އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް މަގާމުން މިއަދު ސަސްޕެންޑުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން އަހުމަދު ރިޔާޒް މަޤާމުން އެކަހެރިކުރެވުނު ކަމަށެވެ. އަދި އޭނާ ސަސްޕެންޑް ކުރުމަށް ރައީސް އޮފީހުން ވާނީ މިއަދު އެޑިއުކެޝަން މިނިސްޓްރީއަށް އަންގާފައި ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.
ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރިޔާޒު ސަސްޕެންޑްކުރީ ކަމަށް ރައީސް އޮފީހުން ބުނިނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި މައްސަލައާއި ބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.
އެހެންނަމަވެސް ބައެއް މީޑިޔާތަކުން ބުނާގޮތުގައި އޭނާ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެންނެވެ.
އެގޮތުން އެ މިނިސްޓްރީގެ ދެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް އޭނާގެ މައްޗަށް ބައެއް މީޑިޔާ ތަކުން ވަނީ ތުހުމަތުކޮށްފައެވެ.