ޚަބަރު
މިފަސް އަހަރު ނިމިގެންދާނީ ތަރައްގީގެ ކުލަ ޖެހިފަ އޮތް ރަށަކަށް މަޑަވެލި ހަދާފަ: މަޑަވެލި ކައުންސިލް ރައީސް

މިފަސް އަހަރު ނިމިގެންދާނީ ތަރައްގީގެ ކުލަ ޖެހިފަ އޮތް ރަށަކަށް މަޑަވެލި ހަދާފަ ކަމަށް މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޟް ހަސަން ވިދާޅުވެއްޖެއެވެ.

ފިޔާޟް މިހެން ވިދާޅުވީ މަޑަވެލީގައި މިވަގުތު ކުރިއަށްދާ މަޑަވެލި އައިކަން ބަނދަރު ބޯޑު ކައުންސިލާއި ރަސްމީކޮށް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މަޑަވެލި ރަމްޒު ކޮށްދޭ މޮނިއުމެންޓަކީ ހެޔޮއެދޭ ފަރާތްތަކެއްގެ އެހީގައި ބެހެއްޓޭ އެއްޗެކެވެ. 6 ލައްކަ ރުފިޔާ ޚަރަދު ކޮށްގެން ބަހައްޓާ “މަޑަވެލި އައިކަން” އަކީ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު އާއި މަޑަވެލީ އަބްދުﷲ ފަހުމީގެ އިތުރުން އެ ރަށު މުޙައްމަދު ނާދިމް އަދި އަމްޖަދް ޙަސަންގެ އެހީތެރިކަމާއެކު ބަހައްޓާފައިވާ ބޯޑެކެވެ.

ދިގުމިނުގައި 30 ފޫޓް އަދި އުސް މިނުގައި 10 ފޫޓް ހުންނަ މިއައިކަން ބަހައްޓާފައިވަނީ ރަށުގެ މޫނު މަތީ ބަނދަރު ސަރަހައްދުގައެވެ. މިއައިކަން އަކީ ދުބާއީގައި ތައްޔާރުކޮށްގެން ގެނެސް މަޑަވެލީ ގައި ބަހައްޓާފައިވާ މި އައިކަންގެ ސަބަބުން އެރަށަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެކަމުގައި މަޑަވެލީގެ ކައުންސިލުގެ އިތުރުން ރައްޔިތުން ޤަބޫލުކުރެއެވެ.

މިރަސްމިއްޔާތުގައި ގދ އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލް ތަކުގެ އިސް ފަރާތްތައް ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ބައިވެެރިވެވަޑައިގެންފައެވެ.