ހާއްސަ ހާލަތެއްގައި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ހެއްކާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިބިލުގެ 136 ވަނަ މާއްދާ އިސްލާޙުކުރުމަށް ގޮވާލާ މަޖިލިސް ކުރިމަތީގައި މިއަދު ހެދުނު ނޫސްވެރިން ވަނީ އިހުތިޖާޖް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ބަލައިގަންނާނެ ކަމަށެވެ. އެހެންނަމަވެސް، މިއަދު ހުށަހެޅި ކަންބޮޑުވުންތަކަށް މިހާރު ވަގުތެއް ނެތް ކަމަށާއި ދެން އޮތް ގޮތަކީ ބިލު ފާސްކުރުމުން އަނެއްކާވެސް އިސްލާހެއް ގެނައުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލާއި ބެހޭގޮތުން ބަހުސްކުރުމަށްފަހު ނެގި ފެންނަ ނުފެންނަ ވޯޓުން 50 މެމްބަރުންގެ ވޯޓާއި އެކު މިލަށް އިސްލާހު ނުގެނެސް މިވަނީ ފާސްކޮށްފައެވެ. މިބިލް ފާސްކުރުމަށް އިންކާރުކޮށްފައިވަނީ އެންމެ ފަސް މެމްބަރުންނެވެ.
ހެއްކާ ބެހޭ ބިލްގައިވާ ގޮތުން މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އަދި މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށް އެބިލުގައި ބަޔާންކޮށްފައިވެއެވެ.
އެ ކަންކަމުގެ ގޮތުގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކުށެއް ކޮށްފިކަން ނުވަތަ ކުރަމުން ދާކަން ނުވަތަ ކުރަން އުޅޭކަން، ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އޮތް ކަމަކަށްވުން، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު މާ ބޮޑު ހާލަތެއް ކަމަށް އެ ހާލަތުވުމެވެ.