މަގުހެދުމާއި އަދި އެނޫންވެސް ބައެއް އުމްރާނީ މަސައްކަތްތަކަށް ޚާއްސަ ކޮށްގެން މި ސަރުކާރުން އުފައްދާފައިވާ އާރުޑީސީއަށް ފާއިތިވެދިޔަ 2021 ވަނަ އަހަރު 59 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ، ސަރުކާރު ކުންފުނިތަކުގެ ކުއާރޓާރލީ ރިޕޯޓުގައި ވާގޮތުން 2021 ވަނަ އަހަރުގެ ފަހު ކުއާޓަރގައި އާރުޑީސީއަށް 15.4 މިލިއަން ރުފިޔާގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައި ވެއެވެ. އަދި 2021ވަނަ އަހަރުގެ ފުރަތަމަ 3 ކުއާޓަރުގައި އެ ކުންފުންޏަށް 59 މިލިއަން ރުފިޔާގެ ގެއްލުމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނެރެފައިވާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން އެ ކުންފުންޏަށް އެހާ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވަނީ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ބޮޑުވުމުވެ ސަބަބުންނެވެ.
މި ރިޕޯޓުގައި ވާގޮތުން 2021ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެކަނިވެސް އާރުޑީސީގެ ހންގުމުގެ ޚަރަދަށް 42 ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ. އޭގެ ކުރީ ކުއާޓަރުތަކުގައި އެކުންފުން ހިންގުމުގެ ޚަރަދަށް އެކަނިވެސް 27 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.
އާރުޑީސީގެ ޚަރަދުތައް ކުޑަކުރުމަށް އާރުޑީސީން ޕީސީބީން ލަފާ ދީފައިވާއިރު، ޕްރޮޖެކްޓަތައް ހިންގުމުގެ ކުރިން ފީސިބިލިޓީ ސްޓަޑީ ހެދުމަށްވެސް ޕީސީބީންވަނީ އާރުޑީސީއަށް ލަފާ ދީފައެވެ.
އާރުޑީސީއަކީ، ރައީސް ޔާމިންގެ ސަރުކާރުން ހިންގަމުން އައި އެމްއާރުޑީސީގެ ނަން ބަދަލުކޮށް، މިސަރުކާރުން އަލަށް އުފައްދާފައިވާ ކުންފުންޏެކެވެ. އަދި މި ކުންފުނި ފާހަގަވެގެން ގޮސްފައިވަނީ ސިޔާސީ މުވައްޒަފުން ގިނަ ކުންފުންޏެއްގެ ގޮތުގައެވެ.
އާރުޑީސީ އުފެއްދުމަށްފަހު ކުންފުނި ހިންގުން ހަވާލު ކޮށްފައިވަނީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މޫސާ އަލިމަނިކާއެވެ.