ގިނައަދަދެއްގެ ވައްކަން ކުރާ ކަމަށް ރެކޯޑް އޮތް ބަޔަކު ހުޅުމާލެއިން ވައްކަން ކުރަން އުޅޭކަން ފުލުހުންގެ އިންޓެލިޖެންސަށް އެނގުމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވައްކަން ކުރަން ތިއްބާ އަތުލައިގެންފިއެވެ.
މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ ދެ މީހުން ކަމަށްވާ އަހްމަދު ނަސީރު، 39، އާއި އަހްމަދު ޝާނީޒް، 36، އަދި މާލޭ މީހެއް ކަމަށްވާ ޔޫސުފް ޝާހީން، 45، އެވެ. މިތިން މީހުންގެ ތެރެއިން ޝާހީން އާއި ނަސީރުއަކީ އާދަޔާ ޚިލާފަށް ވައްކަމުގެ ރެކޯޑް އޮންނަ ދެމީހުންނެވެ. އެކަމަކު ވައްކަން ކުރަނިކޮށް ހައްޔަރުކުރެވުނު ޝާނީޒް މީގެ ކުރިން ކުށުގެ ރެކޯޑެއް ނެތެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިތިންމީހުން ވަގަށް ނަގާފައިވަނީ ކަރަންޓް ސާމާނާއި އޮފީހުގެ ބައެއް ސާމާނުތަކެވެ. މިސާމާނުތައް ފުލުހުން ހޯދާފައިވަނީ ވައްކަން ކުރުމަށްފަހު ފިލަންވެގެން އެރި ކާރުގެ ޑިކީއަކުންނެވެ. ކާރު ދުއްވަން އިނީ ޝާނީޒެވެ. ދެން ތިބި ދެމީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ ވައްކަންކުރި ތަނުން ނުކުމެގެން ދުވެފައި ގޮސް ކާރަށް އެރިތަނާ އެވެ.
މި މީހުން ހުއްޓުވި އިރު ލައިގެން ތިބި ހެދުމާއި ފުލުހުން ކޯޓަށް ހުށަހެޅި ސީސީޓީވީ ފުޓޭޖުން ފެންނަ މީހުން ލައިގެން ތިބި ހެދުން ދިމާވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
ކޯޓަށް ހާޒިރުކުރުމުން ޝާނީޒް ބުނެފައިވަނީ ޓެކްސީ ދަތުރެއް ލިބިގެން އޭނާ އެދަތުރު ނަގަން ދިޔަކަމަށެވެ. އެހެންނަމަވެސް ފުލުހުން ކޯޓުގައި ބުނެފައިވަނީ ނަސީރާއި ޝާހީން އެ ވައްކަން ރާވަމުން ދިޔައިރު އެކަމުގައި ޝާނީޒު ވެސް ބައިވެރިވެފައިވާ ކަމަށާއި އެކަމާ ގުޅޭ ފޮޓޯ އާއި އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ކުރިން ލިބިފައިވާ ކަމަށެވެ.
ފުލުހުން ހުށަހަޅާފައިވާ ހެއްކާއި ކުށުގެ ރެކޯޑަށް ބަލައި ޝާހީނާއި ރަޝީދު ތަހުގީގަށް 30 ދުވަހު ބަންދުގައި ބަހައްޓަން ވަނީ ކޯޓުން އަމުރުކޮށްފަ އެވެ. ޝާނީޒްގެ ބަންދަށް ދިނީ 10 ދުވަހެވެ.
އަތްކަނޑާ ބަލަ ތިބައިމީހުންގެ. ދެވަނަ ފަހަރަކަށް ނުކުރެވޭނު ގައިމު
ބޭކާރުކަމެއްތިޔަކުރީ ތިރީހަކައްހާސްދިނީމަދޫކޮއްލާނެ އެ ނިމުނީ އެހިސާބުން
މާދަން ދޫކޮއްލާނެ