މިނިވަންކަންމަތީ ދެމިއޮތުމަށް ފައިސާއާ ފިކުރާ ނުފޫޒާމެދު ސަމާލު ވާންޖެހޭކަމަށް ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ވިދާޅުވެއްޖެއެވެ.
ގދ ރައީސް މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގދ އަތޮޅު ރައީސްގެ ޙައިސިއްޔަތުން ދެއްވި ޚިތާބުގައި ވާހަކަ ދައްކަވަމުންނެވެ.
އަތޮޅު ރައީސް ފައިހަތު ވިދާޅުވީ ދިވެހި ގައުމަކީ ހަތަރު ހާސް އަހަރުގެ މިނިވަން ތާރީޚެއް އޮތް ގައުމެއްކަމަށާއި ބޭރުގެ ކަނޑިބަޑީގެ ހަމަލާތަކުގައި 3 ފަހަރަކު އަޅުވެތިކަމުގެ ހިތި ރަހަ އިޙްސާސްކުރި ނަމަވެސް އަލުން ހިތްވަރާއެކު މިނިވަންވި ގައުމެއް ކަމަށެވެ. އަދި މިއަދު ޒަމާން ބަދަލުވެއްޖެކަމަށާއި ކަނޑިބަޑީގެ ދައުރު ފަސް ދީފި ކަމަށާއި މިއަދުގެ ހަތިޔާރަކީ ފައިސާއާއި ފިކުރު ނުފޫޒުކަމަށެވެ.
އެހެންކަމުން މި ބާރުތަކާ މެދު ހޭލާ ކެރިގެން ނޫނެކޭ ބުނުމުގެ އަމާނާތް ދިވެހި ރައްޔިތުން އަދާކޮށްފި ނަމަ މި ވަޠަން މިއަދުވެސް އަދި މާދަން ވެސް މިނިވަންކަން މަތީ ދެމި އޮންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ހަމަ އެހެންމެ މި ކަމަށް ޣާފިލުވެއްޖެ ކޮންމެ ގައުމެއް އާޚިރުގައި ގޮސް ޖެހެނީ އަޅުވެތިކަމުގެ ދަންތުރައިގާ ކަމަށްވެސް ރައީސް ފައިހަތު ވިދާޅުވިއެވެ. މުޙަންމަދު އަމީން ވިދާޅުވެފައިވާ ބަސް ފުލެއް ކަމުގައިވާ, މިނިވަންކަމުގެ ބިންގަލަކީ އަމިއްލަ ފުދުންތެރިކަން ކަމަށް ވިދާޅުވެ އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން އަތޮޅު ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖެ ހިންގެވިއިރު ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ދިވެހީން އެ ކަން ތަޖުރިބާކުރިކަމަށާއި އޭރު ރާއްޖޭގެ އިޤުތިޞާދު އޮތީ އެހެން ބައެއްގެ އަތްމަތީގަކަމަށްވެސް ރައީސް ފައިހަތު ވިދާޅުވިއެވެ.
ގދ.އަތޮޅު ރައީސް ވިދާޅުވީ ތާރީޚު ކަށަވަރުކޮށްދޭ ގޮތުން އެ ހައިހޫނުކަމުގައި ދިވެހިރައްޔިތުން މަރުވަމުން ދިޔައިރު، ރާއްޖޭގައި ތިބި ވޯރާވިޔަފާރިވެރީން ދިވެހީން އަތުން ފަސް ރުފިޔާއަށް މަސް ހަންދަރެއް ނުގަތްކަމަށާއި ރައީސް މުޙަންމަދު އަމީން ބޮޑު އިސްޓޯރު އުފެއްދެވީ އެހެންވެކަމަށެވެ. އަދި ދިވެހި ރައްޔިތުން އަތުން ދިވެހި ސަރުކާރަށް 25 ރުފިޔާއަށް މަސްހަންދަރެއް ގަންނާން ފެށިކަމަށްވެސް ރައީސް ފައިހަތު މިއަދު ދެއްވި ޚިތާބުގައި ފާހަގަކުރެއްވިއެވެ.
އިތުރަށް ރައީސް ފައިހަތު ވިދާޅުވިގޮތުގައި މިއަދު މި ފެންނަނީ ދިވެހީންގެ ކަންކަން ދިވެހީންނަށް ޓަކައި ދިވެހީން ކުރުމުން ދިވެހީންނަށް ކުރި ފައިދާއާއި ލިބުނު މަންފާއެވެ