އަވަށްޓެރި ސިންގަޕޫރުގައި ޒަމާނުއްސުރެ މަނާކޮށްފައި އޮތް އެއްޖިންސުގެ ގުޅުން ހިންގުން ހުއްދަކޮށްފިއެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ސިންގަޕޫރުގެ ޤާނޫނު އަސާސީއަށް ގެނައި އިސްލާޙުގައި ބުނެފައިވަނީ ކައިވެންޏަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރުވެރި ފަރާތަކީ ހަމައެކަނި ޕާރލަމެންޓް ކަމަށާއި އަދި މިހާރު ކައިވެންޏަކީ ހަމައެކަނި ފިރިހެނަކާ އަންހެނަކާ ދެމެދު ކުރެވޭ މުއާމަލާތެއްކަމުގައެވެ.
އެޤައުމުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން މީގެކުރިން ބޮޑުވަޒީރު ލީ ސިއެން ލޫންގް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ސިންގަޕޫރުގައި އިޝްތިރާކީންގެ ޒަމާނުގައި ފިރިހެންކުޅި މަނާކުރި ގާނޫނު އުވާލަން ޕާލަމެންޓަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރ މަހުތެރޭގައެވެ.
އެހެންކަމުން އެއް ޖިންސުގެ ގުޅުން ހިންގުން މަނާ ކުރާ މާއްދާ އުވާލުމަށްފަހު ޤާނޫނު އަސާސީ މިވަނީ އިސްލާހުކޮށްފައެވެ.
މިބިލަށް ބަހުސް ކުރަމުން ގާނޫނާބެހޭ ވަޒީރު ކޭ. ޝަންމުގަމް ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ އެމާއްދާގެ ސަބަބުން އެއްބަޔަކު ނިކަމެތިވެގެންދާ ކަމަށާއި ޚާއްސަކޮށް އެ ބައެއްގެ ސަބަބުން އެހެންމީހުންނަށް އެއްވެސް ދުށްތުރާލެއް ނުފޯރާ ފިރިހެންކުޅީގެ މީހުންގެ އިޙުސާސްތަކަށް އިޙުތިރާމް ނުކުރެވުމަކީވެސް ރަނގަޅުގޮތެއް ނޫން ކަމަށެވެ.
ފާއިތުވެގެންދިޔަ އަހަރުތަކުގައި އެލް. ޖީ. ބީ. ޓީ. ކިޔޫ. ފިރިހެންކުޅި ގްރޫޕްތަކުން އެމީހުންގެ ޙައްގު ހޯދުމަށްޓަކައި ކޯޓު މަރުޙަލާތަކާއި އެތައްގޮތަކުން ކުރިމަސައްކަތް ނާކާމިޔާބުވެގެން ގޮސްފައިވުމާއިއެކު ގޫނޫނުގެ ތެރޭން މިލިބުނު މިނިވަންކަމަށް އެ ގްރޫޕްތަކުންދަނީ އުފާ ފާޅުކުރަމުންނެވެ.
އެހެންނަމަވެސް މުސްލިމުންގެ އާބާދީ ބޮޑު ސިންގަޕޫރުގައި މުސްލިމުން ދަނީ ސަރުކާރުގެ މިނިންމުމާއި ދެކޮޅު ހަދާ ނުރުހުން ފާޅުކުރަމުންނެވެ.