުމުގެ މުނާސަބަތުތަކުގައި ހުޅަނގުގެ ތަފާތު ގޮތްތަކާއި، ތަފާތު ސަޤާފަތްތަކުން ފެންނަ ކަންކަން ދިވެހިންގެ ތެރެއަށް ތަޢާރަފް ކުރުމުގެ މިނިވަންކަންވެސް ދިވެހިންނަށް ލިބިފައިވެއެވެ. ސަޤާފަތޭ ކިޔައިގެން އީދު ފަދަ އުފާ ފާޅުކުރާ މުނާސަބަތްތަކުގައި، އަންހެނުންނާއި ފިރިހެނުން މަސްހުނިވެ، އިންޑިޔާގެ ހިންދޫން ކުލަޖަހައިގެން ފާހަގާކުރާ ހޯލީ ފަދަ ކަންކަންވެސް މިނިވަންކަމާއެކު ތަފާތު ނަންނަމުގައި ރާއްޖޭގައި ފާހަގަ ކުރެވެއެވެ. އިންޑިއާގެ ހިންދީ ސިރީޒް ތަކުން ކައިވެނި ހަފްލާތަކުގައި ގެނެސްދޭ “މެހެންދީ” ނުވަތަ ހީނާފަތް އެޅުވުމުގެ ރަސްމިއްޔާތުގައި ކައިވެނިކުރާ ދެ އާއިލާގެ ފަރާތުން އެއްވެ ނަށާ ނެށުންތައްވެސް ދިވެހި ކައިވެނިތަކުން ވަނީ ފެންނަން ފަށާފައެވެ.
ސޯޝަލް މީޑިޔާގައި ބޭނުން ކޮންޓެންޓެއް ހިއްސާކުރުމުގެ މިނިވަންކަން
ސޯޝަލް މީޑިޔާގައި، ތަފާތު ޕޯސްތަކަށް ފޮޓޯ އާއި ވީޑިއޯ ނަގާފައި ލަމުން އަންނަ ދިވެހިން މަދެއް ނޫނެވެ. މިއީވެސް ލިބިފައިވާ ވަރަށް ބޮޑު މިނިވަންކަމެއްގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ. ހަށިގަނޑުގެ ވަނާތަކާއި، ބައްޓަން ފެންނަހެން ފޮޓޯ ނަގައި، އަމިއްލަ ރީތި ސިފަ ދެއްކުމަށް ގިނަ ޒުވާނުން ލޯބިކުރެއެވެ. އިންސްޓަގްރަމްގައި މިލިޔަނުން ފޮލޯވާސް ލިބިފައިވާ ދިވެހި ސެލިބްރިޓީން ދިވެހިރާއްޖޭގައި އުޅެއެވެ. އެމީހަކު ބޭނުން ގޮތަކަށް ތަފާތު ނިވާކަން ކުޑަ ހެދުން ލައިގެން ބަރަހަނާ ހާލުގައި ހުންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިޔާގައި ހިއްސާކުރުމުގެ މިނިވަންކަންވެސް ލިބިގެންވާ ފަދައެވެ. ގިނަ ބަޔަކު، މިފަދަ ފޮޓޯ އާއި ވީޑިއޯ އަށް ލައިކް ދީ ޝެއަރކޮށް، މިފަދަ ފަރާތްތަށް ބޮޑެތި، މަޝްހޫރު ސެލެބްރިޓީންނަށް ހަދާފައި ވެއެވެ.
ނިންމުން
ކުރުގޮތަކަށް ބަލާލާއިރު، މިއީ ދިވެހިންނަށް ލިބިފައިވާ ތަފާތު އާވައްތަރުގެ މިނިވަންކަމެވެ. ހަޤީޤަތުގައިވެސް ދިވެހިންނަކީ މިނިވަން ބަޔެކެވެ. ނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެވެސް ހުދޫދެއް އޮންނަން ޖެހެއެވެ. އެހެންމީހެއްގެ އަބުރަށް އަރައިގަނެ، އެހެން މީހެއްގެ އިންސާނީ ކަރާމާތަށް އެރޭ ހިސާބުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް އޮންނާކަށް ނުޖެހެއެވެ. ދިވެހިންގެ ނަމުގައި، އިސްލާމުންގެ ގޮތުގައި ތިބެ، ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ފާޚިޝް ޢަމަލުތަކާއި މުންކަރާތްތަކަށް އަރައިގަންނަ ފަރާތަށް ހުއްޓުވުމެއް ނެތި ފާޅުގައި އެފަދަ ވާހަކަ ދައްކައި އިޝްތިހާރު ކުރުމަށް ފުރުޞަތު ލިބިފައިވާކަމީ، މިދިވެހި މުޖުތަމަޢުން މިއަދު ފެންނަ ލަދުވެތި މަންޒަރެކެވެ. މިއީވެސް މިނިވަންކަމޭ ބުނެވިދާނެތޯއެވެ؟. ތަފާތު ދީނުގެ ފިކުރުތައް މީސް މީޑިޔާގައި ފުޅާ ދާއިރާއެއްގައި ދިވެހިބަހުން ފަތުރާއިރުވެސް، އެފަދަ ޕޭޖްތައް ބްލޮކް ނުކުރެވެއެވެ. މިއީވެސް މިނިވަންކަމުގެ ބައެއްތޯ ސުވާލު އުފެދެއެވެ.
ތަފާތު ދީންތަކުގެ އާދަތަކާއި، އަދި ހުޅަނގުގެ ގޮތްތައް ދިވެހި ސަޤާފަތާއި މަސްހުނިކޮށް، ދިވެހިންގެ ޒަމާންވީ ރިވެތި އާދަކާދަ ނެތި ގެއްލިގެންދާއިރުވެސް، މިނިވަންކަމޭ ކިޔައިގެން މަންޒަރު ބަލަން ތިބެން ވީހެއްޔެވެ؟ ސޯޝަލް މިޑިޔާގައި ދިވެހިން ނިވާކަންކުޑަ ހެދުން ލައިގެން ހިތުހުރި ގޮތަކަށް ފޮޓޯ އަދި ވީޑިއޯ ހިއްސާކުރުމަށް ދޫކޮށް، ބޮޑެތި ސެލިބްރިޓީންނަށް އެފަދަ ފަރާތްތަށް ހެދުމަކީ ހަޤީޤަތުގައިވެސް މިނިވަންކަން ބާވައެވެ؟
ހަޤީޤަތުގައިވެސް ދިވެހިންނަކީ މިނިވަން ބަޔެކެވެ. މިތާގައި ބަޔާންކުރެވުނު ތަފާތު ވައްތަރުގެ މިނިވަންކަމަށްވުރެ، އަޅުވެތިކަންވެސް މާރަނގަޅެވެ. އިސްލާމީ ގިޔުގަނޑުގެ ތެރެއަށް އުޅުމާއި ގުޅުން ބައްޓަން ކުރުމަށް ބާރުއަޅާ، އަޅުވެތިކަމެއް ވެސް މިފަދަ މިނިވަންކަމަކަށް ވުރެ ރަނގަޅެވެ. މިއަދު އަހަރަމެން ދިވެހިންގެ ހާލަކީ، މިނިވަންކަމުގެ މާނަވެސް، އަހަރަމެންނަށް ނޭނގޭ ފަދައެވެ. ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން، މިފަދަ މިނިވަންކަމުގެ ނަމުގައި ހިންގޭ ފާޚިޝް އަމަލުތަކާއި މުންކަރާތްތަށް ހުއްޓުވުމަކީ މިއަދު ކުރަންޖެހޭ ކަމެކެވެ. މިނިވަންކަމުގެ ނަމުގައި އަހަރަމެންގެ ސަޤާފާތާއި، މާތްވެގެންވާ އިސްލާމް ދީން އަހަރަމެންނަށް ދަސްކޮށްދީފައިވާ ރިވެތި އަޚުލާޤު ނަގާނުލާށެވެ.