މާލޭގޭ ނޯތު ހާބަރު ސަރަހައްަދުގައިވާ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ރަށު ކައުންސިލް ތަކަށް ބަހާލުމަށް ގދ.އަތޮޅު ކައުންސިލްގެ މެމްބަރ އަދި ފަރެސްމާތޮނޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް ގޮވާލައިފިއެވެ.
އިމްތިޔާޒް ކުރި ފޭސްބުކްޕޯސްޓެއްގައި ބުނެފައިވަނީ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެއަތޮޅެއްގެ ކައުންސިލަށް އެއްކޮށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ޤަބޫލުކުރެވޭނެ ނިންމުމެއް ނޫން ކަމަށާއި މިފައިސާ އެއަތޮޅެއްގެ އަތޮޅު ކައުންސިލް ތަކުން ތަޅާ ހުސްކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އަދި އެފައިސާ އޮންނަ އުސޫލުން ރަށްރަށުގެ ކައުންސިލްތަކަށް ބަހާލުމަކީ މުހިންމު ކަމެއް ކަމުގައި އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ގދ. އަތޮޅަށް ލިބުނު 2.3 މިލއަންރުފިޔާ ރަށްރަށަށް ބެހުމުގެ ބަދަލުގައި މިހާރުވެސް މިވަނީ އަތޮޅު ކައުންސިލްގެ ބޭނުމަށް އަތޮޅު ކައުންސިލްގެ 2022 ގެ ބަޖެޓް ތެރެއަށް ލާފައި ކަމަށާއި ރަށްރަށުގެ ރައްޔިތުންނަށް މީގެއިން އެއްވެސް ރާހަތެއް ނުކުރާ ކަމަށް ފަރެސްމާތޮނޑާ ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.
އެންމެ ފައިސާ ފޮއްޗަކީ ވެސް ރަށްރަށުގެ ކައުންސިލް ތަކަށް މުހިއްމު އެއްޗެއް ކަމަށްވާތީ އަތޮޅު ކައުންސިލް ބަޖެޓް އަލުން ރިވިއު ކޮށްގެން ނަމަވެސް އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ރަށްރަށު ކައުންސިލް ތަކަށް ބަހާލުމަށް ވަނީ އިމްތިޔާޒް ވަނީ ގޮވާލާފައެވެ.
އއ. އުކުޅަހުގައި މިހާރު ކުރިއަށް ގެންދާ “ވިޔަވަތި ރާއްޖެ” ކޮންފަރެންސްގައި ބައިވެރިވި ކައުންސިލުތަކުގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި އަތޮޅު ފިހާރަތައް ކައުންސިލްތަކަށް ދޫކޮށްލުމަކީ, ކައުންސިލްތައް މާލީ ގޮތުން އިތުރަށް ބާރުވެރިވާނެ ކަމެކެވެ.
ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކާއި ޝަކުވާތަކުގެ ހައްލަށް ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ މީގެ ކުރިން ދެބައިކުޅަ އެއްބައި ކައުންސިލްތަކަށް ޖަމާކުރަމުން އަޔަސް ކުރިއަށް އޮތް ތަނުގައި އެ ހުރިހާ ފައިސާއެއް ކައުންސިލަށް ލިބޭނެ ކަަމަށެވެ. އަދި ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.