ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒް (2 ވަނަ ބޫސްޓަރ) ޖެހުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.
އެޗްޕީއޭއިން ދާދި ދެންމެއަކު ހާމަކުރި ގޮތުގައި ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒް (ބޫސްޓަރ ޑޯޒް) ޖަހާފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ހައި ރިސްކު މީހުންނަށް 4 ވަނަ ޑޯޒް ޖެހުމަށް ވަނީ ނިންމާފައެވެ.
އުމުރުން 65 އަހަރުން މަތީގެ މީހުންގެ އިތުރުން 18 އަހަރާއި 65 އަހަރާ ދެމެދު މީހުންގެ ތެރެއިިން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ވެކްސިންގެ 4 ވަނަ ޑޯޒް ޖަހާނީ ބޫސްޓަރ ޑޯޒް ޖެހި ފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ކޮވިޑް ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް ޖެހުމަށް އެޗްޕީއޭއިން ނިންމާފައިވާ މީހުންގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސް ބޭނުން ކުރާ މީހުން އަދި ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ނުވަތަ ފަރުވާ ލިބުނުތާ އަހަރެއް ނުވާ މީހުންގެ އިތުރުން ޑައިލިސިސް ހަދާ މީހުން ހިމެނެއެވެ.