ރާއްޖެ އިން ދައްކަންޖެހޭ ދަރަނިތައް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރަނިތައް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ކުރިޔަށް އޮތް 2023 އަދި 2024 ގައިވެސް އެއްވެސް ދަތިކަމެއް ނެތި ބަޖެޓް ކުރެވިފައި އޮތް ގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭނެކަމަށެވެ.
މީގެއިތުރުން ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން އަދި ދައްކަމުންދާ އެއްޗެއް ކަމަށާއި ދައުލަތުގެ ދަރަނި ދެއްކުމަށްޓަކާ އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ އިގްތިސާދީ ގޮތުން ދަތިކަން އެބަހުރި ކަމަށާއި ނަމަވެސް އެ ދަތިތަކާއެކު ވެސް އަޅަންޖެހޭ ފިޔަވަޅު އަޅައި އިގްތިސާދަށް އަންނަ ކުރިއެރުމާއެކު ހަރަދުތައް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ދުނިޔޭގެ މަޝްހޫރު އިންވެސްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ބުނާގޮތުން ރާއްޖެ އަށް އަންނަ އަހަރު ނިމޭ އިރު ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކުމުގެ ފުރުސަތު ބޮޑެވެ. އަދި މިދިޔަމަހު ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެދާނެ ހާލަތަކާ މެދު ކަންބޮނޑުވުން ފާޅުކޮށްފައެވެ.
އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަނީ އެއްވެސް ދަތިކަމެއް ނެތި ކުރިޔަށް އޮތް ދެއަހަރުގައިވެސް ދަރަނި ދެއްކޭނެ ކަމަށެވެ.