ރިޕޯޓް
 އުވެމުންދާ ދިވެހި ކާބަފައިންގެ ރީވެތި އާދަކާދަތަކަށް ކަޅިއެއް.

ދިވެހިންނަކީ ޒަމާނުއްސުރެ އެއުރެންގެ ކާބަފައިން ދޫކޮށްދިޔަ އަގުހުރި ތަރިކައާއި، ސަގާފަތާއި އާދަކާދަތަށް، އެއީ ނުހަނު ޚާއްސަ ހަޒާނާއެއްކަމުގައި ދެކެމުން އައި ބައެކެވެ. އަހަރުން އަހަރަށް، އުވި، ނެތިވެދަމުން އެދާ ރިވެތި ސިފަތަކުގެ ވާހަކަދައްކާ، އޭގެ ޒިކުރާ އާކުރަމުން އަންނަ ބައެކެވެ. ކަން މިހެން ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ދިވެހިންގެ އެވޭލާ އާދަކާދަތަކަކީ ދިވެހި މިޖީލު ނޫނަސް، މުޅި ދުނިޔޭގެ ހުރިހާ ސައްޔާޙުންނާއި ތާރީޚް ދިރާސާ ކުރާ ބޭފުޅުން، އެއާދަކާދަތަކުގެ ފުރިހަމަކަމަށް ހެކިވާ އާދަކާދަތަކެކެވެ.

މިއާދަތަށް ދިވެހި މުޖުތަމަޢުއިން މަޑުމަޑުން ފޭދެމުން ދިޔަކަމުގައިވީނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ޙަޤީޤަތަކީ އަދިވެސް ރާއްޖޭގެ ބައެއް ރަށްރަށުން އިހުގެ އާދަކާދަތަކުގެ އުފާވެރި މަންޒަރު ފެންނަމުންދާކަމެވެ. މިހާހިސާބުން އަލިއަޅުވާލާނީ ދިވެހި ކާބަފައިންގެ ކުރީގެ ރީތި ބައެއް އާދަކާދަ ތަކަށެވެ. މީގެ ތެރޭގައި، ގާތްތިމާގެ ގުޅުން ދެމެހެއްޓުން، އަވަށްޓެރިންނަށް އިޙްތިރާމް ކުރުން، މެހުމާނުންނަށް ކަމޭހިތުން، ހުކުރު ދުވަސް ފަދަ ޚާއްސަ ދުވަސްތަކުގައި ދައްކުވައިދޭ އެއްބައިވަންތަކަން އަދި ކެއިން ބުއިމުގެ ރިވެތި އާދަތަށް ހިމެނެއެވެ. އަދި ހަމައެހެންމެ މަސްވެރިކަން ކުރެވުނު ގޮތް، ކުޅިވަރުތައް އަދި ބޮޑުމާލޫދު ފަދަ ކަންކަން ހިމެނެއެވެ.

ގާތްތިމާގެ ގުޅުން ދެމެހެއްޓުމަކީ އޭގައި ނުހަނު ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާކަމެކެވެ. އެއީ އިސްލާމްދީންވެސް އެހާމެ ބާރުއަޅާކަމެކެވެ. އިހުގައި އާއިލާ ކިތަންމެ ފުޅާވެގެންގޮސް ދަރިންތައް ވަކިވަކިން އުޅުނުކަމުގައިވީނަމަވެސް އާއިލީގުޅުން ވަރަށް ވަރުގަދައެވެ. އާއިލާގައި އެކަކުވެސް އަނެކާގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަމުގެ އަތް ދިގުކުރެއެވެ. އަޅައިލައެވެ. އެކަކު އަނެކަކުގެ ދިރިއުޅުމުގައި ދިމާވާ އަޑިގަނޑުތަކާއި އުސްގަނޑުތަކުގައި އެކުގައި ޝާމިލުވެ ހިތްވަރުދީ ނުވަތަ އުފަލުގައި ބައިވެރިވެ ހަދައެވެ. މައިންބަފައިން އުމުރުން ދުވަސްވުމުން އެދެމައިންނަށް ދޭންޖެހޭ ލޯތްބާއި އަޅާޅުންދީ ހުރިހާ ކަމެއް އެންމެން އެކީ ބަލަހައްޓައެވެ. މިއަދާ ޙިލާފަށް، އެންމެ ފާހަނގަ ކޮށްލެވޭ އެއްކަމަކީ މައިންބަފައިން ދުނިޔެ ދޫކޮށް ދިޔުމުން އާއިލާއަށް ނިސްބަތްވާ ތަރިކަ ދަރިންގެ މެދުގައި ހިއްޞާ ކުރަނީ ޞުލްހަމަސަލަސްކަން އިޚްތިޔާރު ކޮށްގެންނެވެ. ކޮންމެއަކަސް އިހުގެ ދިވެހިންނަކީ ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، ޙާލުބަލައި، ގާތްތިމާގެކަން ވާޞިލުކުރާ ބައެކެވެ.

އަވަށްޓެރީންނަކީވެސް ކާބަފައިންގެ ނަޒަރުގައި ގާތްތިމާގެ މީހުންނެވެ. ދޭހަކޮށްދޭން މިއުޅެނީ އިހުގައި، މީހަކާއި އެނާގެ އަވަށްޓެރިންގެ ގުޅުމުގެ ބާރުގަދަކަމެވެ. ދިވެހިން ދެކުނު ގޮތުގައި މުޅި ރަށުގެ ހުރިހާ ފަރުދުންނަކީ އަވަށްޓެރިންނެވެ. ސަބަބަކީ އާންމުކޮށް ރަށެއްގައި އެކަކު އަނެކަކު ނުދަންނަ މީހަކު ނޫޅޭތީއެވެ. ދިވެހިންވީ އެއްބަޔަކު އަނެއް ބަޔެއްގެ ކުދި ބޭނުންތަކާއި ބޮޑެތި ބޭނުންތައްވެސް ހިތްހެޔޮކަމާއި އެކު އެއްވެސް އަގަކާއި ނުލާ ފުއްދައިދިން ބަޔަކަށެވެ. އެކި މަސައްކަތްތަކަށް ބޭނުން ކުރާ ހިފައިގެންގުޅޭ ތަކެތިވެސް، ހުންނަ ގޭގެއިން ނުހުން ގޭގެއަށް ބޭނުންކުރަންދީ، މަސައްކަތުގައި ބައިވެރިވެ، ބުރަ ލުއި ކޮށްދިން ބަޔަކަށެވެ. އަވަށްޓެރިޔާގެ ގެއަށް އެއްއިރުން އަނެއް އިރަށް ތަށިބަރިވެސް ގެންގޮސްދިން ބަޔަކަށެވެ. މިނޫން ގޮތްގޮތުންވެސް ދިވެހިންނަކީ އަވަށްޓެރި ކަމުގެ މިސާލު ދައްކައިދިން، ރިވެތި އަޚްލާގުގެ ވެރިބައެކެވެ.

ޒަމާނުއްސުރެ ދިވެހިންނަކީ އެއްބައިވަންތަކަމާއި އެކު ރަށުގެ ވެށި ސާފުކޮށް ބެހެއްޓުމުގެ ލާމަސީލު މިސާލު ދެއްކި ބަޔެކެވެ. ތަފާތު މުނާސަބާތަކަށް ރަށުތެރެ ސާފުކުރުމާއި، އަތިރިމަތި ސާފުކުރުމަކީ އަންހެންވެރިން ޖޯޝުގައި ކުރަމުންއައި ކަންތައްތަކެވެ. ހަމައެއާއިއެކު، ކާބަފައިންގެ ޒަމާނުގައި ދިވެހިންގެ ފެންވެރުމުގެ އާދަކާދަ ބިނާވެފައި އޮތީވެސް މިއަދާއި ވަރަށް ތަފާތު ގޮތަކަށްކަން ފަހަގަ ކޮށްލަންޖެހެއެވެ. ވެވަކީ އިހުގައި ދިވެހީން ފެންވަރަން އެރުނު އެއްޗެކެވެ. އެގޮތުން ފިރިހެންވެރިން ފެންވެރުމަށްޓަކައި ވެވެއް ބޭނުންކޮށް އުޅުނުކަމާއި، އަންހެނުންނަށް ޚާއްސަކޮށް ގިފިލި ތައްޔާރުކުރެވިފައި ހުރިކަން ތާރީޚުގެ ސަފުހާތަކުން ސާބިތުވެއެވެ. ކަންމިހެން އޮތުމުން ދޭހަވަނީ އިހުގައިވެސް އަންހެނުންނަށް ޤަދަރުވެރި މަޤާމެއް ދިވެހިންގެ ތެރޭގައި ދެވިފައި އޮތްކަމެވެ.

ގުޅުން ބަދަހި ކުރުމަކީ އިހުގެ ދިވެހިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދިން ސިފައެކެވެ. ހުކުރު ދުވަހާއި، ދެ ޢީދު ދެދުވަހާއި، ޙައްޖު ދުވަސް ފަދަ ޙާއްސަ ދުވަސްތަކަކީ ކާބަފައިންގެ ރިވެތި އުސޫލުތައް ދައްކުވައިދިން ހަނދާނީ ދުވަސްތަކަށްވަނީ ވެފައެވެ. މީގެ ކޮންމެ ދުވަހަކީވެސް ޢީދެއްގެ އުފާ މުޅި ރަށުތެރޭން ފެންނަން ހުންނަ ދުވަސްތަކެކެވެ. ޒަމާނުއްސުރެ ހުކުރު ދުވަހަކީ އާއިލީ ދުވަހެއްގެ ގޮތުގައި އިހުގެ ދިވެހިން ނަމޫނާ ދައްކަމުން އައިއިރު ޢީދު ދުވަހަކީ އުފާކުރުވަނިވި ހުނުންތަކުން މުޅި ފަޒާ ގުގުމާލާ ދުވަހަކަށް ވަނީވެފައެވެ. އާހެދުން ފަހައި، ނަލަ ހެދިލައިގެން ހަވީރު ފިންޏަށް ހިނގާލަން ދިޔުމާއި، ކުޅިވަރު ކުޅެ، މަޖާކޮށް ފޯރިނެގުމަކީވެސް ދިވެހިންގެ ތެރޭގައި ކުރެވެމުން އުފާވެރި ކަންކަމެވެ.

މިހާރު ސަގާފީ ކުޅިވަރުތަކުގެގޮތުގައި ހަމަޖެހިފައިވަނީ އިހު ދިވެހީން ފޯރި ނެގުމާއި މަޖާ ކުރުމުގައި ކުޅެއުޅުނު ކުޅިވަރުތަކެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ތަރުޙީބުގަދަ އެންމެ މަޝްހޫރު ކުޅިވަރުތަކަކީ ބަށި، ލެއް، ފަން، ތެލަބަގުޑި، މަންޑި، އޮށްވަޅު، ގަނޑުފިއްލާ، ތިންހަމަ އަދި ތިންމުގޯލި ފަދަ ކުޅިވަރުތަކެވެ. ކުޑަ ކުދިންނަށް ޚާއްސަ އަކުންބަކުން، އަލީލާން، ބަތްކައްކާ ފަދަ ކުޅިވަރުތަކަކީ މިއަދުވެސް ވަރަށް ގިނަ ދިވެހިންގެ މެދުގައި މަޤުބޫލު ކުޅިވަރުތަކެވެ. މިކުޅިވަރުތަކުގެ ޚާއްސަކަމަކީ މާބޮޑު ޚަރަދަކާއި ނުލާ، ރާއްޖޭގައި އުފެދޭ، ފަސޭހައިން ލިބެން ހުންނަ ތަކެތީގެ އެހީގައި ކުޅެވޭ ކުޅިވަރަކަށް ވާކަމެވެ.

ދިވެހީންނަކީ ލަވަޔާއި މިއުޒިކާއި އަދި ނެށުމަށްވެސް ޝައުޤުވެރިކަން ހުންނަ ބައެކެވެ. ނެށުން ތަކުގެ ތެރޭގައި ބޮޑުބެރު ޖެހުން، ތާރަޖެހުން، ބަނޑިޔާ ޖެހުން، ބުންބެރުޖެހުން، ފަތިގަނޑުޖެހުން ފަދަ ކަންތަކާއި ގުޅޭ ނޭށުންތައް ހިމެނެއެވެ. އެވޭލާއިން މިވޭލާއަށް އައި އިރު މިއުޒިކާއި މުނިފޫހި ފިލުވުން މިދަނީ ޒަމާނާއި އެއްގޮތަށް ކުރިލައި ހެދެމުންނެވެ. މިހާރު އާންމުކޮށް މިފަދަ އިހުގެ ނެށުންތައް ފެންނަނީ، ޘަގާފީ ޕޮރޮގްރާމްތަކާއި ރަސްމީ ޖަލްސާ ތަކުގައެވެ.

ދިވެހިކާބަފައިންނަކީ އެބައިމީހުން ގަބޫލުކުރަމުން އައި ވަކި އުސޫލުތަކެއްގެ މަތިން، ވިސްނުންމާއި ބުއްދީގެ ބޭނުން ކޮށްގެން ކަންކަން ކުރަމުން ދިޔަ ބަޔެކެވެ. މި ރިޕޯޓުން ހާމަވަނީ ދިވެހި ކާބަފައިން އެކި ޒަމާންތަކުގައި ކަންކުރަމުން އައިސްފައިވަނީ އެދުވަސްވަރެއްގައި މުޖްތަމަޢުގެ ހާލަތު  އޮންނަ ގޮތެއްގެ މަތިންކަމެވެ. އާދަތަކާއި ގެންގުޅެމުންއައި އުސޫލުތަށް މާތްވެގެންވާ އިސްލާމް ދީނުގެ އޮނިގަނޑުން ބޭރުނުވާހާ ހިނދަކު، އަމަލުކުރުން ރަނގަޅު ގޮތެއްކަމުގައި ދެކުނެވެ. ވިމާ މިއަދު ދިވެހީންވީ ޒަމާނީ އާދަކާދަތަކާއި އެކު، އިހުގެ އާދަކާދަތަށްވެސް ދިރުވާ އާލާކޮށް، އޭގެން ދިވެހި މުޖްތަމައުއަށް އިބްރަތް ޙާސިލްކޮށްދޭށެވެ.