ފަރެސްމާތޮޑާ ކައުންސިލުން ރައްޔިތުންގެ ޚިޔާލާއި، ވިސްނުމާއި އެއްގޮތަށް ކުރިޔަށް އޮތް 5 އަހަރަށް ކައުންސިލުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަންކަމާއި ގުޅޭ ގޮތުން ބާއްވާ ޢާއްމު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
އަންނަ ބުރާސްފަތި ދުވަހުގެރޭ 20:30ގައި ފަރެސްމާތޮޑާ ކައުންސިލް އިދާރާގައި އޮންނަ މި ބައްދަލުވުމުގައި ރަށުގައި މިހާރު ކުރިޔަށްދާ މުހިންމު ބައެއް މަޝްރޫޢު ތަކުގެ ތެރެއިން އެއަރޕޯޓާއި، ޕާކުގެ އިތުރުން އަލަށް ޢިމާރާތް ކުރެވޭ އިންޖީނު ގޭގެ އެންމެ ފަހުގެ މަޢްލޫމާތު ރައްޔިތުންނާއި ޙިއްސާ ކުރެވޭނެ ކަމަށް ފަރެސްމާތޮޑާ ކައުންސިލުން ވިދާޅުވެއެވެ.
ފަރެސްމާތޮޑާ ކައުންސިލްގެ ނާއިބު ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ މިފަދަ މަޝްވަރާއަކަށް ދާން ނިންމާފައިވަނީ ކުރިޔަށް އޮތް 5 އަހަރަށް އެކުލަވާލެވޭ ޕްލޭންގައި ރައްޔިތުންގެ އިޙްސާސްތައް އަޑުއަހައި ލިބޭ ޚިޔާލުތައް އެޕްލޭންގައި ހިމޭނުންކަމަށެވެ.
ނަސްރުﷲ ވިދާޅުވީ ބުރާސްފަތި ދުވަހުގެ ބައްދަލުވުމަކީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށާއި ރައްޔިތުންނާ މިގޮތައް ބައްދަލުވުމެއް ނުބާއްވާތާ ގިނަ ދުވަސް ވެފައި ވުމުން ގިނަ ކަންބޮޑުވުންތަކެއް ހުންނާނެކަމަށެވެ.
އެންމެ ފަހުން ފަރެސްމާތޮޑާ ކައުންސިލުން ރައްޔިތުންނާ ބައްދަލުވުމެއް ބާއްވަން ފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީގައެވެ.