ޚަބަރު
ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކޮށްފި

މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ 180 ވަނަ ބައްދަލުވުމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރަން ފުލުހުންނަށް ފުރުސަތު ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ނަޝީދު ހުށަހެޅުއްވި ޤަރާރު ފާސްވީ 39 މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. ގަރާރާއި ދެކޮޅަށް ވޯޓް ދެއްވީ ކިތައް މެންބަރުން ކަމެއް ހަސަން ލަތީފް އިއުލާނެއް ނުކުރައްވައެވެ.

މި ޖަލްސާގައި ވޯޓް ނެގުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށް ޗެޓް ގައި ލިޔެގެންނެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައ ިވަނީ މޭ ހަވަނަ ދުވަހު ރައީސް ނަޝީދުގެ ފުރާނަކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހިފާހައްޔަރުކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމަށް ތާއިދުކުރުމަށް ގޮވާލާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ރައީސް ސޯލިހުގެ ފެކްޝަނުގެ މެމްބަރުން ވަނީ ބޮއިކޯޓް ކުރައްވާފައެވެ. ޖަލްސާ ބޮއެކޮޓް ކުރެއްވި ބޭފުޅުންގެ ތެރޭގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނެއެވެ.