ހުވަދު އަތޮޅަށް ރޭ ދަންވަރު ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމކުރި ގޮތުގައި ރޭ ދަންވަރު 12:00 އެހާކަންހާއިރު ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ބިންހެލުމުގެ އަސަރުކޮށްފައެވެ. ބިންހެލުމެއް އައިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑް ކުރާ މީޓަރަށް މިރޭ ދަންވަރު ލޮޅުމެއްގެ އަސަރު ރެކޯޑްކުރެވިފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ގއ.ވިލިނގިލީ ރައްޔިތުންނަށްވެސް ވަނީ މިބިންހެލުމުގެ އިހުސާސްވެފައެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތުދިން ވިލިނގިލީ މީހަކު ބުނިގޮތުގައި ރޭ ދަންވަރު 12:09 ހިސާބު ރަށުގެ ބަނދަރުމަތީގައި އޭނާ ހުއްޓާ އެރަށަށް ވަނީ ބިންހެލުމުގެ އަސަރުކޮށްފައެވެ. އެއީ ހީވި ގޮތެއް ނޫންކަމަށާއި އެއީ ބިންހެލުން ކަމަށް އޭނާ ވަނީ މައުލޫމާތު ދީފައެވެ.
މީގެއިތުރުން މީސްމީޑީޔާގައި ދައުރުވަމުންދާ ސްޓޭޓަސްތަކުން އެކަން ވަނީ ޔަޤީންކުރެވިފައެވެ. ގއ.ގެ ރަށްތަކަށް ބިންހެލުމުގެ އަސަރުކުރި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރާއްޖެއަށް ސުނާމީ އެރި ދުވަހު އައި ބިންހެލުމަށްވުރެ ރޭގެ ބިންހެލުން ވަރުގަދަކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
މެޓް އޮފީހުން ބުނާގޮތުގައި މިބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ކުރިމަތިވެދާނެކަމަށް ލަފާނުކުރެވެއެވެ.
މިދިޔަ އާދީއްތަ ދުވަހު މައުނާ ލޯއާގެ ސަމިޓް ކަލްޑެރާގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އަލިފާން ފަރުބަދަ “ހަވާއީގެ މައުނާ ލޯއާ” ގޮވުމާއި ގުޅިގެން ގިނަ ބިންހެލުންތަކެއް ދަނީ ދުނިޔޭގެ އެކިކަންކޮޅުތަކަށް އަންނަމުންނެވެ.