ހަވަރުތިނަދޫގެ މާޒީ
ޅެން : އަބްދުﷲ އަފީފް، އަލިދޯދި/ގދ.ތިނަދޫ
މިހަވަރު ތިނަދޫގެ މާޒީ މިއަދާއެކު ބައްލަވާ
މަތިވެރި ޢިބުރަތްތަކެއް ފަހެ ކަމުގައި ނުވެދާނޭތޯ
އުސްކޮށް ހުރި ހުދު ގެތަކާ މުސްކުޅި އެ ޢިމާރާތްތައް
ގޮސް ނެތިވެ މި ބިންމަތިން ހަމަ ފިސްފިސްވެ ވަޔާއެކީ
ހަސްފަސް ނެތިވީ ދުވަސްވެސް ފަސްދީ ދިޔައީ ނޫންތޯ
މިހަވަރު ތިނަދޫގެ މާޒީ މިއަދާއެކު ބައްލަވާ
އަނދަމުންދިޔަ އޮޑިފަހަރާ މުދަލާއެކުގައި ގެދޮރާ
ގަދަފަދަ ޠޫފާންތެރޭގައި ޅަދަރިން ރޮއި ހޭރުމާ
މަދަދެއްނެތިވީ އެ ޙާލަތު ބަދަލުވެ ދިޔައީ ނޫންތޯ
މިހަވަރު ތިނަދޫގެ މާޒީ މިއަދާއެކު ބައްލަވާ
ކަޅުފޮއި ދިން އަނދިރިކަމާ ފަޅުކަން އައިސްފައި މިބިމަށް
ކުޅުހިކި ހައިރާންވެ ބިރުގަނެ މޮޅިވެރި ވީ ޙާލުގައި
ފަޅުރަށަކަށްވީ އެމަންޒަރު ވަޅުޖެހި ދިޔައީ ނޫންތޯ
މިހަވަރު ތިނަދޫގެ މާޒީ މިއަދާއެކު ބައްލަވާ
އިހުގައި އޮތް “ހަވަރު” ނަމާ އިހުގައި ހިނގި މިބުނިކަމާ
އިޙުސާސް ތިނަދޫ ބިމުންނެތި އެހަނދާންތައް ފަނޑުވުމުން
ރަޙުމާ ކުލުނާއި ލޯތްބާ ރުހުމުން ހެވެނީ ނޫންތޯ