ކޮލަމް
ހުވަދު އަތޮޅުގެ މައި ރަށް “ކޭހުވަދޫ” އަށް ވީ ކިހިނެއް؟

ހުވަދުއަތޮޅުގައި ކުރިން މީހުން ދިރިއުޅުނު ރަށަކަށް ކޭހުވަދޫ ވެފައިވެއެވެ. މިރަށަކީ އެރަށަކަށް ހުވަދުއަތޮޅުގެ ނަން ނިސްބަތްވާ ރަށްވެސްމެއެވެ.

އިބްނު ބަޠޫތާގެ ދަތުރުނާމާގައި ދިވެހިރާއްޖެއާއި ބެހޭގޮތުން ތަފާތު މަޢުލޫމާތު އޭނާ ލިޔުއްވާފައިވެއެވެ. މިދަތުރު ނާމާގައި ދިވެހިރާއްޖެއާއި ގުޅޭގޮތުން ލިޔުއްވާފައިވާ ބާބުގެ ދިވެހި ތަރުޖަމާއެއް މަޝްހޫރު ދިވެހި ތާރީޚް ލިޔުންތެރިޔާ އަލްއުސްތާޒު އަލްމަރުހޫމް މުހައްމަދު އިބްރާހީމް ލުޠުފީގެ “އިބްނި ބަޠޫޠާ ދިވެހިރާއްޖޭގައި” މިފޮތުގައި ލިޔުއްވާފައިވެއެވެ.

މުޙައްމަދު އިބްރާޙިމް ލުޠުފީގެ ތަރުޖަމާގައި ވާގޮތުން، ހުވަދު އަތޮޅުގެ ނަން ނިސްބަތްވަނީ ހުވަދު އަތޮޅުގައި ބޮޑު އާބާދީއެއް ދިރިއުޅުނު “ކޭހުވަދޫ” ކިޔާ ރަށަށެވެ. ބޮޑު އާބާދީއެއް ދިރިއުޅުނުކަމަށް ބެލެވޭ، ހުވަދު އަތޮޅުގެ ނަން އެރަށަކަށް ނިސްބަތްވެވޭ ރަށަށްވީ ކިހިނެއް ހެއްޔެވެ؟ ހުވަދު އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި “ކޭހުވަދޫ” ނުހިމެނެއެވެ. އެނގެން އޮތް ހަޤީޤަތަކީ މިއީ ހުވަދު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނޭ ރަށެއް ނޫންކަމެވެ. ގިނަބަޔަކަށް މިނަންވެސް ނޭނގޭކަމީ މިއަދު ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. ހުވަދު އަތޮޅުގައި މީހުން ދިރިއުޅުނު ބޮޑު އެއް ރަށް ކަމުގައި ތާރީޚީ ލިޔުންތަކުން ހެކިލިބިފައިވާ، އަދި އެރަށަކަށް އަތޮޅުގެ ނަން ނިސްބަތްވާ، ކޭހުވަދޫ އޮތްތަނުގައި މިހާރު އޮތީ ތިލަ ފަޅެކެވެ. މިރަށް އޮތް ހިސާބެއްގެ ގޮތުގައި އިބްނި ބަޠޫޠާއަށް ހަވާލާދީ އަލްމަރުހޫމް މުހައްމަދު އިބްރާހީމް ލުޠުފީ ހާމަކޮށްފައިވާ ގޮތުގައި، މިރަށް އޮތީ ހުވަދު އަތޮޅުގެ ދެކުނު ބުރީގެ ހުޅަނގު ބިތުގައި ގުޅިފައިވާ ރަށްތަކުގެ ތެރޭގައިވާ، ހޯޑެއްދޫ އަދި ކެރަމިންތާ އާއި ދެމެދުގައެވެ.

ބޮޑު އާބާދީއެއް ދިރިއުޅުނުކަމަށް ތާރީޚުގެ ފަތްފުތްތަކުން މަޢުލޫމާތު ލިބޭ ކޭހުވަދޫ ނެތިވެގެން ދިޔުމުގައި ކުރިމަތިވެފައިވާ ސަބަބެއް ވަނީ އޮޅުން ނުފިލައެވެ. ހުވަދު އަތޮޅަކީ ޒަމާނުއްސުރެ ސިހުރުހާހޫރަ އަދި ފަންޑީތައިގައި މުޅި ރާއްޖެއިން އެންމެ ކުރީގައި އުޅުނު މީހުން އުޅުނު އަތޮޅު ކަމުގައި ބުނެއުޅެއެވެ. ކުރީގެ ބައެއް ލިޔުންތެރިންގެ ލިޔުންތަކުންނާއި، ތާރީޚީ ބައެއް ފޯކުލޯރު ވާހަކަތަކުން، ހުވަދު އަތޮޅުގައި، ފަންޑިތައިގެ ފޯރިގަދަވެ، ތަފާތު ރަށްތަކުގެ މެދުގައި ވާދަވެރިކަން އުފެދި ސިހުރުހާހޫރަ ހަދައި އުޅުނު ކަމުގައި ވެއެވެ. ކޭހުވަދޫގައި ދިރިއުޅުނު މީހެއް ނުވަތަ އާއިލާއެއްގެ މެމްބަރެއްގެ ވާހަކަވެސް ފޯކުލޯރު ވާހަކައެއްގެ ގޮތުގައިވެސް، އެއްވެސް ގޮތަކަށް ތުންތުންމަތިން ކިޔާ އަޑެއްވެސް އިވިފައި ނުވެއެވެ. އެދުވަސްވަރު ހުވަދު އަތޮޅުގެ ފަންޑިތައިގެ ވާދަވެރިކަމުގައި ފަންޑިތައިގެ ބާރުން، މީހުންނާއެކު ރަށް އެއްކޮށް ސުންނާފަތިކޮށްލީ ބާވައެވެ؟ މިއީ ހައްތާވެސް އުފެދޭ ސުވާލުތަކެވެ. ހުވަދު އަތޮޅުގައި ކުރިން މީހުން އުޅުނު ބޮޑެތި ރަށްތައް ފަޅުވެ، މީހުން އާ ރަށްރަށުގައި ވަޒަންވެރިވެފައި އެބަހުއްޓެވެ. މިގޮތުން، ގދ. ކާޑެއްދޫ، ގދ. ގަން، ގއ. ކޫއްޑޫ ނުވަތަ ކުބުއްޑޫ، ފަދަ ރަށްރަށުގައި ބޮޑު އާބާދީއެއްގެ މީހުން ދިރިއުޅުނުކަމުގެ އަސަރު މިއަދާހަމަޔަށްވެސް ފެންނަން އެބަހުއްޓެވެ. މީގެ ތެރެއިން ގިނަ ރަށްރަށް ފަޅުވެފައިވާ ގޮތާއި ގުޅިގެންވެސް މައިގަނޑުގޮތެއްގައި އިވިފައިވަނީ، ސިހުރުހާހޫރަ އަދި ފަންޑިތައިގެ ވާހަކަ ތަކެވެ. އެހެން ކަމުން ކޭހުވަދޫ ނެތިގެން ގޮސްފައިވަނީ، ސިހުރުހާހޫރަ ނުވަތަ ފަންޑިތައިގެ ސަބަބުން ކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮވެއެވެ.

ޓެކްނޮލޮޖީގެ ނަޒަރައިއްޔާތަކުން ބަލާއިރު، ދުނިޔޭގެ ތިމާވެއްޓަށް ނޭދެވޭ ބަދަލުތަކެއް އަންނަމުންދާކަން ޒަމާނުއްސުރެ ފާހަގަ ކުރެވެއެވެ. މިގޮތުން ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ދިވެހި ރާއްޖޭގެ ރަށްތަކަށްވެސް ވަނީ ތަޙައްމަލުކުރަން ޖެހިފައެވެ. މިގޮތުން ރާއްޖޭގެ ގިނައަދަދެއްގެ ރައްތަށް ގިރައި، ބައެއް ރަށްތަކާއި ފިނޮޅުތަށް އަލުން އުފެދިފައިވެސް އެބަހުއްޓެވެ. އިބުނު ބަޠޫޠާގެ ދަތުރުނާމާއަށް ހަވާލާދީ، ލުޠުފީ ވިދާޅުވާގޮތުގައި، ހުވަދު އަތޮޅުގެ މީހުން ދިރިއުޅުނު ބޮޑު އެއްރަށް ކަމުގައިވާ “ކޭހުވަދޫ” ވަނީ އެއްކޮށް ގިރައިގެން ނެތި ގޮސްފައިވެއެވެ. މުޙައްމަދު އިބްރާޙީމް ލުޠުފީގެ މިބުނުމަށް ބާރުލިބޭ ހެކިތައް މިހާރުވެސް ފެންނަން އެބަހުއްޓެވެ. “ހޯޑެއްދު” އާއި “ކެރަމިންތާ” އާއި ދެމެދު ފަޅުތެރެއިން، ފެން ނެގުމަށް ބެހެއްޓުނު ވަޅުތަކުގެ ގާތަކާއި، ގެތަކުގެ ބިންގާފަދަ ތަކެތީގެ އަސަރު މިއަދާހަމަޔަށްވެސް ފެންނަން އެބަހުއްޓެވެ.

ރާއްޖެއަށް ކުރިމަތިވި ސުނާމީގައި މިފަދަ ކަންކަން ހިގާފައި އެބަހުއްޓެވެ. ސުނާމީ ބޮޑު ރާޅަށްފަހު، ބައެއް ރަށްރަށުގެ ފަޅުތެރެއިން ކުދި ފިނޮޅު އުފެދިފައި އެބަހުއްޓެވެ. އަދި ބައެއް ފިނޮޅު އަދި ފަޅުތެރޭގައި އުފެދިފައި ހުރި ތިލަ ތަންތަން ފުންވެފައިވެސް އެބަހުއްޓެވެ. މިހުރިހާ ކަމަކަށް ވިސްނުން ހިންގާލާއިރު، ބޮޑަށް ބުރަވެވެނީ ހުވަދު އަތޮޅުގެ މައިރަށް ކޭހުވަދޫ ނެތިގެން ގޮސްފައިވަނީ މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ގިރައިގެން ދިޔުމާއި ގުޅިގެންނެވެ. ނަމަވެސް ޖަވާބު ނުލިބޭ ސުވާލުތަކަކީ، ކޭހުވަދޫގެ ވާހަކަ އެއްވެސް ގޮތަކަށް ފޯކުލޯރު ވާހަކައެއްގެ ގޮތުގައިވެސް އައިސްފައި ނުވާ ސަބަބަކީ ކޮބައި ބާވައެވެ؟ ކޭހުވަދޫ އަށް ނިސްބަތްވާ އާއިލާއެއްވެސް ނެތުމުގެ އިތުރުން ކޭހުވަދޫއަށް ވީގޮތް އެނގޭ އެއްވެސް އިސް ރަށްވެއްސަކު ނެތުމަކީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދާ ކަމެކެވެ. ހަޤީޤަތުގައިވެސް ސިހުރަ ހާހޫރައިން ރަށް މީހުންނާއި އެއްކޮށް ސުންނާފަތި ކޮށްލީ ބާވައެވެ؟ މިއީ ޖަވާބު ނޭނގޭ ސުވާލެކެވެ؟ ނަމަވެސް ތާރީޚީ ހެކިތަކުން އެނގި ޔަޤީންވަނީ ކޭހުވަދޫ ކިޔާ މީހުން ދިރިއުޅުނު ރަށެއް ހުވަދު އަތޮޅުގައި އޮތެވެ. މިބުނުމަށް ބާރުލިބޭ ހެކިތަށް ނުވަތަ އަސަރު “ހޯޑެއްދޫ” އާއި “ކެރަމިންތާ” އާއި ދެމެދު ފަޅުތެރެއިން، ފެންނަން އެބަހުއްޓެވެ.

 

ހުވަދުއަތޮޅުގެ ހުޅަނގު ބިތުގައި މަޑަވެލިން ފެށިގެން ފިޔޯރީއާއި ހަމަޔަށް ގުޅިފައިވާ ރަށްތަކުގެ ތެރެއިން ކުޑަ ފަޅުރަށަކަށް ކޭހުވަދޫގެ ނަން ބައެއް ފަރާތްތަކުން މިއަދުވެސް ބޭނުން ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ބައެއް ބޭފުޅުންގެ ބުނެފައިވާގޮތުން މިރަށް އަދިވެސް ވުޖޫދުގައި އެބައޮތެވެ. ނަމަވެސް، މިއީ ކުރީގެ ހުވަދުއަތޮޅުގެ ނަން ނިސްބަތްވާ މީހުން ދިރިއުޅުނު މައި ރަށް ކޭހުވަދޫކަމެއް ސާފު ނުވެއެވެ. އަދި ކޭހުވަދޫގެ ނަން މިހާރު ބޭނުންކުރާ ފަޅުރަށުން، އެއްވެސް އިރެއްގައި ބަޔަކު އެރަށުގައި ދިރިއުޅުނުކަމުގެ ނިޝާނެއް ފެންނަން ހުރިކަމުގެ މަޢުލޫމާތު ލިބިފައި ނުވެއެވެ.

Comment