ޚަބަރު
ހަރުކަށި ފިކުރާއި ދެކޮޅަށް ޝަހީމް ލިޔެފައިވާ ލިޔުމަކަށް ރައިސްނަޝީދު ތާއީދު ކޮށްފި

ދީނީ ހަރުކަށި ފިކުރާއި ގުޅޭގޮތުން، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އަމިއްލަފުޅު ވެބްސައިޓްގައި، ލިޔުއްވާފައިވާ ލިޔުމެއް ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ ޓްވިޓެއްގައި ޝެއަރކޮށް ތާއިދުކޮށްފައެވެ.

ހަރުކަށި ފިކުރުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އިސްތިރާތީޖީ ގޮތުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތުގައި ވެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ބުނެ ޝަހީމް ވިދާޅުވެފައި ވެއެވެ.

ނަޝީދު މިގޮތަށް ޓްވީޓް ކުރެއްވުމުން ބޮޑަށް ބެލެވެނީ ޑރ. ޝަހީމްގެ އެ ލިޔުއްވުމަށް އެމަނިކުފާނު ތާއިދު ކުރެއްވީ ކަމަށެވެ.

ޑރ. ޝަހީމް އޭނާގެ ވެބްސައިޓުގައި މިއަދު ލިޔުއްވާފައިވާ ގޮތުގައި ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮބައި ކަމާއި އިސްލާމީ ފިގުހީ އުސޫލުތަކާއި ޝަރުއީ އިސްތިލާހުތަކާ މެދު އެ ފިކުރުގެ މީހުން ގެންގުޅޭ ނުބައި މަފްހޫމްތަކުގެ ހަގީގަތް ޒުވާނުންނަށް ރަނގަޅަށް ކިޔައިދީ، މުޅި މުޖުތަމައު ހޭލުންތެރި ކޮށްގެންނެވެ.

އެ މައްސަލައަކީ ގާނޫނުލްއުގޫބާތުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ދިގުދެމިގެންވާ ހައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް ވާހަކަފުޅަށް ރައިސް ނަޝީދު ތާއީދު ކުރައްވާފައިވާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް މަސައްކަތް ފެއްޓެވި ދުވަސްކޮޅުގައި، ޝަހީމް އާއި ހަރުކަށި ފިކުރާ ގުޅުވައި ގިނަ ތުހުމަތު ތަކެއް ރައީސް ނަޝީދު ވަނީ ކުރައްވާފައެވެ.

Comment