ވަގު ޑޮލަރުތަކެއް ވިއްކި ދެމީހަކު 28،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މައުލޫމާތުލިބޭ ގޮތުގައި ވަގު ޑޮލަރުތަކެއް ވިއްކި ކަމަށް ދެމީހަކު ވަނީ އިއުތިރާފްވެފައެވެ. އެހެންކަމުން އެދެމީހުންނަށް ހަތަރު މަހާއި 24 ދުވަހަށް ޖަލު ހުކުމެއް ވަނީ ކްރިމިނަލް ކޯޓުން އިއްވާފައެވެ.
އެހެންނަމަވެސް މިއަދަބު ޖޫރިމަނާއަކަށް ބަދަލުކުރަން އެދެމީހުން ވަނީ އެދިފައެވެ. މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ކޯޓުން ނިންމީ އެ މީހުން 28،800ރ. އިން ޖޫރިމަނާ ކުރުމަށެވެ. އެ ފައިސާ ދެ މަސް ތެރޭގައި ކޯޓަށް ދައްކަން އެ ހުކުމުގައި އަންގާފައިވެއެވެ.
މި ދެ މީހުންގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ދައުލަތުން ކުރީ ވައިބާ ގްރޫޕެއްގައި ޑޮލަރު ވިއްކާކަން އިއުލާން ކުރުމަށް ފަހު ޕާކިސްތާނު މީހަކަށް ސައްހަ ނޫން 800 ޑޮލަރު ދިނުމަށްފަހު 16.50 ގެ ރޭޓުން އެއަށް ވާ ދިވެހި ފައިސާ ހޯދާފައިވާތީއެވެ.