ޚަބަރު
ކަރަންކާ ފުޓްސަލް ފިއެސްޓަރ އަލުން ފަށައިފި

ގދ ފިޔޯރީ ، ކަރަންކާ ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރުކު ބާއްވަމުން އަންނަ “ކަރަންކާ ފުޓްސަލް ފިއެސްޓަރ” އެއް އަހަރުގެ މެދުކެޑުމަކަށްފަހު އިއްޔެ އަލުން ފަށައިފިއެވެ.

ފިޔޯރީގައި ފެށިގެން ކުރިޔަށްދާ މިއަހަރުގެ މުބާރާތުގައި ބައިވެރި ވެފައިވަނީ 4 ޓީމެވެ. އެއީ ހުޓިކޮޑު އެފްސީ، ލައިކަންސް އެފްސީ، ތަރިވިލާ އެފްސީ ގެ އިތުރުން ޕާކް ރޯޔަލްސް އެސްސީއެވެ.

ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ޝަރަފްވެރި ކޮށްދެއްވި މިމުބާރާތުގައި އިއްޔެގެ ދެމެޗު ކުޅެވިފައިވާއިރު ފުރަތަމަ މެޗު ހުޓިކޮޑުގެ އެފްސީ އާއި ވާދަކޮށް 23 ލަޑު ސުންލަޑުން ކާމިޔާބު ކުރީ ލައިކަންސް އެފްސީ އެވެ. ދެވަނަ މެޗުގައި ޕާކް ރޯޔަލްސް އެސްސީ އާއި ވާދަކޮށް 6 ލަޑު 0 ލަޑުން ކާމިޔާބު ހޯދީ ތަރިވިލާ އެފްސީ އެވެ.
ފުރަތަމަ މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ލައިކަންސް އެފްސީގެ ޖާޒީ ނަންބަރ 10 އަހުޒަން ޒާހިރުއެވެ. ދެވަނަ މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ތަރިވިލާ އެފްސީގެ ޖާޒީ ނަންބަރ 9 ހަސަން އީނާސް އަބްދުﷲ އެވެ.ސިލްސިލާ ކޮށްށް ކުރިއަށް ގެންދާ މި މުބާރާތަކީ 2018 ގައި ކަރަންކާ ސްޕޯޓްސް ކުލަބު ވުޖޫދަށް އައި ފަހުން ކޮންމެ އަހަރަކުވެސް ބޭއްވުމަށް އެ ކުލަބުން ނިންމައިފައިވާ މުބާރާތެކެވެ. ކަރަންކާ ފުޓްސަލް ފިއެސްޓަރގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ލައިކަންސް އެފްސީ އެވެ.
އިއްޔެގެ މެޗު ބެލުމަށް އެ ރަށުގެ ގިނަ ބަޔަކު ދަނޑަށް ހާޒިރުވިއެވެ.