އިންޑިޔާގެ އިޤްތިސާދު ދަށަށް ދިޔުމާއި ގުޅިގެން އިންޑިޔާއިން ހަކުރު އެކްސްޕޯޓް ކުރުމުގައި ލިމިޓްކުރުމަށް ނިންމައިފިއެވެ.
އިންޑިޔާ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުުނާގޮތުން އަންނަ ޖޫންމަހު 1 އިން ފެށިގެން އޮކްޓޯބަރގެ ނިޔަލަށް ހަކުރު އެކްސްޕޯޓް ކުރާ މިންވަރު 10 މިލިއަން ޓަނަށް ލިމިޓް ކުރާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ހަކުރު އެކްސްޕޯޓްކުރާނަމަ، ހަކުރު އެކްސްޕޯޓް ކުރުމަށް ކަމާބެހޭ އިދާރާތަކުން “ވަކި ހުއްދައެއް” ހޯދުމަށް ވެސް ހަކުރު އެކްސްޕޯޓްކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ވަނީ އަންގާފައެވެ.
ޤައުމުގެ އިޤްތިސާދު ދަށަށް ދިޔުމުން އިނންޑިޔާއިން ވަނީ ވީޓް އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. ފުށް އެކްސްޕޯޓްކުރުން މަނާކުރިތާ މާގިނަ ދުވަހެއްނުވެ ހަކުރު އެކްސްޕޯޓްކުރަން އެޤައުމުގެ ސަރުކާރުން މިވަނީ ނިންމާފައެވެ.
އިންޑިޔާއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ހަކުރު އެކްސްޕޯޓްކުރާ އެއް ޤައުމެވެ. މިހާތަނަށް ނުވަ މިލިއަން ޓަނުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، 7.8 މިލިއަން ޓަނުގެ ހަކުރު އިންޑިއާއިން އެކްސްޕޯޓް ކޮށްފައިވެއެވެ.
އިންޑިޔާގެ އިތުރުން އިންޑޮނީޝިއާއިން ޕާމް އޮއިލް އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަނާ ކޮށްފައިވާއިރު މެލޭޝިއާއިން ވަނީ ކުކުޅު އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ.
އޭޝިޔާގެ ގިނަ ޤައުުމުތަކުން ކާބޯތަކެތި އެކްސްޕޯޓް ކުރުމުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ ރަޝިޔާ ޔުކްރެއިނުގައި ހުއްޓުމެއްނެތި ހިނގަމުންދާ ހަގުރާމަޔާއި ގުޅިގެން ޤައުމުތަކުގެ އިޤްތިިސާދު ދަށަށް ގޮސް އެޤައުމުތަކުގައި ހުރި ސަޕްލައި ޗެއިން އަށް ބުރޫ އަރައިދާނެ ކަމުގެ ބިރު ހީވާތީއެވެ.