ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރާ ޖަލްސާ، އެމްޑީޕީ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައީސް ސޯލިހް ފެކްޝަނަށް ނިސްބަތްވާ ހުރިހާ މެންބަރުން ޖަލްސާ ބޮއިކޮޓް ކޮށްފިއެވެ.
ނަޝީދު މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލާ ހުށަހެޅި ގަރާރެކެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވީ ރައީސް ނަޝީދަށް ތާއިދުކުރާ ބޭފުޅުން އެކަންޏެވެ. ރައީސް ސޯލިހްގެ ފެކްޝަންގެ އެއްވެސް ބޭފުޅަކު ގައުމީ މަޖިލިސް ޖަލްސާގައި ބައިވެރި ނުވުމުން ރައީސް ސޯލިހް ފެކްޝަންގެ ވިސްނުން މިމައްސަލައިގައި ހުރި ގޮތެއް ވަނީ ސާފު ނުވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދާއިރާތަކުގެ ރައީސުންގެ އިތުުރުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ވެސް ހިމެނެއެވެ.
ނަމަވެސް މިރޭގެ ގައުމީ މަޖިލިސް ޖަލްސާގައި ރައީސް ސޯލިހަށް ތާއިދުކުރާ އެއްވެސް މަޖިލިސް މެންބަރަކު ބައިވެރިއެއް ނުވެއެވެ. އަދި އެއްވެސް ވަޒީރަކު ވެސް ޖަލްސާގައި ބައިވެރިވެ ވަޑައިނުގަންނަވައެވެ.