ޚަބަރު
ދެދުވަސް ފަހުން އަނެއްކާވެސް ތިނަދޫއިން އިތުރު ކޭސްތަކެއް

ގދ ތިނަދޫއިން ކޮވިޑް-19 އަށް މީހަކު ފައްސި ނުވާތާ ދެދުވަސް ފަހުން މިއަދު އިތުރު ބަޔަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

ގދ ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެރަށުން އިތުރު 5 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 3 ފަރާތެކެވެ.

ފައްސިވެފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ފާހަނގަ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކެކެވެ.

ތިނަދޫއިން މިހާތަނަށް 933 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 874 ފަރާތެކެވެ. މިވަގުތު އެރަށުގެ އެކްޓިވް ކޭސްގެ އަދަދަކީ 57 އެވެ. ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް 3 ފަރާތެއް އެރަށުން ނިޔަވެފައިވާއިރު މިވަގުތު އެރަށުގައި ހުންނަ ކޮވިޑް ފެސިލިޓިގައި ފަރުވާދެމުންދަނީ 3 ފަރާތަކަށެވެ.
ތިނަދޫއިން ކޮވިޑް-19 އަށް ބަޔަކު ފައްސިވެ އެރަށް މޮނިޓަރިންގ އަށް ލާފައި އޮތުމަށްފަހު އެރަށުގެ ހާލަތު ރަނގަޅުވަމުންދާތީ އެރަށުގެ މޮނިޓަރިންގ ހާލަތު މިހާރުވަނީ އުވާލާފައެވެ.