މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ނެރުނު ލަވަ “ހާދަ ވޭނާ” އިން އިބްރަތްތެރި މެސެޖެއް މުޖުތަމައުއަށް ލިބިގެންދެއެވެ.
މިލަވައިގެ އަޑުގެ ވެރިޔާ އަބްދުﷲ ހަސަން (އަބޫ) ލަވަޔާއި ބެހޭގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިލަވަޔަކީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވާފައި ނެރުނު ލަވައެއް ކަމަށާއި މުޖުތަމައު ހޭލުންތެރި ކުރުމަށް މެސެޖެއް ދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.
މިޕްރޮޖެކްޓްގައި މުޅިންވެސް ހިމެނެނީ ހުވަދޫ، ފުވައްމުލަކު އަދި އައްޑޫގެ ފަންނާނުން ކަމަށާއި ލަވައިގެ ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ ގްރީން އާޓްސް ސްޓޯޑިޔޯގެ ފަންނާނުން ކަމަށް އަބޫ ވަނީ ބުނެފައެވެ.
މިލަވަ ހުވަދޫ ނިއުސްއަށް ހަދިޔާ ކުރަމުން އަބޫ ވަނީ މިލަވައިގެ ޕްރޮޑަކްޝަން ޓީމް ކަމަށްވާ އައްޑޫ ގްރީން އާޓްސް ސްޓޫޑިޔޯއަށް އަދި އަހުމަދު އަމާން (ޓޮމް)، މަރިޔަމް ޝަހުޒާ، ސިއްދީޤް ފަހުމީގެ އިތުރުން ލަވަ ހަދައިދިން ޔޫޝައު މުހައްމަދު (ޔޫބެ)އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މިލަވަ ހައިދިން ޔޫބެ އަކީ ގދ.ތިނަދޫއަށް އުފަން ކުޅަދާނަ ޅެންވެރިއެކެވެ. އަބޫގެ އެދުމަކަށް ޔޫބެ ހަދައިދިން މިލަވައިއިން އަޑުއަހާ މީހާއަށް ފުންއަސަރެއް ކުރުވައެވެ.
އަބޫގެ މިލަވައަކީ މަސްތުވާތަކެތީން ސަލާމަތްވެ ފަރުވާ ލިބިފައިވާ ރިކަވަރީ އެޑިކްޓުންގެ ފަރާތުން މުޖުތަމައުއަށް ފޯރުކޮށްދިން ވަރަށް ތަފާތު ހަދިޔާއެކެވެ. މިލަވައިން ދައްކުވައިދެނީ މަސްތުވާ ތަކެއްޗަށް ދެވި ހިފުމުން އާއިލާތައް ރޫޅި ކުދިން ބިކަވެގެން ދާ މަންޒަރެވެ. އަދި އެކަމަށް ފަރުވާ ހޯދައި އަޒުމަކާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކީވެސް މިމުޖުތަމައުއަށް ބޭނުންތެރި މީހަކަށް ހެދިދާނެ ކަމެވެ. މިލަވައިން ދައްކުވައިދެނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއްގެ އާއިލާ ތަހައްމަލް ކުރަން ޖެހިފައިވާ ވޭނީ އިހުސާސްތަކާއި ހިތްދަތިކަމެވެ.
https://www.facebook.com/abooicon/videos/6170670219629812
ލަވަކިޔާފައިވަނީ ގދ.ތިނަދޫއަށް ނިސްބަތްވާ ލަވަކިޔުންތެރިއެއް ކަމަށްވާ އަބްދުﷲ ހަސަން (އަބޫ)އެވެ. މިއުޒިކީ ދުނިޔެއަށް މަޝްހޫރު އަބޫއަކީ މަސްތުވާ ތަކެތީގެ ދުނިޔެއަށް ގެއްލިފައި ހުރި ހުނަރުވެރި ފަންނާނެކެވެ. އެހެންނަމަވެސް މަސްތުވާ ތަކެތިން ދުރުހެލިވެ އެކަމަށް ފަރުވާ ހޯދައި މިއަދު އަބޫ ވަނީ ބޭނުންތެރި، އުފެއްދުންތެރި އަދި ކުޅަދާނަ ފަންނާނެއްގެ ގޮތުގައި މުޖުތަމައު ބަލައިގެންފައެވެ.