ކޮވިޑް-19 އަނެއްކާވެސް ހަލުވި ކަމާއެކު ފެތުރޭތީ އީދާ ދިމާކޮށް ހުޅުމާލޭގައި ބާއްވާ ހަވާ އެރުވުމާއި އީދު ޝޯވް ދިނުން ކެންސަލްކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ހަވާ އަރުވާ މަންޒަރު ބަލަން ގިނަ ބަޔަކު އެއްވާނެ ކަމަށް ބެލެވޭތީ، އަންނަ ޖުލައި 9، ގައި މުސްލިމުން ފާހަގަ ކުރާ އަލްހާ އީދުގައި އެކަން ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
“އަލްހާ އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ރާވާފައިވާވީއިރު، މި ދުވަސްވަރަކީ ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރުވެފައިވާ ދުވަސްވަރަކަށްވާތީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅޭ ހަރަކާތްތައް މި ކޯޕަރޭޝަނުން ވަނީ ނިންމާފައި،” އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީން މިގޮތަށް ބުނެފައިވާއިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް ވަނީ މަތިވާން ފަށައިފައެވެ. އެގޮތުން ފާއިތުވެދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ އަދަދު 1202 އަށްވުރެ މައްޗަށް އަރާފައިވާއިރު، ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް ވަނީ 35% އަށް އަރާފައެވެ. ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ.