އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގުނީ ސަލާމަތީ ކަންކަން ވަރުގަދަ ނުވުމުން ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިންގި ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބިގެންދިޔައީ ރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ނުވުމުން ކަމަށާއި އެހަރަކާތުގައި ބައިވެރިވި ބައެއް ޑިޕްލޮމެޓުންނާއި ސަރުކާރުގެ ވެރިން ނުރައްކަލަށް ހުށައެޅިގެން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެހެންކަމުން މިމައްސަަލަ ސީރިޔަސް މައްސަލައެއް ގޮތައް ތަހުޤީގުކޮށްދިނުމަށާއި މިފަދަ ހަމަނުޖެމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް މާލެ ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި މިއަށްވުރެ ހަރުދަނާ އުސޫލުތަކެއް ޤާއިމްވެފައި އޮތުން މުހިއްމުކަން ފާހަގަކުރައްވާފައިވެއެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވުނު ޔޯގާ ހަރަކާތުގައި ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީ ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިންގާފައެވެ. މިމައްސަލައާއި ގުޅިގެން ގިނަ ބަޔަކު ވަނީ ހައްޔަރު ކުރެވިފައެވެ.
އޭގެތެރޭގައި ޝެއިޚް ނިޝާން އާއި ޝެއިޚް ފަޒްލޫންގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން ހައްޔަރު ކޮށްފައިވާކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އެ ދެބޭފުޅުން ހައްޔަރުކޮށްފައިވަނީ މިރޭ އިރުއޮއްސުނު އިރު ކާނިވަލުގައި ހުންނަ ލެވެންޑަރ ރެސްޓޯރެންޓުގައި ތިއްބަވަނިކޮށެވެ. ފޮޓޯ ތަކުން ފެންނަ ގޮތުން އެ ދެބޭފުޅުން ހައްޔަރު ކުރި ފުލުހުން ތިބީ މޫނުވެސް ނިވާކޮށްގެންނެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގް ކުރަމުންނެެވެ.