ރަށުތެރެއިން ކޮވިޑް ކޭސްތައް ފެނުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިން އަށް ލާފައިވާރަށްތަކުގެ އަދަދު 12 އަށް އަރައިފި އެވެ.
މި މަހު އެކަނި ވެސް 8 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ. އެއީ ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ އާއި ކ. ކާށިދޫ، އއ. ރަސްދޫ، ހދ. ކުޅުދޫއްފުއްޓާއި ހއ. ދިއްދޫގެ އިތުރުން ލިސްޓަށް މިއަދު އިތުރު ވި މ. ކޮޅުފުށްޓާއި ށ. ފީވަކެވެ.
މި ދިޔަ މެއި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި ހަމައެއާއެކު ދެކުނުގެ މަސްވެރިން އެންމެ ގިނައިން މަސް ކިރުވައި އައިސް ހޯދަން ބަރޯސާވާ އެއް ސެންޓަރު ކަމުގައިވާ ގއ. ކޫއްޑޫ ވަނީ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.
މީގެ އިތުރުން އއ. ތޮއްޑޫ އާއި ރ. ދުވާފަރު ވެސް ވަނީ މެއި މަސް ތެރޭގައި މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.
ރާއްޖޭގެ ކޮވިޑް ފެތުރުން ވަރަށް ބޮޑަށް މަޑުވުމަށް ފަހު މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވުމަށް ފަހުގައި އަނެއްކާ ވެސް ވަނީ އިތުރުވާން ފަށާފަ އެވެ.